Roadha Mihaaru
ފުލުހުން ގޯސްތަކެއް ހަދާފައިވޭ، އެކަން ރަނގަޅުކުރާނަން

ފުލުހުންގެ މުއައްސަސާއިން ގޯސްތަކެއް ހަދާފައިވޭ، މި ފެށީ އެކަން ރަނގަޅުކުރުމުގެ މަސައްކަތް: ހަމީދު

17 ޑިސެމްބަރ 2018

ފާއިތުވި އަހަރުތަކުގައި ފުލުހުންގެ މުއައްސަސާއިން ގޯސްތަކެއް ހަދާފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިހާރު އެ ފެށީ އެ ކަންތައްތައް ރަނގަޅުކުރުމުގެ މަސައްކަތް ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފާއިތުވި އަހަރުތަކުގައި ފުލުހުންގެ މުއައްސަސާއިން ގޯސްތަކެއް ހަދާފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިހާރު އެ ފެށީ އެ ކަންތައްތައް ރަނގަޅުކުރުމުގެ މަސައްކަތް ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރެއިން ފުލުހުންގެ މުއައްސަސާ އަށް ހަވާލުކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ އެ މުއައްސަސާއާ ގުޅިގެން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ އެކަންކަމަށް ބަލައި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ފާއިތުވެދިޔަ ތަނުގައި ފުލުހުންގެ މުއައްސަސާއިން ކޮށްފައިވާ ގޯސް ކަންތައްތަކެއް ފާހަގަކުރަމުން އަންނަ އަދި ކޮށްފައިވާ ކަން އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންގެ އެހުރި ކަންބޮޑުވުންތަކަށް، ހާއްސަ ގޮތެއްގައި އަޅުގަނޑުމެންނަކީ، ރައްޔިތުންނަށް ހިދުމަތް ދޭން ތިބ ބައެއް. ހިދުމަތުގައި އިސް ވާނީ ރައްޔިތުން. ރައްޔިތުންގެ މެދުގައި އެފަދަ ކަންބޮޑުވުންތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ހިނދު، އެ ކަންބޮޑުވުންތައް އަޅުގަނޑުމެން ދެނެގަނެ އޭގެ މައްޗަށް ކަންކަން ރަނގަޅުކޮށް އިސްލާހުކުރުމުގެ މަސައްކަތް މި ފަށަނީ މިއަދު،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު އެއީ އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. މީގެ ކުރިން ވެސް ފުލުހުންގެ ލީޑަޝިޕުގައި ތިއްބެވި ބޭފުޅުން އެކި ހަފުލާތަކުގައި އެގޮތަށް ވިދާޅުވާ ކަމަށާއި ނަމަވެސް މިހާރު އެކަން ކުރަން ޖެހެނީ އަމަލުން ކަމަށް ފާހަގަކުރެއްވި އެވެ.

"ފުލުހުންގެ މުއައްސަސާއިން ވެސް އެފަދަ ނުފޫޒުތަކަށް ޖާގަ ނުދިނުން އެއީ އެންމެ ރަނގަޅު ގޮތަކީ. އަދި އެފަދަ ނުފޫޒު ފޯރުވަން ތިބިި ބަޔަކު ވެސް އަދި ފަރާތްތަކުން ވެސް ނުފޫޒު ނުފޯރުވުމަށް އަޒުމް ކަނޑައަޅަންވީ،" އެސިސްޓެންޓް ޕޮލިސް ކޮމިޝަނާގެ މަގާމުގައި ހުންނެވި ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ މަސައްކަތް ޕްރޮފެޝަނަލްކޮށް ކުރެވޭނެ ކަމަށާއި އެ ބޭފުޅުން މަސައްކަތް ކުރައްވާނީ ގާނޫނުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ ރޭންކެއްގެ ފުލުހަކަށް ވިއަސް ބުނާ ބަހަކާއި ކުރާ އަމަލަކަށް އެމީހަކު ޒިންމާވާންޖެހޭނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މުއައްސަސާ، މި މިންގަނޑުގެ ތެރެއިން މަސައްކަތްކޮށް ސިޔާސީ ނުފޫޒުން އެއްކިބާވެ، އަދި އެއްކިބާވާން ވެސް މަސައްކަތްކުރާނެ،" ހަމީދު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަށް ސިޔާސީ ނުފޫޒު ވަނަ ނުދިނުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ މީހުންނާ ހަވާލުކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމުގައި މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު މަސައްކަތް ކުރެވޭ އަދި ކުރާ ބައެއްކަން ކަށަވަރުކުރުމަށްޓަކައި، ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބޭތޯ ކަަށަވަރުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފާއިތުވި އަހަރުތަކުގައި ފުލުހުންގެ މުއައްސަސާއާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު އެ އިދާރާ އަށް އެންމެ ބޮޑަށް އަމާޒުވީ ސިޔާސީ ނުފޫޒު ވަދެގެން މަސައްކަތް ކުރުމުގެ ފާޑުކިޔުމެވެ.