Roadha Mihaaru
ގަޓޫސޯ އާއި އިންޒާގީގެ ކުރިމަތިލުން އެއްވަރުވެއްޖެ

ގަޓޫސޯ އާއި އިންޒާގީގެ ކުރިމަތިލުން އެއްވަރުވެއްޖެ

19 ޑިސެމްބަރ 2018

ބޮލޯނިއާ (ޑިސެމްބަރު 19) – އިޓަލީ ގައުމީ ޓީމާއި އޭސީ މިލާނާ އެކު ގިނަ ކާމިޔާބުތަކެއް ކުރިން ހޯދާފައިވާ ޖެނާރޫ ގަޓޫސޯ އާއި ފިލިއްޕޯ އިންޒާގީ ކޯޗުންގެ ގޮތުގައި ކުރިމަތިލީ މެޗުން، ރޭ އިޓާލިއަން ލީގުގައި ގަޓޫސޯގެ މިލާނާއި އިންޒާގީގެ ބޮލޯނިއާ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބޮލޯނިއާ (ޑިސެމްބަރު 19) – އިޓަލީ ގައުމީ ޓީމާއި އޭސީ މިލާނާ އެކު ގިނަ ކާމިޔާބުތަކެއް ކުރިން ހޯދާފައިވާ ޖެނާރޫ ގަޓޫސޯ އާއި ފިލިއްޕޯ އިންޒާގީ ކޯޗުންގެ ގޮތުގައި ކުރިމަތިލީ މެޗުން، ރޭ އިޓާލިއަން ލީގުގައި ގަޓޫސޯގެ މިލާނާއި އިންޒާގީގެ ބޮލޯނިއާ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މި ވަގުތު މިލާން ހުރިހާ ގޮތަކުން ވަރުގަދަކޮށް އޮތް ނަމަވެސް ރެލިގޭޝަން ޒޯނުގައި އޮތް ބޮލޯނިއާ އިން ވަނީ އެ ޓީމު ހުއްޓުވުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ކުރީގެ ޑިފެންސިވް މިޑްފީލްޑަރު ގަޓޫސޯގެ މިލާނުން މުޅި މެޗު ކޮންޓްރޯލްކުރި ނަމަވެސް ފޯވާޑް އިންޒާގީގެ ބޮލޯނިއާ އިން ވަނީ ފަހަތަށް ޖެހިގެން ތިބެ ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅެފަ އެވެ.

ރޭގެ މެޗުގެ 76 ވަނަ މިނެޓުގައި މިލާނުގެ ޓިމެއޯ ބަކަޔޯކޯ އަށް ރަތްކާޑު ދައްކާފައިވާތީ އަދި ފްރޭންކް ކެސިއޭ އަށް ދެއްކި ރީނދޫ ކާޑާ އެކު ސަސްޕެންޑްވެފައިވާތީ ކުރިއަށް އޮތް ފިއޮރެންޓީނާ މެޗަށް ގަޓޫސޯގެ ބޮލުގެ ރިހުން ވަނީ ގަދަވެފަ އެވެ. އެ ޓީމުގެ ފުރަތަމަ އެގާރައިގައި އާއްމުކޮށް ކުޅޭ ދެ މިޑްފީލްޑަރުން ކަމަށްވާ ލޫކަސް ބިޖިލިއާ އާއި ޖިއަކޯމޯ ބޮނަވެންޗޫރާ އަނިޔާގައި ތިއްބާ މި ދެ ކުޅުންތެރިން ސަސްޕެންޑްވުމަކީ ބޮޑު މައްސަލައެކެވެ.

މި މެޗު އެއްވަރުވުމުން މިލާނަށް ވަނީ ހަތަރު ވަނައިގައި ލީޑު ބޮޑުކުރުމުގެ ފުރުސަތު ގެއްލިފަ އެވެ. ފަސް ވަނައިގައި އޮތް ލާޒިއޯ މި ހަފުތާގައި ކުޅުނު މެޗުން އެޓަލާންޓާ އަތުން 1-0 އިން ބަލިވެފައިވާތީ ރޭ މިލާން މޮޅުވި ނަމަ ހަތަރު ޕޮއިންޓުގެ ފަރަގެއް އަންނާނެ އެވެ. މިލާން ހަތަރު ވަނައިގައި 27 ޕޮއިންޓާ އެކު އޮތްއިރު ލާޒިއޯ ފަސް ވަނައިގައި އޮތީ ފަސް ޕޮއިންޓާ އެކު އެވެ. ބޮލޯނިއާ އޮތީ 12 ޕޮއިންޓާ އެކު 18 ވަނައިގަ އެވެ.

އިޓަލީއާ އެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް އަދި 2003 އާއި 2007 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ގަޓޫސޯ އާއި އިންޒާގީ ރޭގެ މެޗުގެ ކުރިން އުފާވެރި ވަގުތުކޮޅެއް ހޭދަކުރި އެވެ. ގަޓޫސޯގެ ކުރިން އިންޒާގީ ވެސް 2014/2015 ގައި މިލާނަށް ކޯޗުކޮށްދިނެވެ. އެކަމަކު އެއީ ފަހަކަށް އައިސް އެ ޓީމުގެ ނަތީޖާތައް އެންމެ ދަށްވި ސީޒަނެވެ. މި ދެ ކުޅުންތެރިންނާ އެކު މިލާނަށް ކުޅުނު ކްލަރެންސް ސީޑޯފާ ވެސް 2014 ގައި ޓީމު ހަވާލުކުރި އެވެ. އެކަމަކު ނަތީޖާ ނުނެރެވުނެވެ.