Roadha Mihaaru
ވިންޑޯޒް 7 އަށް ވުރެ ވިންޑޯޒް 10 ކުރިއަރައިފި

ވިންޑޯޒް 10 އެންމެފަހުން ވިންޑޯޒް 7 އަށް ވުރެ ކުރިއަރައިފި

08 ޖެނުއަރީ 2019

ވިންޑޯޒް 10 އާންމު މާކެޓަށް 2015 ގައި ނެރުމަށް ފަހު، މައިކްރޮސޮފްޓުން އަމާޒެއް ކަނޑައެޅި އެވެ. އެއީ 2018 ނިމުމުގެ ކުރިން އެއް ބިލިއަން ޑިވައިސްގައި ބޭނުންކުރެވޭ އޮޕަރޭޓިން ސިސްޓަމަކަށް ހެދުމެވެ. އެކަމަކު، މުއްދަތު ހަމަވިއިރު ވެސް، އެ ލަނޑުދަނޑި ހާސިލެއް ނުކުރެވުނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވިންޑޯޒް 10 އާންމު މާކެޓަށް 2015 ގައި ނެރުމަށް ފަހު، މައިކްރޮސޮފްޓުން އަމާޒެއް ކަނޑައެޅި އެވެ. އެއީ 2018 ނިމުމުގެ ކުރިން އެއް ބިލިއަން ޑިވައިސްގައި ބޭނުންކުރެވޭ އޮޕަރޭޓިން ސިސްޓަމަކަށް ހެދުމެވެ. އެކަމަކު، މުއްދަތު ހަމަވިއިރު ވެސް، އެ ލަނޑުދަނޑި ހާސިލެއް ނުކުރެވުނެވެ.

ސްމާޓްފޯނުތަކާއި ޓެބްލެޓްތަކަށް ޚާއްސަ އަދަދެއް ވިންޑޯޒް 10 ގައި ހިމެނެ އެވެ. ވިންޑޯޒް 10 ހާސިލްކުރާނެ މިންވަރު އަންދާޒާކޮށް ގުނުމުގައި ސްމާޓް ޑިވައިސްތައް ވެސް ވަނީ ހިމަނާފަ އެވެ. މައިކްރޮސޮފްޓަށް އެ އަމާޒަށް ވާސިލުނުވެވުނު ސަބަބަކީ، ސްމާޓްފޯން މާކެޓްގައި ވިންޑޯޒް ފޯނުތަކަށް ފުރުސަތު ގެއްލިގެން ދިއުމެވެ.

މައިކްރޮސޮފްޓުން ދެން މަސައްކަތްކުރީ ވިންޑޯޒް 7 އަށް ވުރެ މަގުބޫލް އޮޕަރޭޓިން ސިސްޓަމަކަށް، ވިންޑޯޒް 10 ހެދުމަށެވެ. އެހެން ނަމަވެސް، އެކަމުގައި ތަޖުރިބާކުރަން ޖެހުނު ދަތިތަކާ ހެދި، އަވަސް ތާރީޚެއްގައި އެކަން ވެސް ފުރިހަމަވާ ގޮތެއް ނުވި އެވެ. ވިންޑޯޒް 10 އަށް، ވިންޑޯޒް 7 އަށް ވުރެ ދަރަޖަ މަތިވެވުނީ ދާދި މިދާކަށް ދުވަހު، ފާއިތުވި އަހަރު ޑިސެމްބަރުގަ އެވެ.

ވެބް މާކެޓް ދިރާސާކުރާ ފާމެއް ކަމަށް ވާ "ނެޓް މާކެޓް ޝެއާ" އިން ހާމަކުރި ގޮތުގައި، ވިންޑޯޒް އާއިލާގައި މިހާރު އެންމެ ގިނަ މީހުން ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމަކީ ވިންޑޯޒް 10 އެވެ. ވިންޑޯޒް 7 ބޭނުންކުރާ މީހުންގެ އަދަދު އަޑިއެޅި ސަބަބަކީ، ވިންޑޯޒް 7 ސަޕޯޓް ހުއްޓާލަން މައިކްރޮސޮފްޓުން ނިންމި ތާރީޚު ކައިރިވަމުން އައުމެވެ.

އޮޕަރޭޓިން ސިސްޓަމަކަށް އަދި އެޕްލިކޭޝަނަކަށް ސަޕޯޓް ހުއްޓާލައިފި ނަމަ، ސެކިއުރިޓީ ޕެޗްތައް ފިޔަވައި އިތުރު ކުރިއެރުމެއް ފޯރުކޮށް ނުދެ އެވެ. ސެކިޔުރިޓީ ޕެޗްތައް ވެސް ދެނީ ވަކި މުއްދަތަކަށެވެ. އެ އަށް ފަހު އެ އެއްޗެއް މުޅިން ހުއްޓާލަ އެވެ.