Roadha Mihaaru
ބޭނުމީ ރައްޔިތުންގެ މީހެއްގެ ގޮތުގައި ހުންނަން: ޝައިނީ

މިނިވަންކޮށް ވާދަކުރަނީ ރައްޔިތުންގެ މީހެއްގެ ގޮތުގައި ހުންނަން: ޝައިނީ

13 ޖެނުއަރީ 2019

ސިޔާސީ ޕާޓީއެއްގެ ޕްލެޓްފޯމު ދޫކޮށްލައްވައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަނީ ރައްޔިތުންގެ ޚިދުމަތްތެރިއެއްގެ ގޮތުގައި ދެމިހުންނަވަން ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ޕާޓީއެއްގެ ޕްލެޓްފޯމު ދޫކޮށްލައްވައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަނީ ރައްޔިތުންގެ ޚިދުމަތްތެރިއެއްގެ ގޮތުގައި ދެމިހުންނަވަން ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނުގެ ސިޔާސީ އެޖެންޑާ ކުރިއަރުވަން އިސް ދައުރެއް އަދާކުރެއްވި ޝައިނީ ނުކުންނަވަނީ ހެންވޭރު އުތުރު ދާއިރާ އަށެވެ. އެ ދާއިރާ، މީގެ ކުރިން ތަމްސީލްކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ޝައިނީ "މިހާރު" އަށް ވިދާޅުވީ ޕާޓީއަކުން ވާދަ ނުކުރެއްވި އެއް ސަބަބަކީ ވަކި ބޭފުޅަކު ވަށައިގެން އަބަދުވެސް ޕާޓީތައް އެނބުރޭތީ ކަމަށެވެ. މި ހާލަތުގައި ރައްޔިތުން އެދޭ ގޮތަށް ޚިދުމަތް ކުރެއްވޭނީ މިނިވަންކޮށް އަޑުއުފުއްލަވައިގެން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން ވަނީ ސީދާ ރައްޔިތުންގެ މީހެއްގެ ގޮތުގައި އިޚްލާސްތެރިކަމާ އެކު ދެމިހުންނަން،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމަށް އޭނާ އަބަދުވެސް ލޯބިކުރައްވަ އެވެ. އެ ވިސްނުމާ އެކު ބޭނުމަކީ ރައްޔިތުން އެދޭ ކަންކަން މަޖިލިސް މެދުވެރިކޮށް ހާސިލްކޮށްދެއްވުން ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހަށް ވާދަކުރައްވާ ކަން އިއުލާން ކުރައްވަން ޝައިނީ ކުރެއްވި ޓުވީޓް.

އޭނާ ވިދާޅުވީ ދައުރުގެ މެދުތެރެއިން ސަރުކާރު ވައްޓާލުމަކީ އޭނާ އެއް އިރެއްގައި ވެސް ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށެވެ. ރައްޔިތުންގެ ވޯޓުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރީ ފަސް އަހަރުގެ ދައުރަކަށްވާތީ ވައުދުތައް ފުއްދަވަން އެމަނިކުފާނަށް ވެސް ފުރުސަތު ލިބެން ޖެހޭ ކަމަށް ޝައިނީ ގަބޫލުކުރައްވަ އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ޚިދުމަތުގައި ދެމިހުންނެވީ އިޚްލާސްތެރިކަމާ އެކުގަ އެވެ. ނިމިގެން ދިޔަ ސަރުކާރުގައި ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެ އަށް ކުރިމަތިކުރަމުންދިޔަ ޕްރެޝަރުތަކާ އެކު ވެސް މަސައްކަތް ކުރެއްވީ ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅިޔަ ނުދޭން ކަމަށް ވިދާޅުވި އެވެ.

އެއީ، ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކުރެއްވި މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ޝައިނީ ވާދަ ކުރައްވަނީ، ޔާމީނާ ހިޔާލުތަފާތުވެގެން ކަމަށް ކުރާ ތުހުމަތު އޭނާ ދޮގުކުރެއްވި އެވެ.

"އެއީކީ އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން. ޕީޕީއެމާ އަދި ރައީސް ޔާމީނާ ވެސް އަޅުގަނޑާ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިހާރު އޮތް ހާލަތުގައި ރައްޔިތުންނަށް ޚިދުމަތްތަކެއް ކުރެވޭނީ ވަކި ޕާޓީއެއް ތަމްސީލް ނުކޮށް،" ޝައިނީ ވިދާޅުވި އެވެ.