Roadha Mihaaru
ނާބެ: ފަގީރުކަމުން މަހުޖަނަކަށް ބަދަލުވި ގޮތް

ފީ ނުދެއްކިގެން ސްކޫލުން ކަނޑާލި ނާބެ، މިހާރު މަހުޖަނެއް!

06 ޑިސެމްބަރ 2019

އުމުރުން މިހާރު 63 އަހަރު ވެފައިވާ އިރު، އަދިވެސް އޭނާ ފެންނަނީ ހަލުއި ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ؛ ލިލީ ގްރޫޕްގެ ބާނީގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްގައި އަދިވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ އޭނާ އެވެ. އޭނާއާ އެކު އެހެން މީހުން ބާޒާރުމަތީގައި ފެށި ގިނަ ވިޔަފާރިތައް ބަނގުރޫޓުވެ، ބަދަލުވެ، އަދި އެހެން ގޮތްގޮތް ވެގެން ދިޔައިރު، މައްލާ އަހުމަދު ނާސިރު (ނާބެ) އެ ހުންނެވީ އުހުގަ އެވެ. ލިލީ، ލިލީ އަކަށް ހެދުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ. އޭނާގެ ވިޔަފާރީގެ ސިޔާސަތުތައް ކާމިޔާބެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އުމުރުން މިހާރު 63 އަހަރު ވެފައިވާ އިރު، އަދިވެސް އޭނާ ފެންނަނީ ހަލުއި ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ؛ ލިލީ ގްރޫޕްގެ ބާނީގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްގައި އަދިވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ އޭނާ އެވެ. އޭނާއާ އެކު އެހެން މީހުން ބާޒާރުމަތީގައި ފެށި ގިނަ ވިޔަފާރިތައް ބަނގުރޫޓުވެ، ބަދަލުވެ، އަދި އެހެން ގޮތްގޮތް ވެގެން ދިޔައިރު، މައްލާ އަހުމަދު ނާސިރު (ނާބެ) އެ ހުންނެވީ އުހުގަ އެވެ. ލިލީ، ލިލީ އަކަށް ހެދުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ. އޭނާގެ ވިޔަފާރީގެ ސިޔާސަތުތައް ކާމިޔާބެވެ.

އޭނާގެ ކުރިއެރުމާއި، ލިލީ މެކުހަށް ޖެހި ގޮތް އޭނާ ކިޔައިދެއްވީ ވަރަށް ތަފުސީލުކޮށެވެ. ތިރީސް ފަސް އަހަރުގެ ތެރޭގައި ދިމާވި އަޑިގުޑަންތަކާއި އެއިން ސަލާމަތްވާން އޭނާ އާއި ކުންފުނި ކުރި ބުރަ މަސައްކަތްތައް އެއީ މި ޖީލުގެ ކޮންމެ ވިޔަފާރިވެރިއަަކަށް ވެސް އޮތް އަގުހުރި ނަސޭހަތަކަށް ވާނެ އެވެ!

މިއީ ކާމިޔާބު ވިޔަފާރިވެރިޔާ ނާބެ، އޭނާގެ ވިޔަފާރިތަކާ ބެހޭ ގޮތުން ދެއްވި އިންޓަވިއުގެ މައިގަނޑު ޚުލާސާއެކެވެ.

ނާބެ އިންޓަވިއު ދެއްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނާބެ އިންޓަވިއު ދެއްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ލިލީ އުފެއްދުމުގެ ވިސްނުން އައީ ކޮން ހިސާބަކުންތޯ؟

ލިލީ އުފެދުނީ 1982 ވަނަ އަހަރު. އެންމެ ފުރަތަމަ ގޭގައި ވިޔަފާރި ކުރީ. ބައްޕަގެ ގެޔަށް ކިޔަނީ ފްރެންޑްލީ ކޮޓޭޖުވީމަ، "ފްރެންޑް" ކިޔާ ފިހާރައެއްގަ ތަކެތި ވިއްކަން ފެށީ. އެންމެ ފުރަތަމަ ތަކެތި އެތެރެ ކޮށްގެން ވިޔަފާރި ފެށީ 1983 ގައި. އޭރު ގާތްގަނޑަކަށް 80 ކޭސް ސައިފަތް ސްރީލަންކާއިން އެތެރެކޮށްގެން ވިއްކީ. އެ ދުވަސްވަރު ހަނގުރާމަ ފެށުނީމަ، މާލޭގައި ސައިފަތް އަޅުގަނޑުމެން އަތުގަ އެކަނި ހުރުމުން ބޮޑު ފައިދާ އެއްވި. އެއަށްފަހު އެ ލިބުނު ފައިސާއާ އެކު 1984 ވަނަ އަހަރު "ލިލީ ސްޓޯރު" ކިޔާ ފިހާރައެއް އެންމެ ފުރަތަމަ އުފެދުނީ. ލިލީގެ ހުރިހާ ނަމެއް ލިބުނީ ވެސް އެފިހާރައިން. އެއީ ކާބޯތަކެތި ވިއްކާ ފިހާރައެއް. އެ ފިހާރައަކީ ކޮލިގޭ ނާސިރާ ކިޔާ ބޭފުޅެއްގެ ފިހާރައެއް. އެފިހާރަ ކުއްޔަށް ހިފައިގެން ވިޔަފާރި ފެށީ. މިހާރު އެކަމަކު ލިލީ އެންޓަޕްރައިޒަސް، ލިލީ ޝިފިން، ލިލީ ބީޗް، ލިލީ ހޮޓެލްސް، ލިލީ އެފްއެމްބީ، ލިލީ އިންޓަނޭޝަނަލް އަދި ހައިޑްއަވޭ ވަނީ އުފެދިފައި.

ވިޔަފާރި ފުޅާވެގެން އައީ ކިހިނެއްތޯ؟

އެ ދުވަސްވަރަކީ ރިސޯޓުތައް ވިޔަފާރިފުޅާ ވެގެންދިޔަ ދުވަސްވަރެއް. އޭރު ގާތްގަނޑަކަށް 15 ރިސޯޓު ވަރު ހިންގަނީ. އެކަމަކު ރިސޯޓުތަކަށް ބޭނުންވާ ސަޕްލައިތައް ފޯރުކޮށްދޭ މީހުން މަދު. އޭރު އަޅުގަނޑުމެން ގެންނަން ފެށީ ދަޅު ކާނާ. ރިސޯޓްތަކަށް ދެން ސަޕްލައި ކުރަން ފެށުނީ. އެކަން އޮބި ނޯންނަވަރަށް ޑިމާންޑް ބޮޑުވުމުން އިތުރު ކުންފުންޏެއް ހަދައިގެން އެ ވިޔަފާރި ފުޅާ ކުރެވުނީ. އެފްއެންބީ ވިޔަފާރި ފެށީ 2000 ވަނަ އަހަރު. އަޅުގަނޑުމެންގެ ފެރީތައް ވެސް އޮންނާނެ އަތޮޅު ތެރޭގައި މިހާރު ވެސް. މިހާރު ރިސޯޓުތައް ވެސް ހުންނާނެ. އެޕޯލޯ ފަދަ ތަންތަނަކީ ވެސް ލިލީގެ 50 ޕަސެންޓް ހިއްސާވާ ކުންފުނިތައް. އެއީ ކޮންސްޓްރަކްޝަން ސާމާނު ގެންނަ ކުންފުންޏެއް. ހުޅުމާލެ އާއި އައްޑޫ ސިޓީ ހިތަދޫގައި ވެސް ފިހާރައެއް ހުންނާނެ.

ނާބެ އިންޓަވިއު ދެއްވަނީ -- ފޮޓޯ: މިހާރު

ނާބެ އިންޓަވިއު ދެއްވަނީ -- ފޮޓޯ: މިހާރު

ވިޔަފާރި ފެއްޓެވުމުގެ ކުރިން ނާސިރު ކުރެއްވީ ކޮން މަސައްކަތެއް؟

އަޅުގަނޑު 1974 ކިޔަވާ ނިންމައިގެން ސަރުކާރަށް ވަނީ. ސަރުކާރުގައި އެހެން އުޅެފައި ދިޔައީ ދަތުރުކުރަން. ދަތުރުކުރަން އުޅެފައި އައިސް ދެން ވަނީ އަމިއްލަ ވިޔަފާރި ކުރާ މީހެއްގެ މަސައްކަތަށް. އޭރު ސަރުކާރު ސެކެޓްރީއެއްގެ މުސާރައަކީ 250ރ. ސަރުކާރު ވަޒީފާ އަށް ދާން އުޅެނިކޮށް އެ މީހާ ބުނީ ތިމަންނަ ކައިރިއަށް އަތުވެއްޖިއްޔާ 350ރ. ދޭނަމޭ. އެހެންވެ އޭނަ ކައިރި އަށް ވަޒީފާ އަށް ދިޔައީ. އޭރު ވިސްނީ ތަންކޮޅެއް ގިނަ އިރު މަސައްކަތް ކުރަންޖެހުނަސް ލާރިކޮޅެއް ގިނަވަންޏާ ދާނީއޭ އެ ވަޒީފާއަށޭ. އަމިއްލަ މީހެއް ކައިރިޔަށް ދިއުމުން ބޭނުން ގަޑިއެއްގައި އެހެން ކުޅެލަން ވެސް ދެވޭނެއޭ ހިތަށް އެރީ. އޭނަ ކައިރީގައި ފަސް އަހަރު އުޅުނިން. ބޯޓު ދަތުރުކުރަން ވެސް ދިޔައީ ލާރި ގިނައިން ހޯދުމަށް. ދަތުރުކުރަން އުޅުނު އިރު މުސާރައަކަށް ލިބޭ 125 ޑޮލަރު. އޭރުއްސުރެ ދިޔައީ ލާރި ރައްކާކުރަމުން. އަމިއްލަ އަށް ކަމެއް ފެށެންދެން އެފައިސާ ބޭންކުގައި ބެހެއްޓިން.

ސްކޫލު ދުވަސްވަރު ހިޔާލު ހުރީ ކޮން ކަމެއްގައި ކުރިއަށް ވަޑައިގަންނަވަން؟

އަޅުގަނޑުމެން މަންމަމެން ބައްޕަމެން ވަރަށް ފަގީރު. ސްކޫލުގައި އަޅުގަނޑު ހަމަ ވަރަށް މޮޅު. އެކަމަކު ސްކޫލު ފީ ނުދެއްކިގެން ކަނޑާލީ. ފުރަތަމަ އަޅުގަނޑު ދިޔައީ އާލިޔާ ސްކޫލަށް. އޭގެ ފަހުން 1968 ގައި މަޖީދިއްޔާއަށް ދާން އުޅުނީ. އޭރު ސްކޫލަށް ވަދެވެން ހުރިހާ ކަމެއް ހަމަޖެހުމުން ވެސް ސްކޫލަށް ބޭނުންވާ ކަންކަން ކުރެވެން ނެތުމުން ނުދެވުނީ. ދެން އަމިއްލަޔަށް ކިޔެވީ. ސްކޫލުން އެހެން ކަނޑާލީމަ ވަރަށް އަސަރު ކުރި. އެކަމަކު އޭރު ވެސް ހިތަށް އަރާ އަމިއްލަ އަށް ކިރިޔާ ވެސް މަސައްކަތެއް ކުރެވެންޏާ ކުރާނަމޭ. މަސައްކަތް ކޮށްގެން ކުރިއަށް ދާނެމޭ.

ކައިވެނި ބައްލަވައިގަތީ ކޮން އިރަކު؟

އެންމެ ފުރަތަމަ މީހަކާ އިނީ 1975 ގައި. ދެން އެހާ ގިނަ ދުވަހެއް ނުވެ ކައިވެނި ރޫޅުނު. ގާތްގަނޑަކަށް ދެ އަހަރު ވަރު ވާނީ. ދަރިއެއް ވެސް ހުންނާނެ އޭރު. ދެ ވަނަ ކައިވެނި ކުރީ 1982 ގައި. އޭރު ކައިވެނި ކުރި ގޮތަށް މިއުޅެނީ. ދެވަނަ ކައިވެންޏަށް ވެސް ދަރިން ތިބޭނެ. ކައިވެނި ކުރި އިރު އޭނަގެ ވެސް ދަރިއެއް ހުރޭ. އެހެންވީމަ އަޅުގަނޑުގެ ތިން ކުދިން ތިބޭ.

ވިޔަފާރީގެ އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟

އަޅުގަނޑަށް ހީވަނީ މިކަމުގައި ހީވާގި ކަމުން ކަންނޭނގެ. އަދި އެކީގައި މަސައްކަތް ކުރި ހުރިހާ އެންމެންގެ ވެސް ބުރަ މަސައްކަތް. އެކުވެރިކަމުގައި އުޅެވުމުން މިކަން މިވީ. ވީހާ ވެސް ތެދުވެރިކަމާ އެކު، މީހުންގެ އިތުބާރު ލިބޭ ގޮތަށް މަސައްކަތް ކުރުމުން މިހާ ހިސާބަށް އާދެވުނީ.

ވިޔަފާރީގައި އެންމެ ބޮޑު ގޮންޖެހުމެއް ދިމާވީ ކޮން ދުވަސްވަރެއްގައިތޯ؟

އަޅުގަނޑުމެން ވިޔަފާރި ކުރުން ވަކި ހިސާބަކަށް ދިޔަތަނާއި ރާއްޖެއިން ޑޮލަރު ނުލިބޭ މީހުންނަށް މުދާ ގެނައުމުން މަނާވީ. އެއީ 1987 ހިސާބުގައި. ވަރަށް އުނދަގޫތަކާ ކުރިމަތިވި. އެކަމަކު އޭރު މުދާ ސަޕްލައި ކުރަމުންދިޔަ ބައެއް ސަފާރީ ޓުއާސް ސައްތާރު (ކެނެރީ އަބްދުއްސައްތާރު) އެއީ. އޭނާ އޭރު އެކަމުގައި އެހީތެރިކަން ފޯރުކޮށްދިން. މާގިނަ ދުވަހެއް ނުވަނީސް ނަސީބަކުން އެކަން ހައްލުވެގެން ދިޔަ. ދެން އެފަދަ އުނދަގުލެއް ކުރިމަތިވީ، 2008 ހިސާބުގައި މުޅި ދުނިޔެ އަށް ކުރިމަތި އިގްތސާދީ ދަތިތަކާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތައް. އަޅުގަނޑުމެން 1993 ގައި ބޯޓު ވެސް ދުއްވަން ފަށައިފިން. ދެ ބޯޓު އޭރު ގެންގުޅުނިން. "ލިލީމޫ" ނަމަކަށް ކިޔާ ބޯޓުގެ ދެވަނަ ދަތުރުގައި އަޑިޔަށް ދިޔައީ. ހުރިހާ މުދަލަކާ އެކު އަޑިޔަށް ދިޔައީ. އޭރު ވިޔަފާރިއާ ކަންކަމުގައި ހޭލުންތެރިކަން ހުންނަ ވަރުން އިންޝުއަރެންސް ވެސް ނުކޮށް ހުރީ. އެހެންވެ ބޮޑު ގެއްލުމާ ކުރިމަތިވި. އޭރު ގާތްގަނޑަކަށް 70 ވަރަކަށް މިލިއަން ރުފިޔާގެ ގެއްލުންވި.

ފެށި އެއްވެސް ވިޔަފާރިއެއް ހުއްޓާލެއްވިންތޯ؟

ފެށި އެއްވެސް ކަމެއް ހުއްޓާލެވިފައެއް ނުހުންނާނެ. އިތުރަށް ރަނގަޅު ކުރަމުން މިދަނީ. ބޯޓު ދުއްވުމުގައި 2008 ވަނަ އަހަރު ހިސާބުގައި 10 ވަރަކަށް ބޯޓު ގެންގުޅުނިން. އެކަމަކު އެދުވަސްވަރު ދިމާވި ކަންކަމާ ހުރެ އިންޑިޔާ އަށް އެ ބޯޓުތަކަށް ނުވަދެވޭތީ އުނދަގޫތައް ދިމާވި. އިންޑިއާގެ ބަނދަރަށް އޭރު ވަދެވެނީ 25 އަހަރު ނުވާ ބޯޓުތަކަށް. އަޅުގަނޑުމެން ގެންގުޅުނީ ތަންކޮޅެއް ދުވަސްވީ ބޯޓުތައް. ދެން އޭރު މަޑުމަޑުން ބޯޓުތައް ވިއްކަމުން އައިސް މިހާރު ހުރިހާ ބޯޓެއް ވާނީ ވިއްކާލާފައި. މިހާރު ދުއްވަނީ ޗާޓާޑް ބޯޓު. ބޮޑެތި ބޯޓު ގެންގުޅެނީ ވެސް. 1990 ވަނަ އަހަރު 100 ވަރަކަށް ކޮންޓެއިނަރު މަހަކު ގެނައި ނަމަވެސް މިހާރު މަހަކު އެކަނި 4000 ކޮންޓެއިނަރު އަޅުގަނޑުމެން ގެންނަން.

ނާބެ އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ރަނގަޅު ސްކްރިޕްޓްތަކަށް ފަންޑުކޮށްދެއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނާބެ އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ރަނގަޅު ސްކްރިޕްޓްތަކަށް ފަންޑުކޮށްދެއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި ވިޔަފާރީގެ އިންވެސްޓްމެންޓް ކިހާވަރަކަށް މިހާރު އިތުރުވެފައިވޭތޯ؟

އަޅުގަނޑުމެން މަސައްކަތް ފެށީ ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާއިން. މިހާރު ލިލީގެ ވިޔަފާރިތައް މިލިއަނުން އުޅޭނީ.

ވިޔަފާރި ކުރިއަށް ގެންދަން ގޮންޖެހުންތައް ކުރިމަތިވާ ފަރާތްތަކަށް ދެއްވާނެ ނަސޭހަތަކީ ކޮބައިތޯ؟

ބުނެލާނީ ވިޔަފާރިއެއް ފަށާއިރު ވިސްނަންވާނެއޭ އެއީ ކޮންކަހަލަ ވިޔަފާރިއެއްތޯ. ފިހާރައެއް ހުޅުވާނަމަ ކޮން ހިސާބެއްގައި ހުޅުވާ ފިހާރައެއްތޯ ބަލަންވާނެ. ދެން ވަރަށް އިތުބާރު ހިފޭ ބަޔަކަށް ވާންޖެހޭނެ. ބަޔަކަށް ޗެކެއް ދީފިއްޔާ ނުވަތަ ބަހެއް ބުނެފިއްޔާ އެ މީހުންނަށް ވަރަށް އިތުބާރު އޮންނަންޖެހޭނެ. އެހެންނޫނީ އޭނައާ ބެހޭ ގޮތުން އަންނާނީ ނުރަނގަޅު ވާހަކަތައް.

އާއިލާއާ އެކު ކޮން ގޮތަކަށްތޯ ވަގުތު ހޭދަކުރައްވަނީ؟

އާއިލާއަށް ވަރަށް ވަގުތުދެން. ހެނދުނު އޮފީހަށް ނުކުމެ އުޅެފައި މެންދުރު 2:30 ހާއިރު ގެޔަށް ގޮސް ދެން އުޅެނީ އާއިލާއާ އެކު. ދެން އަނެއްކާ ހަވީރު 5 ޖަހާކަން ހާއިރު އޮފީހަށް އަންނަން. ކުރިން އަޅުގަނޑު ހަމަ ރޭގަނޑު ކެރަމް ކުޅުމާ އެފަދަ ކަންކަން ވެސް ކޮށް އުޅުނިން. ދެން މިހާރު ފަތިހު ހޭލާފައި ކަސްރަތު ކޮށްލައިގެން ދަނީ ބެޑްމިންޓަން ކުޅެން. ހެނދުނު 7 ޖަހާއިރު ގެއަށް އައިސް ނުވައެއް ޖަހާކަންހާއިރު އޮފީހަށް ދަނީ. މިގޮތަށް ދުވަސް ހޭދަކުރާތާ 20 ނުވަތަ 25 އަހަރު ވެދާނެ. އޭގެ ކުރިން ވެސް އަޅުގަނޑަކީ ކުޅިވަރު ކުޅޭ މީހެއް. ނުކުޅޭ ކުޅިވަރެއް ނުހުންނާނެ. ކްރިކެޓް، ފުޓްބޯޅަ، ވޮލީ، ބާސްކެޓް، ޓެނިސް، ޓީޓީ ވެސް ކުޅެން. ކުރިން މަންޑި، ސުވާ، ހިރި ވެސް ކުޅެން. މިހާރު ވެސް ކުޅިވަރުތަކުގައި ލިލީ އިން ސްޕޮންސާ ދެން.

ކުރިއަށް އޮތްތަނުގައި ލިލީ ފެނިގެންދާނީ ކިހިނެއްތޯ؟

ހަމަ ވިޔަފާރީގައި ދެވެން އޮތް އެންމެ ކުރިއަކަށް ދާން ބޭނުން. މަނާ ނުކުރާ ހުރިހާ ވިޔަފާރިއެއް ކޮށްގެން ދާނީ ކުރިއަށް.

ދިރިއުޅުމުގައި އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟

ސިއްހަތު ސަލާމަތުން ހުރުން އެއީ އެންމެ ބޮޑު ކާމިޔާބީ. މި އުމުރުގައި ވެސް މިގޮތަށް މަސައްކަތުގައި އުޅެވުން މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ދެން ވިޔަފާރީގައި މި ހާހިސާބަށް އާދެވުން.