Roadha Mihaaru
ޕޮޒިޓިވްވީ ލިލީ އިންޓަނޭޝަނަލްގެ މުވައްޒަފުންނެއް ނޫން

ލިލީ ސްޓޯރާއި ލިލީ އިންޓަނޭޝަނަލަކީ ދެ ތަނެއް، ޕޮޒިޓިވްވީ ލިލީ ސްޓޯރުގެ މުވައްޒަފުންތަކެއް

19 އެޕްރީލް 2020

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި ބިދޭސީ މީހުންނަކީ ލިލީ އިންޓަނޭޝަލްގެ މުވައްޒަފުން ކަމަށް ބުނެ ސޯޝަލް މީޑިއަގައި ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި ބިދޭސީ މީހުންނަކީ ލިލީ އިންޓަނޭޝަލްގެ މުވައްޒަފުން ކަމަށް ބުނެ ސޯޝަލް މީޑިއަގައި ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޗން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ ލިލީގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ޕޮޒިޓިވްވި ކަމަށެވެ. އެގޮތުން ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ބުނާ މުވައްޒަފުން މަސައްކަތް ކުރަނީ ލިލީ އެންޓަޕްރައިސަސް (ލިލީ ސްޓޯރު) ގަ އެވެ.

ނަމަވެސް ރާއްޖޭގައި ލިލީ އިންޓަނޭޝަނަލްގެ ނަމުގައި ކުންފުންޏެއް ހިންގަމުން އަންނަ އިރު އެ ކުންފުނީގެ މުވައްޒަފުންނަކީ ވެސް ލިލީ ސްޓޯރުގެ މުވައްޒަފުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުން އަންނަ ވާހަކަތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ކަމަށް ލިލީ އިންޓަނޭޝަނަލް އިން ބުންޏެވެ. އެގޮތުން، އެ ކުންފުނީގެ މުވައްޒަފުން ޑެލިވަރީގެ ހިދުމަތް ދެމުން އަންނައިރު ގިނަ ބަޔަކު މުވައްޒަފުންނަށް ފާޑު ކިޔައި ޑެލިވަރީ ނަގަން ދެކޮޅު ހަދާ ކަމަށް ވެސް ލިލީ އިންޓަނޭޝަނަލް އިން ބުންޏެވެ.

ލިލީ އިންޓަނޭޝަނަލްގެ އޮފިޝަލަކު ބުނީ ކޮވިޑް-19 ގައި މިހާތަނަށް ފެނުނު އެއްވެސް ކޭސްއަކާ އެކުންފުނީގެ މުވައްޒަަފަކާ ގުޅުމެއް ނެތް ކަމަށެވެ. އެހެންކަމުން ދޮގު މައުލޫމާތު ފަތުރައި އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކަށް ހުރަސް އެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ލިލީ އިންޓަނޭޝަނަލް އަކީ، މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު މަލޭގެ އެކި ހިސާބުތަކަށް ކާބޯތަކެތި ޑެލިވަރީ ކޮށްދެމުން އަންނަ ކުންފުންޏެކެވެ. މި ދަނޑިވަޅު އެ ކުންފުނީގެ މުވައްޒަފުންނާ މެދު ރަނގަޅަށް ކަންތައް ކުރުމަށް ވެސް އެ ކުންފުނިން އެދެ އެވެ.

މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކުރީ މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މިހާރު ވަނީ މާލެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 32 އަށް އަރައިފަ އެވެ. މީގެ ތެރޭގައި 16 ބިދޭސީން ހިމެނެ އެވެ.