Roadha Mihaaru
ބޮލަށް ވެއްޓެން ކައިރިވެފައި ހުރި ކިތައްމެ ތަނެއް!

ބާވެ، ބޮލަށް ވެއްޓެން ކައިރިވެފައި ހުރި ކިތައްމެ ތަނެއް!

18 ޑިސެމްބަރ 2018

އިމާރާތްތަކުން ތޮއްޖެހިފައިވާ މާލޭގައި އަލަށް އެތައް ތަނެއް އެ ދަނީ ހަދަމުންނެވެ. އެ މަސައްކަތުގައި ސަލާމަތީ ކަންކަން ދޯދިޔާކޮށް ހުރުމުގެ ޝަކުވާ އާންމުންގެ ތެރޭގައި ބޮޑުއިރު، ބާވެ ވެއްޓެން ކައިރިވެފައި ހުރި އެތައް ތަނަކުން ދެނީ ވެސް ނުރައްކާތެރިކަމުގެ އިންޒާރުތަކެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިމާރާތްތަކުން ތޮއްޖެހިފައިވާ މާލޭގައި އަލަށް އެތައް ތަނެއް އެ ދަނީ ހަދަމުންނެވެ. އެ މަސައްކަތުގައި ސަލާމަތީ ކަންކަން ދޯދިޔާކޮށް ހުރުމުގެ ޝަކުވާ އާންމުންގެ ތެރޭގައި ބޮޑުއިރު، ބާވެ ވެއްޓެން ކައިރިވެފައި ހުރި އެތައް ތަނަކުން ދެނީ ވެސް ނުރައްކާތެރިކަމުގެ އިންޒާރުތަކެވެ.

ބައެއް ގޭގޭގެ ޝީޓްތައް ވަނީ ފުނޑުފުނޑުވެފަ އެވެ. ވެއްޓިދާނެތީ އެއް ގެއެއްގެ މަތީ ފްލޯގެ ޝީޓް ދަށުގައި ހުރީ ޖުންގު ވިއްދާފަ އެވެ. ނަމަވެސް އެގޭގެ ހުރިހާ ފްލޯއެއްގައި މިހާރު ވެސް މީހުން ދިރިއުޅެ އެވެ. ފުރަތަމަ ފްލޯގެ ބެލްކަނި އޮތީ މުޅިން ފުނޑުފުނޑުވެފަ އެވެ. އެތަން ފެނިއްޖެ މީހެއްގެ ހިތަށްއަރާނީ ބާރަށް ވައި ޖެހިލިޔަސް ވެއްޓިދާނެ ކަމެވެ.

ހުރަވީ ބިލްޑިންގުގެ ސީލިންގެ ހާލަތު: ތަޅާލެވޭކަށް އަދިވެސް ނެތް. --މިހާރު ފޮޓޯ: އަހުމަދު ނިޝާތު

ހުރަވީ ބިލްޑިންގުގެ ސީލިންގެ ހާލަތު: ތަޅާލެވޭކަށް އަދިވެސް ނެތް. --މިހާރު ފޮޓޯ: އަހުމަދު ނިޝާތު

އިމާރާތް ކުރުމުގެ މަސައްކަތް ކުރާ މީހެއް ކަމަށްވާ އަލީ އިބްރާހިމް ބުނީ އެފަދަ ކިތަންމެ ތަނެއް އޭނާ މަރާމާތުކޮށްފައި ވާނެ ކަމަށެވެ. އެގޮތުން ބައެއް ތަންތަނުގައި މީހުން އުޅެނިކޮށް ޝީޓުން ތަންތަންގަނޑު ވެއްޓިގެން ވެސް މަރާމާތު ކުރަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

"ދާދި ފަހުން ވެސް މަރާމާތު ކުރިން އެކަހަލަ ތަނެއް. ފުރަތަމަ ފެން ލީކްވާ މައްސަލައިގައި އެތަނަށް ދިޔައީ. އެ މައްސަލަ ހައްލު ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން ޝީޓުން ބައެއް ވެއްޓިގެން މީހުން ހުސްކުރީ. މީހުން ހުސްކުރީ ވެސް އަހަރެމެން ބުނީމާ،" އަލީ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ޝީޓުން ބައިތައް ވެއްޓުނު ގެ ވެސް ތަޅާލާކަށް އެ ގޭގެ ވެރިން ބޭނުމެއް ނުވެ އެވެ. އެހެންވެ އަލުން މަރާމާތުކޮށް ކުރިން ބަދިގެއެއްގެ ގޮތުގައި ހުރި ތަން ވެސް ކޮޓަރިއަކަށް މިހާރު ބަދަލުކޮށް ކުއްޔަށް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

ބައުވެ ހަލާކުވަމުންދާ އިމާރާތެއް

ބައުވެ ހަލާކުވަމުންދާ އިމާރާތެއް

އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ހަސަން ނަޖީބް ބުނީ މީހުން ދިރިއުޅެނިކޮށް ހަލާކުވެ، ވެއްޓެން ފެށުމުން ތަޅާލައި އަލުން އިމާރާތް ކުރަން އޭނާގެ ކުންފުންޏަށް ކިތަންމެ މަސައްކަތެއް ލިބުނެވެ.

"ހުސްކުރަނީ ހަމަ ސީދާ ތަޅައިލަންވީމަ [އެނޫން ގޮތެއް ނެތިގެން]. އެހެން ތަޅައިލި ބައެއް ތަންތަނުގައި ދިރިއުޅުނު މީސްމީހުން ދިރިއުޅުނީ އަމިއްލައަށް ސިމެންތި ގަނޑުގަނޑު ތަތްކޮށްގެން،" މާލޭގައި ހުރި ބާ އިމާރާތްތަކުގެ ވާހަކަ ކިޔައިދެމުން ހަސަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި މާލޭގެ ގެދޮރުގެ އަގުބޮޑުކަމުން އެ ފެންވަރުގެ ތަންތަނުގައި ދިރިއުޅެން ވެސް ބައެއް މީހުން ރުހެނީ އެހެން ގޮތެއް ނެތީމަ އެވެ.

"އެކަހަލަ ތަންތަން ވަރަށް އަގުހެޔޮވާނެ އާއްމުކޮށް. ދެން ކުޑަ އާމްދަނީއަކުން އުޅޭ މީހުން ތިބެނީ އަގުހެޔޮވީމާ،" އޭނާ ބުންޏެވެ.

އިމާރާތް ބާވެގެން ރެނދު ލާފައި: މީހުން ދިރިއުޅެނީ މަޖުބޫރުވެގެން

އިމާރާތް ބާވެގެން ރެނދު ލާފައި: މީހުން ދިރިއުޅެނީ މަޖުބޫރުވެގެން

ބިރުވެރި އެކަމަކު އުޅެނީ މަޖުބޫރުވެގެން

ހަލާކުވެފައިވާ ތަނެއްގައި ދިރިއުޅުނު އެކަކީ އުމުރުން 39 އަހަރުގެ މުހައްމަދު އަހުމަދެވެ. އެކަމަކު އެގޮތަށް އުޅެން ޖެހުނީ، އޭނާ ބުނި ގޮތުގައި، މަޖުބޫރުވެގެންނެވެ.

"ދިރިއުޅުނު ތަނުން ކުއްލިއަކަށް ނުކުންނަން ޖެހުނީ، ކުލި ބޮޑު ކުރީމާ ދޫކޮށްލަން ޖެހިގެން. ދެން އެވަގުތު އެންމެ ފަސޭހައިން ލިބުނީ އެގެ،" މުހައްމަދު ބުންޏެވެ.

"އެގޭގެ ވެރިން ވެސް ބުނި އެއީ ތަޅާލަން ވެފައި ހުރި ތަނެކޭ."

އޭނާ ބުނި ގޮތުގައި ގާތްގަނޑަކަށް ތިން މަސް ދުވަހު އެގޭގައި ދިރިއުޅުނު އިރު ޝީޓުތަކުގައި ލާފައި ހުރި ރެނދުތަކުގައި އެކި ފަހަރު ކެމިކަލް އަޅަން ޖެހުނެވެ.

"އަހަރެންގެ ތިބެނީ ވަރަށް ކުޑަ ދެ ދަރިން. ވަރަށް ހާސްކަމުގައި އެ ދުވަސްތައް ހޭދަކުރީ ޝީޓުން ކުޑަ ތަންކޮޅެއް ވެސް ވެއްޓިދާނެތީ،" މުހައްމަދު ބުންޏެވެ.

މަރިޔަމް ވަހީދާ ،34، ބުނީ އޭނާ މިހާރު ވެސް ދިރިއުޅެނީ ވަރަށް ހާލުގައި ހުރި އިމާރާތެއްގައި ކަމަށެވެ. އެގޮތުން ފާރުތަކުގައި ވަރަށް ބޮޑަށް ރެނދުލައި ތަންގަނޑުގަނޑު ނެއްޓެން ފަށާފައިވާ ކަމަށް ބުންޏެވެ.

"ބާރަށް ދޮރެއް ލައްޕާލިޔަސް ފާރުން ތަންކޮޅުކޮޅު ނެއްޓޭ. އެކަމަކު މާލޭގެ ކުލި ބޮޑުކަމުން މިއުޅެނީ މިއަށް ވުރެ ރަނގަޅު ތަނަކަށް އަދި ބަދަލު ނުވެވިގެން،" އޭނާ ބުންޏެވެ.

ބާ އިމާރާތްތަކުގެ ބިރުވެރިކަން އޮތީ ހަމައެކަނި އެތަންތަނުގައި ދިރިއުޅޭ މީހުންނަށް އެކަންޏެއް ނޫނެވެ. ހިނގާ މީހުންނަށާއި އަވަށްޓެރިންނަށް ވެސް އެ ނުރައްކާ އެހާ ބޮޑެވެ. އެކަމަކު ތޮއްޖެހި، ބިމުގެ އަގުބޮޑު "މާލެ ހާލި" ދޫކޮށްލާފައި ދާކަށް ގިނަ މީހުން ބޭނުމެއް ނުވެ އެވެ. އެހެންކަމުން ނުރައްކަލުގެ ތެރޭގައި ވެސް އުޅެނީ އެވެ.