Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

03 ޖެނުއަރީ 2019

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމަކީ ޑައިރެކްޓަރު ޒޯޔާ އަހްތަރުގެ "ގަލީ ބޯއި" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމަކީ ޑައިރެކްޓަރު ޒޯޔާ އަހްތަރުގެ "ގަލީ ބޯއި" އެވެ.

ފިލްމު އަންނަ މަހުގެ 14 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު އަންނަ މަހު ބާއްވާ 69 ވަނަ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފް) ގައި ޕްރިމިއާ ކުރުމުގެ ފުރުސަތު ވެސް މި ފިލްމަށް ވަނީ ލިބިފަ އެވެ.

އިންޑިއާގެ މަގުމަތިން އުފަންވާ ކާމިޔާބު ރެޕުންތަކެއްގެ ވާހަކަ ކިޔައިދޭ "ގަލީ ބޯއި" ދެން މާ ލަސްތަކެއް ނުވެ ސިނަމާ އަށް އަންނަން މިސްރާބު ޖަހާފައިވާ އިރު، މި ފިލްމުގެ ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

ދެހާސް ފަނަރައިގައި ޒޯޔާ ގެނެސް ދިން "ދިލް ދަޅަކް ނޭ ދޯ" އަށް ފަހު، އޭނާ ގެނެސްދޭ ފުރަތަމަ ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ. މިއީ މި ދެ ތަރިން އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރު ވެސް މެ އެވެ.

"ގަލީ ބޯއި" ގެ ޕޯސްޓަރުތައް ދައްކައިލަން ފަށާފައިވާ އިރު، މާ ލަހެއް ނުވެ ފިލްމުގެ ޓްރެއިލާ ވެސް ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. "ގަލީ ބޯއީ" ގައި އާލިއާ އާއި ރަންވީރު ފެނިގެންދާ ގޮތް މި ފަހަރު ވަރަށް ވެސް ތަފާތު ވާނެ އެވެ. ޓްރެއިލާ އަށް އިންތިޒާރު ކުރަމާ ހިނގާށެވެ.

އެމީ އެންގޭޖްވެއްޖެ

މިދިޔަ ނޮވެމްބަރު މަހު ރިލީޒް ކުރި ރަޖްނީކާންތުގެ ފިލްމު "2.0" ގެ ޒުވާން ބަތަލާ އެމީ ޖެކްސަން ލޯބިވެރިޔާ ޖޯޖް ޕަނަޔިޓޯއާ އެންގޭޖްވެއްޖެ އެވެ.

ދެ މީހުން އެންގޭޖްވީ މިހާރު އާއިލާއާ އެކު ޗުއްޓީ ވެސް ހޭދަ ކުރަމުން އަންނަ ޒެމްބިއާގައި އާ އަހަރުގެ ފުރަތަމަ ދުވަހުގަ އެވެ.

އެންގޭޖްވި ވާހަކަ އެމީ ވަނީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ.

އެމީ އާއި ޖޯޖް އެންގޭޖްވީ މި މަހުގެ 1 ވަނަ ދުވަހު.

އިނގިރޭސިވިލާތަށް އުފަން އެމީ، 26، ކުރިން ބޮލީވުޑްގެ އެކްޓަރު ޕްރަތީކް ބައްބަރުއާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. ދެ މީހުން ވަނީ އެކުގައި 2012 ގައި "އޭކް ދީވާނާ ތާ" ކިޔާ ފިލްމެއް ވެސް ކުޅެފަ އެވެ.

އިންޑިއާގެ ސައުތުގެ ފިލްމުތަކުން ވެސް ފެންނަ އެމީ ކުޅެފައިވާ އިތުރު ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ 2015 ގައި އަކްޝޭ ކުމާރާ އެ ކުޅުނު "ސިންގް އިޒް ބްލިންގް" އެވެ.

"ކެބަރޭ" ޒީ5 އަށް

ކުރިން ބޮޑު ސްކްރީން ފިލްމެއްގެ ގޮތުގައު ބެލުންތެރިންނަށް ގެނެސް ދޭން ނިންމި ޕޫޖާ ބަޓާއި ޓީ ސީރީޒްގެ ބުޝަން ކުމާރު ޕްރޮޑިއުސްކޮށްފައިވާ ފިލްމު ޒީ5 އިން ސްޓްރީމް ކުރާ ގޮތަށް ނިންމައިފި އެވެ.

ފިލްމުގެ ޓްރެއިލާއަކާ އެކު މިހާރު ވަނީ ސްޓްރީމް ކުރާ ތާރީހު ވެސް ހިއްސާކޮށްފަ އެވެ. އެއީ މި މަހުގެ 9 ވަނަ ދުވަހު އެވެ.

ރޮމޭންޓިން ތުރިލާ "ކެބަރޭ" ގައި ލީޑް ރޯލް ކުޅެފައި ވަނީ މިދިޔަ މަހު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަ ކުރި ބަތަލާ ރިޗާ ޗައްޑާ އާއި ގުލްޝަން ދެވިއާގެ އިތުރުން ކަލާޒުން މި ހަފުތާގައި ނިންމައިލި ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 12 ގައި ވާދަ ކުރި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސްރީ ސާންތެވެ.

ކަސްތޯވް ނާރަޔަން ޑައިރެކްޓްކޮށްފައިވާ "ކެބަރޭ" ސްކްރީންޕްލޭ ލިޔުނީ ޕޫޖާ އެވެ.

ކަރަންގެ ޝުކުރު ރޯހިތާއި ރަންވީރަށް

ސިނަމާތަކުގައި މިހާރު ކާމިޔާބުކަމާ އެކު ދައްކަމުން އަންނަ ފިލްމު "ސިމްބާ" ގެ ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި އެކްޓަރު ރަންވީރު އަށް ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ޝުކުރު އަދާކޮށްފި އެވެ.

އޭނާ ހިއްސާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ ރޯހިތާ އެކު ކުރެވުނު މި މަސައްކަތަކީ ކެރިއަރުގެ އެންމެ އުފާވެރި އެއް ތަޖުރިބާ ކަމަށާއި "ސިމްބާ" ގެ މަސައްކަތުގެ ތެރެއިން ރޯހިތުގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ދަސްވާން ވެސް ފުރުސަތު ލިބުނު ކަމަށެވެ.

އޭނާ ބުނި ގޮތުގައި "ސިމްބާ" ދެކެ ބެލުންތެރިން އެހާ ބޮޑަށް ލޯބިވީ ރޯހިތު ކޮށްފައި އޮތް މަސައްކަތް ރަނގަޅުވުމުގެ އިތުރަށް ރަންވީރު ބަތަލެއްގެ ގޮތުން ދެއްކި މޮޅު ހުނަރާ ހެދި އެވެ. ކަރަން ސިފަ ކުރި ގޮތުގައި ރަންވީރު އަބަދު ވެސް ވާނީ ސިމްބާއަކަށެވެ.

ދެހާސް ވިހީގައި ރިލީޒް ކުރާ ކަރަންގެ ތާރީހީ ފިލްމު "ތަހުތު" އެއް ތަރިއަކީ ވެސް ރަންވީރެވެ.