Roadha Mihaaru
އާ ޕްރީ ސްކޫލު ހިންގާނީ އިންޓަނޭޝަނަލް ފެންވަރުގައި

ހުޅުމާލޭގެ އާ ޕްރީ ސްކޫލު ހިންގާނީ އިންޓަނޭޝަނަލް ފެންވަރުގައި

17 ޖެނުއަރީ 2019

ހުޅުމާލޭގައި އަމިއްލަ މީހަކު ހެދި ޕްރީ ސްކޫލް ހިންގުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ވިސްނުން ހުރީ އިންޓަނޭޝަނަލް ފެންވަރަށް ކުރިއަށް ގެންދެވެންޏާ އެގޮތަށް އެކަން ކުރަންކަން "މިހާރު"އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އަމިއްލަ މީހަކު ހެދި ޕްރީ ސްކޫލް ހިންގުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ވިސްނުން ހުރީ އިންޓަނޭޝަނަލް ފެންވަރަށް ކުރިއަށް ގެންދެވެންޏާ އެގޮތަށް އެކަން ކުރަންކަން "މިހާރު"އަށް އެނގިއްޖެ އެވެ.

އެކަމަކު އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސްކޫލް ހިންގާނެ ފެންވަރެއް އެނގޭނީ އެކަމަށް ކުރިމަތިލާ ފަރާތްތައް ވެސް އެނގުމުން ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް އިންޓަނޭޝަނަލް ފެންވަރަށް ޕްރީ ސްކޫލް ހިންގަނީ ކެންގަރޫ ކިޑްސް އެވެ.

"ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކަށް ބެލުމަށް ފަހު އަޅުގަނޑުމެންނަށް މުޅިން އެނގޭނީ އެ ސްކޫލް ކުރިއަށް ގެންދާނެ ގޮތެއް،" އޮފިޝަލް ވިދާޅުވި އެވެ.

އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ ޕްރީ ސްކޫލްގެ މަސައްކަތްތައް ނިންމައި އެޗްޑީސީން ވަނީ އެތަން އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފަ އެވެ. އަދި ޕްރީ ސްކޫލް ހިންގާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވި އެވެ.

ހުޅުމާލޭގައި މިވަގުތު ހުރި ހަމައެކަނި ޕްރީ ސްކޫލަކީ، ނެއިބަހުޑް އެކެއްގައި ހުންނަ ލިޓްލް ޖެމްސެވެ. އެހެންވެ އަންނަ ޖޫން/ޖުލައި ހިސާބުގައި ކިޔަވައިދޭން ފަށާ އާ ޕްރީ ސްކޫލުގެ ސަބަބުން ބެލެނިވެރިންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

ހުޅުމާލޭގައި މިވަގުތު ހުންނަނީ ހަތަރު ސްކޫލެވެ. އެއީ ސަރުކާރުގެ ގާޒީ ސްކޫލާއި ރެހެންދި ސްކޫލާއި ހުރަވީ ސްކޫލުގެ އިތުރުން އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ހިންގާ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލެވެ. އޭގެ ތެރެއިން ސަރުކާރު ސްކޫލުތަކުގައި ޔޫކޭޖީ އަދި އެލްކޭޖީއަށް ހިލޭ ކިޔަވައިދެ އެވެ.

ފްލެޓްތައް އިތުރުވުމާއި ބްރިޖު ހުޅުވުމާ އެކު، ފާއިތުވި އަހަރު ހުޅުމާލޭގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެހެންވެ ސަރުކާރުން ވަނީ އާ ސްކޫލެއް ހުޅުވައި މި އަހަރު ކިޔަވައިދޭން ފަށައިފަ އެވެ.

ދިހަ ކްލާސްރޫމާއި ކޮމްޕިއުޓާ ރޫމަކާއި ސްޓާފް ރޫމެއްގެ އިތުރުން ހޯލެއް ހުންނަ އެ އިމާރާތް މީގެ ކުރިން ބޭނުންކުރީ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.