Roadha Mihaaru
ނުރަނގަޅު ކާނާގެ ތެރެއަށް ގައުމު ދޫކޮށްލެވޭކަށް ނެތް

ނުރަނގަޅު ކާނާއިން ގައުމު ހަލާކުވާން ދޫކޮށްލެވޭކަށް ނެތް: މިނިސްޓަރު

25 ޑިސެމްބަރ 2018

ސިނގިރެޓާއި ދުފުމާއި ހަކުރު އަޅާ ފޮނިކޮށްފައި ހުންނަ ބުއިންތައް ފަދަ ނުރަނގަޅު އެއްޗެހިން ގައުމު ހަލާކުގެ ތެރެއަށް ދާން ދޫކޮށް ނުލައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ސިނގިރެޓާއި ދުފުމާއި ހަކުރު އަޅާ ފޮނިކޮށްފައި ހުންނަ ބުއިންތައް ފަދަ ނުރަނގަޅު އެއްޗެހިން ގައުމު ހަލާކުގެ ތެރެއަށް ދާން ދޫކޮށް ނުލައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

"ނުރަނގަޅު ކާނާއާ ދެކޮޅަށް ކުރާ ކެމްޕެއިނަށް ކުރާ ހޭދަ އިތުރުކުރުން" ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ގައިން ގަޔަށް ނާރާ، ލައިފްސްޓައިލާ ގުޅުން ހުރި ބަލިތަކުން ދިވެހިން ވަރަށް ގިނަ އަދަދަކަށް މަރުވަމުންދާ ކަމަށެވެ.

ސިނގިރެޓާއި ސުޕާރީ އާއި އެނާޖީ ޑްރިންކްސް ފަދަ ނުރަނގަޅު ކާނާއަކީ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުގެ އެންމެ ބޮޑަށް އެއް ސަބަބު ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ދުންފަތާއި ސުޕާރީ އާއި އެނާޖީ ޑްރިންކްސްގެ ޒަރިއްޔާއިން މުޅި ގައުމުގެ ސިއްހަތު ބަރުބާދުވާން ދޫކޮށްލާން އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް. މިހެންވެއްޖެ ކަމަށްވާ ނަމަ ދިވެހި ގައުމު ވަރަށް އަވަހަށް މުސްކުޅި، މަރުވެގެން ހިނގައިދާނެ،" އަމީން ވިދާޅުވި އެވެ.

ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 84 ޕަސެންޓަކީ ގައިންގަޔަށް ނާރާ، ދިރިއުޅުމުގެ އާދަތަކާ ގުޅުންހުރި ބަލިތަކުން މަރުވާ މީހުންނެވެ. މީގެ ތެރޭގައި އެންމެ ގިނައީ ހިތުގެ ބަލިތަކުގައި މަރުވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކުން މަރުވާ މީހުން އަދި ކެންސަރު ޖެހިގެން މަރުވާ މީހުންނެވެ.

އަމީން ވިދާޅުވީ ހަމައެކަނި ނުރަނގަޅު ކާނާއާ ދެކޮޅަށް ކުރާ ހޭދަ އިތުރު ކުރި ނަމަވެސް ހަގީގީ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށެވެ.

"މި މައްސަލައަކީ މިކަމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާ ބޭފުޅުން ވަރަށް އިސްކަމެއް ދެއްވައިގެން ނޫނީ ހައްލުވާނެ މައްސަލައެއް ނޫން. އަދި ހަމައެކަނި މިއަށް ކުރާ ހޭދަ އިތުރުވެގެން ހައްލުވާނެ މައްސަލައެއް ނޫން،" އަމީން ވިދާޅުވި އެވެ.

ނުރަނގަޅު ކާނާއާ ދެކޮޅަށް ކުރާ ކެމްޕެއިނަށް ކުރާ ހޭދަ އިތުރުކޮށް އަންނަ އަހަރު ގާތްގަނޑަކަށް ތިރީހަކަށް ކެމްޕެއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުގެ ސިޔާސަތުގެ ފުރަތަމަ އަހަރު އަޅުގަނޑުމެން އަމާޒު ހިފާފައި މި ވަނީ މި ހޭދަ އިތުރުކޮށްގެން ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކުން ހޭލުންތެރި ކުރުމަށްޓަކައި 30 ވަރަކަށް ހަރަކާތް ހިންގުމަށް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ނިކުންނަނީ ހަގީގީ މާނައިގައި ނަތީޖާތަކެއް ފެންނަ ވަރުގެ މަސައްކަތްތަކެއް ކުރުމަށް."

މީގެ އިތުރުން އަމީން ވިދާޅުވީ ނުރަނގަޅު ކާނާއާ ދެކޮޅަށް ހިންގާ ކެމްޕެއިނުތަކުގައި ސިއްހަތުގެ ތަޖުރިބާކާރުންނާއި އާންމުން ބަލައިގެންފައިވާ ޝަހުސިއްޔަތުތަކާއި ވިޔަފާރިވެރިން ވެސް ބައިވެރި ކުރުވާނެ ކަމަށެވެ.