Roadha Mihaaru
ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިލޭ ނާސްތާ ދޭން ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްކޫލްތަކުގައި ހިލޭ ނާސްތާ ދޭން ފަށައިފި

13 ޖެނުއަރީ 2019

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުން ހޭދަކޮށްގެން ސްކޫލްތަކުގައި ނާސްތާ ދޭން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުން ހޭދަކޮށްގެން ސްކޫލްތަކުގައި ނާސްތާ ދޭން މިއަދު ފަށައިފި އެވެ.

އާ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެވީ އަމީނިއްޔާ ސްކޫލްގައި އޮތް ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

އަމީނިއްޔާގެ އިތުރުން މާލެ އާއި ރަށްރަށުގެ 24 ސްކޫލެއްގައި ވެސް ހިލޭ ނާސްތާ ދޭން ވަނީ ފަށައިފަ އެވެ. ސަރުކާރުން ބުނެފައި ވަނީ މި ޕްރޮގްރާމް ފުޅާކުރާނެ ކަމަށެވެ.

ނައިބު ރައީސް ފައިސަލް، އަމީނިއްޔާގެ ދަރިވަރަކަށް ކިރު ޕެކެޓެއް ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނައިބު ރައީސް ފައިސަލް، އަމީނިއްޔާގެ ދަރިވަރަކަށް ކިރު ޕެކެޓެއް ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނައިބު ރައީސް ވިދާޅުވީ ހެދި ބޮޑުވުމުގައި ދުޅަހެޔޮ ސިއްހަތެއް ލިބިގެން ނޫނީ ފުރިހަމަ ކާމިޔާބަކާ ހަމައަށް ނުދެވޭނެ ކަމަށެވެ. އަދި މީގެ ކުރިން ތައުލީމީ ދާއިރާއަށް ހޭދަނުކުރާ ވަރަށް މި އަހަރު ހޭދަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ މި ގައުމުގައި އަމާންކަން ދެމިގެންނެއް ނުދާނެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ މިއަދަކީ ރާއްޖޭގެ ތާރީހުގައި ވަރަށް ހާއްސަ ދުވަހެއް ކަމަށެވެ. މުޅިން އަލަށް ނާސްތާ ދޭން ފެށުމުން ދަރިވަރުންގެ ކިޔެވުމަށާއި ތަރުބިއްޔަތަށާއި އަހުލާގާއި ހެދިބޮޑުވުމަށް ވެސް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ދަރިވަރުންނަށް ނާސްތާ ދޭން ފެށުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އަމީނިއްޔާ ސްކޫލުގެ ދަރިވަރަކު ހެނދުނުގެ ނާސްތާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަރިވަރުންނަށް ނާސްތާ ދޭން ފެށުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އަމީނިއްޔާ ސްކޫލުގެ ދަރިވަރަކު ހެނދުނުގެ ނާސްތާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ނާސްތާ ދޭން ފެށުމަކީ އަލަށް ކުރާ ކަމަކަށް ވާތީ ގޮންޖެހުންތަކާ ދިމާވާނެ ކަމަށެވެ. ނަމަވެސް ތަޖުރިބާގެ އަލީގައި އެކަންކަން ހައްލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ބައެއް ގައުމުތަކުގައި ސްކޫލްތައް ހަދާފައި ހުންނަނީ ވެސް ދަރިވަރުންނަށް ކެވޭނެ ރަނގަޅު އިންތިޒާމްތަކާ އެކު އެކަމަށް ހާއްސަކޮށްގެންނެވެ. ރާއްޖޭގެ ސްކޫލްތަކުގައި އެކަން ފަށަނީ ކްލާސްރޫމްތަކުގައި ނަމަވެސް އަލަށް ހަދާ ސްކޫލުތައް ފަރުމާކުރި އިރު އެކަންކަމަށް ވިސްނާނެ ކަމަށް ވެސް ވިދާޅުވި އެެވެ.

"ނާސްތާގެ ގަޑީގައި ކެއުމުގެ އަދަބުތަކަށް ހުރިހާ ކުދިން ވެސް ހުރުމަތްތެރިކޮށް ހިތަންވާނެ. އަދި ސާފުތާހިރުކަމަށް ސަމާލުކަން ދޭން ވާނެ،" ޑރ. އައިޝަތު ވިދާޅުވި އެވެ.

ހެނދުނުގެ ނާސްތާ ޕެކް: ދަރިވަރުންގެ ނާސްތާ ހުންނާނީ މިކަހަލަ ޕެކެއްގައި -- ފޮޓޯ؛ ނިޝާން އަލީ/ މިހާރު

ހެނދުނުގެ ނާސްތާ ޕެކް: ދަރިވަރުންގެ ނާސްތާ ހުންނާނީ މިކަހަލަ ޕެކެއްގައި -- ފޮޓޯ؛ ނިޝާން އަލީ/ މިހާރު

މެނޫއަށް ބަދަލުތަކެއް

އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު "މިހާރު" އަށް ވިދާޅުވީ އާއްމުންނަށް ހުޅުވާލައިގެން ބޭއްވި ފޯރަމަށް ފަހު ނާސްތާގެ މެނޫއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މިހާރު ހިމެނެނީ ހަތަރު މެނޫ ސެޓެކެވެ. އެގޮތުން ފުރަތަމަ މެނޫ ސެޓުގައި 11 ވައްތަރެއް ހިމެނޭއިރު ދެ ވަނަ ސެޓުގައި ހިމެނެނީ ފަސް ވައްތަރެކެވެ. ތިނެއް އަދި ހަތަރު ވަނަ ސެޓުގައި ހުންނާނީ، މީގެ ކުރިން އިއުލާނުކުރި މެނޫގައި ހިމެނޭ ބައެއް ތަކެއްޗެވެ.

ސައީދު ވިދާޅުވީ އެންމެ ކުރިން އިއުލާން ކުރި 25 ސްކޫލްގެ ތެރެއިން ބައެއް ސްކޫލްތަކަށް ނާސްތާ ފޯރުކޮށްދޭނެ ބަޔަކު ނުވުމުން އެ ލިސްޓަށް އާ ސްކޫލްތައް އިތުރުކުރި ކަމަށެވެ. ނާސްތާ ދޭން ފަށާ ސްކޫލްތަކުގެ ލިސްޓަށް އާ ސްކޫލްތައް އިތުރުވި ނަމަވެސް މި ޕްރޮގްރާމްގައި މިހާރު ވެސް ހިމެނޭނީ 25 ސްކޫލް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުގައި ދަރިވަރުން ހެނދުނުގެ ނާސްތާގައި: ރާއްޖެއަށް މުޅިން އާ ކަމެއް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިސްކަންދަރު ސްކޫލުގައި ދަރިވަރުން ހެނދުނުގެ ނާސްތާގައި: ރާއްޖެއަށް މުޅިން އާ ކަމެއް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސަރުކާރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ޕްރޮގްރާމްގައި މާލޭއިން ކަނޑައަޅާފައިވަނީ މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލުގެ އިތުރުން އިސްކަންދަރު ސްކޫލެވެ. ދެން ކޮންމެ އަތޮޅަކުން ސްކޫލެކެވެ.

އަމީނިއްޔާގެ ގްރޭޑް އަށެއްގައި ކިޔަވާ ޝައިން އާދަމް ބުނީ މީގެ ކުރިން ސްކޫލަށް އަންނަން ލަސްވާ ބައެއް ދުވަސް ދުވަހު ހެނދުނު ސައި ނުބޮވޭ ކަމަށެވެ. އެހެންކަމުން ސްކޫލުން ނާސްތާ ދޭން ފެށުމުން ވަރަށް އުފާވާ ކަމަށް ބުންޏެެވެ.

ގްރޭޑް ހައެއްގައި ކިޔަވަމުން އަންނަ މުހައްމަދު ޝައިހާން އަބްދުﷲ ވެސް ބުނީ ބައެއް ދުވަސް ދުވަހު ސައި ނުބޮއި ސްކޫލަށް އަންނަ ކަމަށެވެ. އެކަމަކު ހެނދުނުގެ ކިޔެވުން ދެން ފަށާނީ ނާސްތާއަށް ފަހު ކަމަށް އޭނާ ބުންޏެވެ.