Roadha Mihaaru
އިމްރާނާއި ހަމީދު ރިލްވާންގެ އާއިލާއާ ބައްދަލުކޮށްފި

ހޯމް މިނިސްޓަރާއި ސީޕީ ރިލްވާންގެ އާއިލާއާ ބައްދަލުކުރައްވައިފި

04 ސެޕްޓެމްބަރ 2019

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ މަރާލާފައިވާ މީހުންނާއި ވަގަށް ނަގާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ހޯދުންތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއާ ބައްދަލުކުރަން ސީޕީ އެދިވަޑައިގެންފައިވާ ކަމަށެވެ.

ރިލްވާންގެ ގޭގައި ބޭއްވި ބައްދަލުވުމުގައި، އޭނާގެ މަންމަ އާމިނަތު އީސާ އަދި ދައްތަ ފާތިމަތު ޝެހެނާޒް ބައިވެރިވި އެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓާ ހަފްސީ އަބްދުﷲ ވިދާޅުވީ އެ ބައްދަލުވުމުގައި، ރިލްވާންގެ އާއިލާއާއެކު ހޯމް މިނިސްޓްރީ އާއި ފުލުހުން ތިބިކަން ހާމަކުރައްވާފައިވާ ކަމަށެވެ. އަދި އިންސާފު ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު ރިލްވާންގެ އާއިލާއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޕޮލިސް

ހޯމް މިނިސްޓަރު އިމްރާނާއި ސީޕީ ހަމީދު ރިލްވާންގެ އާއިލާއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޕޮލިސް

ރިލްވާން ވަގަށް ނެގިތާ މިދިޔަ އޮގަސްޓް 8 ވަނަ ދުވަހަށް ވަނީ ފަސް އަހަރު ވެފަ އެވެ. ނަމަވެސް އާދިއްތަ ދުވަހާ ހަމައަށް ވެސް ރިލްވާނަށް ވީގޮތެއް ނޭނގެ އެވެ. މީގެ ކުރިން ފުލުހުން ބުނެފައިވަނީ ރިލްވާން ވަގަށް ނަގައިގެން އަރުވައިގެން ގެންދިޔައީ ރަތް ކުލައިގެ ކާރެއްގައި ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.

ރިޔާސީ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރިލްވާން ވަގަށް ނަގައިގެން ޑިންގީއެއްގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގެ އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިކަން އަދި ކަށަވަރުކުރަންޖެހޭ ކަމަށް ބުނެފައިވެ އެވެ.

ރިލްވާންގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމުގެ ތުހުމަތު ކޮމިޝަނުން ކޮށްފައިވެ އެވެ. އަދި އެކަމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރާ އިންޓެލް ފުލުހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.