Roadha Mihaaru

ކޮންސްޓްރަކްޝަން ސައިޓުތައް: ނުރައްކަލުގެ ހާއްޔެއް

ހެނދުނު ސައި ބޮއިގެން ހަތް އަހަރުގެ ކުޑަ ރައުޝަން ޖިއާން ހިނގާލާފައި ދިޔައީ އޭނާގެ މަންމައާ އެކު އެވެ. މ. ނަލަހިޔާ މަންޒިލް ޕޭވްމަންޓު މަތިން ދިޔައިރު އޭނާގެ ކިބައިން ކުޑަކުއްޖެއްގެ މައުސޫމްކަމާއި އުފާވެރިކަމެވެ. އެކަމަކު އެ އުފާވެރިކަން ގެއްލިގެން ދިޔައީ އެންމެ ދެ ސިކުންތު ތެރޭގަ އެވެ: މަތިން ވެއްޓުނު 50 ކިލޯގެ ބޮޑު ސިމެންތި ބަސްތާއަކުން ޖެހުމާ އެކު ހަރަކާތް ހުއްޓުނެވެ. އެންމެ ފަހުން ހޮސްޕިޓަލްގައި އިއްޔެ އެވަނީ މަރުވެފަ އެވެ.

ކޮންސްޓްރަކްޝަން ސައިޓުތައް: ނުރައްކަލުގެ ހާއްޔެއް
ހަސަން މުހައްމަދު
ހަސަން މުހައްމަދު

18 ޑިސެމްބަރ 2018

ހެނދުނު ސައި ބޮއިގެން ހަތް އަހަރުގެ ކުޑަ ރައުޝަން ޖިއާން ހިނގާލާފައި ދިޔައީ އޭނާގެ މަންމައާ އެކު އެވެ. މ. ނަލަހިޔާ މަންޒިލް ޕޭވްމަންޓު މަތިން ދިޔައިރު އޭނާގެ ކިބައިން ކުޑަކުއްޖެއްގެ މައުސޫމްކަމާއި އުފާވެރިކަމެވެ. އެކަމަކު އެ އުފާވެރިކަން ގެއްލިގެން ދިޔައީ އެންމެ ދެ ސިކުންތު ތެރޭގަ އެވެ: މަތިން ވެއްޓުނު 50 ކިލޯގެ ބޮޑު ސިމެންތި ބަސްތާއަކުން ޖެހުމާ އެކު ހަރަކާތް ހުއްޓުނެވެ. އެންމެ ފަހުން ހޮސްޕިޓަލްގައި އިއްޔެ އެވަނީ މަރުވެފަ އެވެ.

ޖިއާން އަށް ދިމާވި ހާދިސާއާ ގުޅިގެން މާލޭގެ ކޮންސްޓްރަކްޝަން ސައިޓްތަކާ މެދު އާންމުންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ. އެއީ ރައްކާތެރިކަމާއި ސަލާމަތުގެ ފިޔަވަޅުތައް ދޯދިޔާކޮށް ބަހައްޓައިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަން މިހާރު އެވަނީ ޔަގީންވެފަ އެވެ.

"މިހާރު" ގެ ނޫސްވެރިން ވަނީ މާލޭގެ ބައެއް ސައިޓުތަކަށް ގޮސް ކަން ހިނގާ ގޮތް ބަލައިފަ އެވެ.

ކުރިން ވެސް އާންމުން ގަބޫލުކުރާ ގޮތަށް، ސަލާމަތީ ކަންކަން ދަށެވެ. ވަށައިގެން ސޭފްޓީ ނެޓު ދަމާފައި ހުރީ މަދު ތަނެއްގަ އެވެ. މައްޗަށް ސިމެންތި އާއި އެހެނިހެން އެއްޗެހި ނަގަނީ ހިނގާބިނގާވެ އުޅޭ މީހުންގެ އިތުރުން މަސައްކަތްކުރާ މީހުންނަށް ވެސް ނުރައްކާތެރި ގޮތަށެވެ.

ސޭފްޓީ ނެޓު ނެތި މަސައްކަތް ހިންގަމުން ދިޔަ ނުވަތަ ނެޓު ޖަހާފައި ހުރި ނަމަވެސް ބާވެގެން ހަލާކުވެފައި ހުރި 20 އަށް ވުރެ ގިނަ ސައިޓު ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެނުނެވެ.

ބައެއް ކޮންސްޓްރަކްޝަން ސައިޓުތަކުގައި ފައުންޑޭޝަން ހަދަން ތައްޔާރުވަމުން ދިޔައިރު އެއީ ވަށައިގެން ބައްދާފައެއް ނެތެވެ. އެންމެ ކުޑަވެގެން މަގުމައްޗަށް ހުރި ފަރާތް ވެސް އޮތީ ހާމައަށެވެ. އެފަދަ ތަނަކަށް ކުޑަކުއްޖަކު ނުވަތަ ބޮޑުމީހަކު ވެސް ވެއްޓިދާނެ އެވެ.

ޖިއާން އަށް ދިމާވި ހިތާމަވެރި ހާދިސާއަށް ފަހު މާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކާ މެދު އާންމުންގެ ނުތަނަވަސްކަން އޮތްކަން ވަރަށް ބޮޑަށް ހާމަވި އެވެ. މި ނޫހާ ވާހަކަ ދެއްކި ހުރިހާ މީހުން ވެސް އެ ކަންބޮޑުވުން ފާޅުކުރި އެވެ.

އައިމިނަތު ދީމާ، 29، ބުނީ ޖިއާންގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނީ އޭނާ އާންމުކޮށް ވަދެއުޅޭ ގެއެއްގެ ކުރިމަތިން ކަމަށެވެ.

"ހެނދުނު ސައި ބޯން ވެސް، މެންދުރު ކާން ވެސް އަދި ރޭގަނޑު ވެސް ވަރަށް ގިނައިން އެ ގޯޅި ތެރެއަށް ދަން. އާންމުކޮށް ފެނޭ އެގޭ މައްޗަށް ބަސްތާ އަރުވާތަން. އެ ބަސްތާތައް އެރުވުން މަޑުޖައްސާލީމާ ނޫނީ އަހަރެން ނުވަންނަން،" ދީމާ ބުންޏެވެ.

ބައެއް މީހުންނަށް ދިމާވެފައި ހުރި ނުރައްކާތެރި ހާދިސާތައް ވެސް، "މިހާރު"ގެ ނޫސްވެރިންނާ ހިއްސާކުރި އެވެ.

"ކޮންސްޓްރަކްޝަން ސައިޓެއް ކައިރިން ހިނގާފައި ދަނިކޮށް އެއް ދުވަހަކު ވެއްޓުނީ ޝިފްޓަރެއް ފައި ބުޑަށް. އޭގެ ފަހުން ވަރަށް ބިރުގަނޭ. އަބަދުވެސް ވިސްނޭ އެކަހަލަ ތަނެއްގެ ކައިރިން ދާއިރު،" އަހުމަދު ރިފާ، 30، ބުންޏެވެ.

އެހެން މީހަކު ބުނީ މީގެ އަހަރުތަކެއް ކުރިން އޭނާ ބުރުޒު މަގުން ހިނގާފައި ދަނިކޮށް ބޮޑު ދަގަނޑު ގަނޑެއް ގަޔާ ވަރަށް ކައިރިއަށް ވެއްޓުނު ކަމަށެވެ.

"އަހަރެން ކަންފަތް ކައިރިން ވައި އަޅުވާލާފައި ދިޔައީ،" މުހައްމަދު ހަސަން، 38، ކިޔައިދިނެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތްތެރިކަން ހުންނަ ގޮތުން އެފަދަ ތަންތަނުގެ ކައިރިން ނުދާން ބައެއް މީހުން ތިބެނީ އަޒުމް ވެސް ކަނޑައަޅައިގެންނެވެ.

"އަހަރެންގެ ދަރިފުޅަށް 13 އަހަރު. އަންހެނުން ކައިރި ވެސް ބުނެފައި އޮންނާނީ ދަރިފުޅު ގޮވައިގެން އެފަދަ ތަނެއް ކައިރިން ނުދާން. މާލޭގައި ވެފައި މި ހުންނަ ގޮތަކީ ކޮންސްޓްރަކްޝަން ސައިޓުގެ ބައެއް އެއީ ޖެހިންގެ ހުންނަ ޕޭވްމަންޓާ މަގުގެ އެއް ބައި ވެސް،" ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ޕެރޭރާ ބުންޏެވެ.

މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ހިންގާ ތަންތަނާ ކައިރިން ޕެރޭރާ އާއި އޭނާގެ އާއިލާގެ އެއްވެސް މީހަކު ނުދެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އޮތް ތަނެއްގައި ބާއްވާފައި ކުންފުނިތަކުން ނުވަތަ ގެދޮރު ހަދާ ވަކިވަކި ފަރުދުން ވެސް ބަލަނީ އަވަހަށް މަސައްކަތް ކުރިއަށް ގެންދާށެވެ. އެކަމަކު ބޮޑު ނުރައްކަލެއް ހިނގުން އޮންނަނީ ކައިރީގަ އެވެ. އެއީ ކޮންމެ ވަގުތަކުން ވެސް ދިމާވެދާނެ މައްސަލައެކެވެ.

ޖިއާންގެ މައުސޫމްކަމާއި އޭނާގެ ލޯބިން އާއިލާއެއް މަހުރޫމްވެގެން އެ ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. މިއީ ހިތްދަތި ހާދިސާއެކެވެ. ހަމައެހެން ކަންކަން ރަނގަޅުކުރަން މެދުވެރި ސަބަބަކަށް ވެސް މިހާރު މި އޮތީ ވެފަ އެވެ.