Roadha Mihaaru
ގިނަ ސްކޫލްތަކެއް އެއް ދަންފަޅި އަށް ބަދަލުކޮށްފި

ގިނަ ސްކޫލްތަކެއްގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކޮށްފި

10 ޖެނުއަރީ 2019

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދީއްތަދުވަހު ފަށާއިރު 100 އަށް ވުރެ ގިނަ ސްކޫލުގައި އެއް ދަންފަޅި އަށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދީއްތަދުވަހު ފަށާއިރު 100 އަށް ވުރެ ގިނަ ސްކޫލުގައި އެއް ދަންފަޅި އަށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ނޫސްވެރިންނާ ބައްދަލު ކުރައްވައި މިއަދު ވިދާޅުވީ މާލެ އާއި އަތޮޅުތަކުގެ 213 ސްކޫލުގެ ތެރެއިން އެއް ދަންފަޅި އަށް 134 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށެވެ. ބާކީ ހުރި 79 ސްކޫލެއް އެއް ދަންފަޅި އަށް ބަދަލުކުރަން ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެ މަސައްކަތް ވެސް ނިމުމަކާ ގާތްވެފައިވާ އިރު ވަކި މުއްދަތެއްގެ ތެރޭގައި ހުރިހާ ސްކޫލްތަކެއް ވެސް އެއް ދަންފަޅި އަށް ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ.

އެއް ދަންފަޅި އަށް ބަދަލުކުރާ ސްކޫލްތަކުގެ ނަމެއް މިނިސްޓްރީން މިއަދު ނުބުނެ އެވެ. އެކަމަކު އޭގެ ތެރޭގައި ހުޅުމާލޭގައި އަލަށް ހުޅުވާ ހުރަވީ ސްކޫލް ހިމެނެ އެވެ.

ސްކޫލްތައް އެއް ދަންފަޅި އަށް ބަދަލުކުރަން ސްކޫލުތަކުގެ އޮޑިޓް ހެދުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ.

މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް ސްކޫލުތަކުގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކުރި އެވެ. އެކަމަކު ނިމިގެން ދިޔަ ސަރުކާރުން ވަނީ ސްކޫލްތަކުގެ ހިންގުމަށް ބަދަލު ގެނެސް ދެ ދަންފަޅި އަށް ސްކޫލްތަކުގެ ކިޔެވުން ބަދަލުކޮށްފަ އެވެ. އޭރު ބުނެފައިވާ ގޮތުގައި އެ ބަދަލު ގެންނަން ޖެހުނީ ސްކޫލްތަކުގައި ހުރި ޖާގައިގެ ދަތިކަމާ ހެދި އެވެ.