Roadha Mihaaru
ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފަށައިފި

ސަރުކާރު ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފަށައިފި

11 ޖޫން 2019

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ދޭން މިއަދު ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ދޭން މިއަދު ފަށައިފި އެވެ.

ދަރިވަރުންނަށް ހެނދުގެ ނާސްތާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެ ވަޑައިގެންނެވި ވައުދުގެ ދަށުން އެންމެ ފުރަތަމަ މި އަހަރުގެ ފުރަތަމަ ޓާމުގައި ނާސްތާ ދިނީ 25 ސްކޫލެއްގަ އެވެ. އަޖުމާ ބެލުމުގެ މި މަރުހަލާ އަށް ފަހު، ދެން ހުރި 188 ސްކޫލުގައި މި ޕްރޮގްރާމު މިއަދު ފެށުމުން 203 ސްކޫލެއްގެ ދަރިވަރުންނަށް މިހާރު ނާސްތާ ލިބޭނެ އެވެ.

މިހާރު ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ނާސްދޭ ދޭއިރު އެ ލިބޭ ދަރިވަރުންގެ އަދަދަކީ 57،816 އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ތާޖުއްދީން ސްކޫލުގެ ދަރިވަރަކާ ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ނައިބު ރައީސް ފައިސަލް ނަސީމް ތާޖުއްދީން ސްކޫލުގެ ދަރިވަރަކާ ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފެށުން އިފްތިތާހު ކުރުމަށް ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ހެނދުނު ކިޔަވާ ދަރިވަރުންގެ ސިކުނޑިތައް ހުޅުވެން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ ކަމެއް ވެސް ރަނގަޅަށް ފަށައިފި ނަމަ، ލިބޭ ނަތީޖާ ރަނގަޅު ވާނެ ކަމަށް ވިދާޅުވި އެވެ.

"[ކިޔަވާ ކުދިންނަކީ] ފިލާވަޅުތަކަށް ރަނގަޅަށް ބެލޭ ދަރިވަރުންނަށް ވާން ޖެހޭ. މުޅި ދުވަހުގެ ކިޔެވުންތަކަށް ފުރިހަމަ ކޮންސަންޓްރޭޝަން ދެވޭ ވަރުގެ ކުދިންނަށް ވާން ޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް ނާސްތާ ޕްރޮގްރާމް ފަށަން ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މުޅި ރާއްޖެއަށް ނާސްތާ ޕްރޮގްރާމް ފަށަން ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މި ރަސްމިއްޔާތުގައި ވިދާޅުވީ މިއަދަކީ ރާއްޖޭގެ މަދަރުސީ ތާރީހުގައި ވަރަށް ހާއްސަ ކަމެއް ފަށާ ދުވަހެއް ކަމަށެވެ. ހުސްބަނޑާ ކިޔެވަން ފެށުން މިއަދުން ފެށިގެން ނިމުނީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހެނދުނުގެ ނާސްތާ ދެނީ، އެކަމުގެ ސަބަބުން ދަރިވަރުންގެ ތަރުބިއްޔަތަށާއި އަހުލާގަށް އަދި ހެދި ބޮޑުވުމަށް ހެޔޮ އަސަރުތަކެއް ކުރާ ކަން ޔަގީން ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޕްރޮގްރާމުގެ ނަތީޖާ ދައްކާ ގޮތުން ނާސްތާގެ ސަބަބުން ދަރިވަރުން ފިލާވަޅާށް ދޭ ސަމާލުކަން ވަނީ އިތުރުވެފަ. ސްކޫލަށް ގަޑިެޖހިގެން އަންނަ ދަރިވަރުން ވަނީ މަދުވެފަ. އެސެމްބްލީގައި އަނބުރާ ގަނެގެން ވެއްޓޭ ކުދިންގެ އަދަދު ވަނީ މަދުވެފަ. އަދި ބަނޑާއި ބޮލުގައި ރިއްސާތީ ހެލްތު ރޫމަށް ދާ ކުދިންގެ އަދަދު ވެސް ވަނީ މަދުވެފަ،" މިނިސްޓަރު ވިދާޅުވި އެވެ.

ތާޖުއްދީން ސްކޫލުގެ ދަރިވަރުންތަކެއް ހެނދުނުގެ ނާސްތާގައި. -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ތާޖުއްދީން ސްކޫލުގެ ދަރިވަރުންތަކެއް ހެނދުނުގެ ނާސްތާގައި. -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މީގެ އިތުރުން މި ޕްރޮގްރާމުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި ދަރިވަރުންނާއި ބެލެނިވެރިންނަށް ނޫން ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ރަށްތަކުގެ އިގްތިސާދަށް ވެސް މި ޕްރޮގްރާމުގެ ސަބަބުން ފައިދާ ކުރާނެ ކަމަށެވެ. މިނިސްޓަރު އިޝާރާތް ކުރެއްވީ ނާސްތާ ދިނުމުގެ މަސައްކަތްތަކާ ވިޔަފާރި އުސޫލުން ހަވާލުކޮށްފައިވާ ފަރާތްތަކަށެވެ.

ކިޔަވާ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި ޕްރޮގްރާމުގެ ފުރަތަމަ އަހަރަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.