Roadha Mihaaru

މީހެއްގެ ފުރާނަ ދަންދެން މިހެން ތިބެންވީތަ؟

27 މާޗް 2022

މީގެ މަސް ދުވަސް ކުރިން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަނީ ބިރުން ފިއްކަނޑައިގެން ދާވަރުގެ މަންޒަރެކެވެ؛ މާލޭގެ އަސުރުމާ ގޯޅީގައި ހަދަމުން އައި އިމާރާތެއް ކައިރިން ދުއްވާފައި ދިޔަ ޕިކަޕެއްގެ ކުރީ ބިއްލޫރިގަނޑާ ދިމާލަށް ބޮޑު ދަގަނޑު ހޮޅިއެއް ވެއްޓި ތާށިވެފައި އޮއްވާ އެވެ. ހަނި ގޮތަކަށް ޑްރައިވަރު ސަލާމަތްވިއިރު އެ ހާދިސާ ހިނގީ އެއްކޮށް ހަދައި ނުނިމޭ 10 ބުރީގެ ގެއެއްގެ ހަތް ވަނަ ފްލޯއިން ދަގަނޑު ހޮޅިތަކެއް ތިރިއަށް ބޭލުމުގެ ތެރޭގަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މީގެ މަސް ދުވަސް ކުރިން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަނީ ބިރުން ފިއްކަނޑައިގެން ދާވަރުގެ މަންޒަރެކެވެ؛ މާލޭގެ އަސުރުމާ ގޯޅީގައި ހަދަމުން އައި އިމާރާތެއް ކައިރިން ދުއްވާފައި ދިޔަ ޕިކަޕެއްގެ ކުރީ ބިއްލޫރިގަނޑާ ދިމާލަށް ބޮޑު ދަގަނޑު ހޮޅިއެއް ވެއްޓި ތާށިވެފައި އޮއްވާ އެވެ. ހަނި ގޮތަކަށް ޑްރައިވަރު ސަލާމަތްވިއިރު އެ ހާދިސާ ހިނގީ އެއްކޮށް ހަދައި ނުނިމޭ 10 ބުރީގެ ގެއެއްގެ ހަތް ވަނަ ފްލޯއިން ދަގަނޑު ހޮޅިތަކެއް ތިރިއަށް ބޭލުމުގެ ތެރޭގަ އެވެ.

އެ ހާދިސާ އަށް މަހެއް ނުވަނީސް މިދިޔަ ހަފުތާގެ ތެރޭގައި ސޯޝަލް މީޑިއާގައި ވެސް އާންމުވީ ހަމަ އެ ކަހަލަ މަންޒަރެއްގެ ސީސީޓީވީ ފޫޓޭޖެކެވެ. "ފަރުވާ ކުޑަކަން އިންތިހާ އަށް" ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯ އިން ފެންނަނީ ސައިކަލުތައް ހުއްޓުމެއް ނެތި ދުއްވާފައި ދިޔަ މަގަކުން ބޮޑު ފިލާގަނޑެއް ބިންމައްޗަށް ވެއްޓޭ ތަނެވެ. އެ ފިލާގަނޑު މީހެއްގެ ބޮލުގައި ނުޖެހި ސަލާމަތްވީ ހަމަ ކިރިޔަ ކިރިޔާ އެވެ.

ކޮންސްޓްރަކްޝަން މަސައްކަތް ކުރާލެއް އަބަދު ވެސް ފަރުވާކުޑަ އެވެ. އެ މަސައްކަތް ކުރާ މީހުން އަމިއްލަ ސަލާމަތަށް ފިޔަވަޅު ނާޅާ އިރު، އެ ސައިޓްތަކުގައި ވެސް ސަލާމަތީ ގިނަ ކަންކަން ފުރިހަމައެއް ނޫނެވެ. އެ ސައިޓްތައް ކައިރިން ހިނގާފައި ނުވަތަ ދުއްވާފައި ދާ މީހާ އަށް ވެސް، އޭނާގެ ފުރާނައާ ދޭތެރޭ ޔަގީން ކަމެއް ނޯވެ އެވެ. ސުވާލަކީ މިއެވެ؛ ހާދިސާއެއް ހިނގައި މީހަކު މަރުވަންދެން މިހެން ތިބެންވީ ހެއްޔެވެ! މިކަން "ކަމަކަށް" ވާނީ ފުރާނައެއް ދިޔައީމަ ހެއްޔެވެ؟

ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނެތި މީހަކު އުސް އިމާރާތެއްގައި މަސައްކަތް ކުރަނީ: ދިހަ ބުރީގެ އެ އިމާރާތަށް އަރާ މަސައްކަތް އެ ކުރަނީ ބެލްޓެއް ވެސް ނާޅުވާ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނެތި މީހަކު އުސް އިމާރާތެއްގައި މަސައްކަތް ކުރަނީ: ދިހަ ބުރީގެ އެ އިމާރާތަށް އަރާ މަސައްކަތް އެ ކުރަނީ ބެލްޓެއް ވެސް ނާޅުވާ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މަރާ އެކު ދިވެހިން ހޭލައްވާލީ ކޮންސްޓްރަކްޝަން މައްސަލަ އަށް

ކޮންސްޓްރަކްޝަން ބާގަނޑުތަކަށް ދިވެހިން ކޮންމެ ފަހަރަކު ވެސް ހޭލައްވާލަނީ ކޮންމެ ވެސް ފުރާނައެއް ދިއުމުންނެވެ. އިމާރާތް ކުރަމުންދިޔަ ތަނަކުން، މީގެ ތިން އަހަރު ކުރިން، ޑިސެމްބަރު 16، 2018އިގެ ހެނދުނު ވެއްޓުނު ސިމެންތި ބަސްތާއެއް ޖެހިގެން ހަތް އަހަރުގެ ކުއްޖަކަށް އަނިޔާވި ހާދިސާ އަކީ މި ވާހަކަ ފަހުގެ ތާރީހެއްގައި އެންމެ ގަދައަށް ދެއްކި ހާދިސާ އެވެ.

ރާއްޖޭގައި މަސައްކަތްކުރަމުން އައި ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ދަރިފުޅު ރައުޝަން ޖިއާން، މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ބާއްވައިގެން ފަރުވާދެނިކޮށް ޖެހިގެން އައި ދުވަހު އެވެ.

ސިމެންތި ބަންތާ ވެއްޓޭ ވީޑިއޯ އާންމުވެ، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާލެއް ފަރުވާކުޑަކަމުގެ ޝަކުވާތައް މީހުން އޮއްސާލި އެވެ. މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ހިންގާލެއް ފަރުވާކުޑަކަމާއި ނުރައްކާތެރިކަމާ މެދު، މި ހާދިސާއާ ގުޅިގެން އެތައް ބަޔަކު ޝަކުވާކުރަން ފެށިއިރު އޭރު ސިޓީ ކައުންސިލުން ވަނީ ނަލަހިޔާ މަންޒިލް ހަދަމުންގެންދިޔަ ޑަބްލިޔު ކޮންސްޓްރަކްޝަނަށް ދިން ހުއްދަތައް ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ. އަދި އިމާރާތްކުރުމުގެ ހުއްދަދިނުން ވަގުތީ ގޮތުން މެދުކާނޑާލި އެވެ.

އިމާރާތެއްގެ މަސައްކަތް ކުރިއަށްދާއިރު ރައްކާތެރި ކަމަށް ދާގަނޑެއް ދަމާފައި-- އެކަމަކު އެތަން ހުރީ މަތިން މަގުމައްޗަށް ވެސް އެއްޗެހި ވެއްޓޭ ގޮތަށް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިމާރާތެއްގެ މަސައްކަތް ކުރިއަށްދާއިރު ރައްކާތެރި ކަމަށް ދާގަނޑެއް ދަމާފައި-- އެކަމަކު އެތަން ހުރީ މަތިން މަގުމައްޗަށް ވެސް އެއްޗެހި ވެއްޓޭ ގޮތަށް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކޮންސްޓްރަކްޝަން ސައިޓްތައް އިންސްޕެކްޓް ކުރަން ނިންމައި، ކުންފުނިތަކާ އެކު މަޝްވަރާގެ މޭޒާ ހިސާބަށް ދިޔައީ ކުޑަ ކުއްޖެއްގެ ފުރާނަ ދިއުމުންނެވެ. ފޯރީގައި ފެށި އެ މަސައްކަތް ވެސް މަޑުޖެހުނު ކަހަލަ އެވެ. އޭގެ ތިން އަހަރު ފަހުން އަނެއްކާ ވެސް ކޮންސްޓްރަކްޝަން މަސައްކަތްތައް ހިތު ހުރި ގޮތަކަށް ކުރަމުން އަންނައިރު މަތިން ވެއްޓޭ ސާމާނުތަކުން މީހުން ހަމަ ކިރިޔަ ކިރިޔާ ވިޔަސް ސަލާމަތްވާތީ މާބޮޑު ކަމަކަށް މި މައްސަލަ އަށް ނުވަނީ އެވެ.

އަނެއްކާ ވެސް ހޭވެރިކަންވާނީ މީހެއްގެ މަރުން؟

ތޮއްޖެހިފައިވާ މާލޭގައި އުސް އިމާރާތްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަޔަސް އިމާރާތްކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅަށް ނުބެލެހެއްޓޭ ކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. އިމާރާތްކުރާ ތަންތަނުގައި ސަތަރިގަނޑެއް އެކަނި ދަމާލާފައި އޮތަސް އޭގެން ވެސް ރައްކާތެރި ކަމެއް ނުލިބޭކަން މިފަހުން ހިނގާދިޔަ ހާދިސާތަކުން ސާފެވެ. އެއްގޮތަކަށް ބުނާ ނަމަ ކޮންސްޓްރަކްޝަން ސައިޓްތައް ކައިރިން ދާން ޖެހެނީ ފުރާނަ އަތް މައްޗަށް ލައިގެންނެވެ.

ސައިޓްތަކުގައި މަސައްކަތްކުރާއިރު މަގުމައްޗަށް އެއްޗެހި ނުވެއްޓޭ ގޮތަށް ވަށައިގެން ވަރަށް ގިނަ އިމާރާތްތަކުގައި ދާ ޖަހާފައި ހުރެ އެވެ. އެކަމަކު ރަނގަޅަށް ގޮސް ބަލާލައިފި ނަމަ މީގެ ތެރެއިން ގިނަ ތަންތަަނަކީ ހަމަ ނަމެއްގައި ދަމާލާފައި ހުންނަ އެއްޗެއްކަން ސާފުވާނެ އެވެ. ދާގަނޑުގެ އެކި ދިމާ ދިމާލުން ފޫގޮސް ދަޅައިގެން ގޮސްފައި އޮތަސް ދާގަނޑު ފެންނަން އޮތިއްޔާ ވަރި ހަމަ އެވެ.

އިމާރާތެއްގައި އަޅާފައިވާ ދާގަނޑު ފޫގޮސްފައި-- ކޮންސްޓްރަކްޝަން ސައިޓްތަކަށް ގޮސް ބެލިއިރު އެކަހަލަ އެތައް ތަނެއް ފެނިފައިވޭ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިމާރާތެއްގައި އަޅާފައިވާ ދާގަނޑު ފޫގޮސްފައި-- ކޮންސްޓްރަކްޝަން ސައިޓްތަކަށް ގޮސް ބެލިއިރު އެކަހަލަ އެތައް ތަނެއް ފެނިފައިވޭ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެކަމަކު ރައްކާތެރިކަމަށް އެހާ ވިސްނަގައިގެން މަސައްކަތްކުރާ ނަމަ، މިކަހަލަ ކަމެއް ދޫކޮށްލަފާނެ ހެއްޔެވެ.؟ ކިތަންމެ ކުޑަ ކަމެއް ކަމަށް ބެލިޔަސް، މިއީ ކުޑަ ކަމެއް ނޫންކަން، ރާއްޖޭގައި ހާދިސާތައް ހިނގާފައި ހުރި ގޮތުން އެނގެ އެވެ. މަސައްކަތް ކުރިއަށްދާކަން އަންގައިދޭ ނުރައްކާތެރި ބޯޑެއް ހަރުކޮށްލުމަކުން ވެސް ނުފުދެ އެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގައި ސުވާލުކުރުމުން މީޑިއާ އޮފިޝަލް، ވިދާޅުވީ މިހާރު ވެސް ކައުންސިލުން މަސައްކަތްކުރާ ތަންތަން މޮނިޓާކުރާ ކަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު ކައުންސިލުން ކޮށްފައިވާ ޓްވީޓެއް ހިއްސާކުރިއިރު އޭގައި ވަނީ މާލޭގައި އިމާރާތްކުރާ ތަންތަން ސާވޭ ކުރަމުން އަންނަ ކަމަށާއި 50 އަށް ވުރެ ގިނަ ތަން ސާވޭކޮށް ނިންމާފައިވާ ކަމަށެވެ.

މާލޭގެ އިމާރާތެއްގެ މަސައްކަތް ކުރުމަށް އެ ސަރަހައްދުގައި ސަތަރިގަނޑެއް ދަމާފައި-- ފޮޓޯ؛ ފަޔާޒު މޫސާ/ މިހާރު

މާލޭގެ އިމާރާތެއްގެ މަސައްކަތް ކުރުމަށް އެ ސަރަހައްދުގައި ސަތަރިގަނޑެއް ދަމާފައި-- ފޮޓޯ؛ ފަޔާޒު މޫސާ/ މިހާރު

"ކުރިއަށް އޮތް ދުވަސްތަކުގައި މި ސާވޭ މާލޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށް ގެންދާނަން،" މިދިޔަ މަހުގެ 20 ގައި ކައުންސިލުން ކުރި ޓްވީޓްގައިވެ އެވެ.

މާލޭގައި މަސައްކަތްކުރުމުގެ ހުއްދަ ކައުންސިލުން ދޫކުރާއިރު އެކަމާ ގުޅިގެން ފިޔަވަޅެއް ނާޅާތޯ އެހުމުން އޮފިޝަލް ވިދާޅުވީ ފަރުވާ ކުޑަކޮށް މަސައްކަތްކުރާ ތަންތަނާ މެދު ކައުންސިލުން ފިޔަވަޅު ވެސް އަޅާ ކަމަށެވެ. އެކަމަކު މިހާތަނަށް މިކަން ފަރުވާކުޑަކޮށްލައިގެން ފިޔަވަޅު އެޅީ ކިތައް ތަނަށް ކަމެއް ވިދާޅެއް ނުވެ އެވެ.

"ކައުންސިލުން އެޓެންޑްވޭ މި ކަހަލަ މައްސަލަތަކުގައި. ގެއްލުންވާ ގޮތަށް އެެއްޗެހި ހުންނަންޏާ އެ އެއްޗެހި ނަގުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މަސައްކަތްކުރާއިރު ބޭނުންކުރާ ގަލާއި ލަކުނޑި އާއި އެކި ކަހަލަ ސާމާނުތައް މަތިން މަގުމައްޗަށް ވެއްޓި އަނިޔާ ވަނީ ހަމައެކަނި މީހުންނަކަށް ނޫނެވެ. މީހުންގެ އަގު ބޮޑެތި ސާމާނަށް ގެއްލުން ވަނީ އެވެ.

އިއްޔެ ވެސް ފެނުނީ މިކަހަލަ މަންޒަރެކެވެ. ގެއެެއްގެ ބެލްކަނީގައި އިންދާފައި ހުރި ގަސް ޕޮޓްތަކެއް، އިއްޒުއްދީން މަގުން ދުއްވާފައި ދިޔަ ޓެކްސީއެއްގެ މައްޗަށް ވެއްޓި ޓެކްސީގެ ފަހަތު ބިއްލޫރިގަނޑު މައްޗަށް ވެއްޓި ތަޅައިގެން ދިޔައީ އެވެ. އެ ހާދިސާ ހިނގިއިރު ފަހަތު ސީޓުގައި މީހަކު އިން ނަމަ، އަނިޔާއެއް ނުވެ ސަލާމަތްނުވާ ވަރުގެ ބޮޑު ހާދިސާއެއް ހިނގިއިރު ގޭގޭގެ ބެލްކަނިތަކުގައި ބަހައްޓާފައި ހުންނަ ޕޮޓްތަކުން މީގެ ކުރިން ވެސް މިކަހަލަ ގެއްލުން އުޅަނދުތަކަށް ލިބިފައި އެބަ ހުއްޓެވެ.

އިމާރާތަކުން ޓެކްސީއެއްގެ މައްޗަށް ޕޮޓްތަކެއް ވެއްޓިފައި--

އިމާރާތަކުން ޓެކްސީއެއްގެ މައްޗަށް ޕޮޓްތަކެއް ވެއްޓިފައި--

ކޮންސްޓްރަކްޝަން ސައިޓްތަކުން ދެން ކުރިމަތިވާ ނުރައްކާތެރި ހާދިސާތަކަކީ އެތަނުގައި މަސައްކަތްކުރާ މީހުން އެއްވެސް ފިޔަވަޅެއް ނާޅާތީ ހިނގާ ހިތާމަވެރި ހާދިސާތަކެވެ. ކޮންސްޓްރަކްޝަން ސައިޓްތަކުގައި އުޅޭ މީހުން ހެލްމެޓް ނާޅައި މަސައްކަތްކުރުމާއި އުސް އިމާރާތްތަކުގެ މަރާމާތުގެ މަސައްކަތުގައި އުޅޭއިރު ބެލްޓެއް އެއްޗެއް އަޅުވާ ނުލާ ވެސް މަސައްކަތް ކުރަނީ އެވެ. މިގޮތަށް އުޅުމުގެ ތެރޭގައި މަތިން ވެއްޓި ބޮޑެތި އަނިޔާތައް ލިބެ އެވެ.

ކޮންމެ ފަހަރަކު މީހަކު މަރުވުމުން ހަރުކަށި ފިޔަވަޅު އެޅުމުގެ ބަދަލުގައި މިއީ ކުޑަ ކަމެއްގެ ގޮތުގައި ދޫކޮށްލެވެން އޮތް މައްސަލައެއް ނޫނެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުގެ ފަރުވާ ކުޑަކަމުގެ މައްސަލަ އަށް އާންމުން ބޭނުންވަނީ ދާއިމީ ހައްލެކެވެ. ކޮންމެ ފަހަރަކު ޖޫރިމަނާއަކުން ދޫކޮށްލުމުގެ ބަދަލުގައި ދެން މިކަން ތަކުރާރުނުވާނެ ކަަހަލަ ހައްލެކެވެ.