Roadha Mihaaru
ތާޖް މަހަލްގެ ނަކަލެއް ޕްލާސްޓިކް ފުޅިން ހަދަނީ

ތާޖް މަހަލްގެ ނަކަލެއް ޕްލާސްޓިކް ފުޅިން ހަދަނީ

26 ޖެނުއަރީ 2019

ޕްލާސްޓިކާ ދެކޮޅަށް އިންޑިއާގެ އާގްރާގައި މިހާރު ކުރަމުން އަންނަ މަސައްކަތުގައި، އެތަނުގެ ތާރީހީ ބިނާ ތާޖް މަހަލްގެ ނަކަލެއް ޕްލާސްޓިކް ފުޅި ބޭނުންކޮށްގެން ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްލާސްޓިކާ ދެކޮޅަށް އިންޑިއާގެ އާގްރާގައި މިހާރު ކުރަމުން އަންނަ މަސައްކަތުގައި، އެތަނުގެ ތާރީހީ ބިނާ ތާޖް މަހަލްގެ ނަކަލެއް ޕްލާސްޓިކް ފުޅި ބޭނުންކޮށްގެން ހަދަން ނިންމައިފި އެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ތިމާވެއްޓަށް މަސައްކަތްކުރާ ޖަމިއްޔާ އަންފޯލްޑް ފައުންޑޭޝަނާއި ޔަމްނާ ކޯރުގެ ހިމާޔަތުގައި މަސައްކަތްކުރާ ރިވާ ކަނެކްޓް ކެމްޕެއިން ގުޅިގެންނެވެ.

ރިވާ ކަނެކްޓްގެ ބާނީ ބްރާޖް ކަންދެލްވާލް ބުނީ ޕްލާސްޓިކަކީ އާގްރާ އަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެހެންވެ އެެއްކޮށްފައި ހުރި ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅީގެ އިތުރުން ޕްލާސްޓިކްގެ އެހެން ވެސް ކުނިބުނި ތާޖް މަހަލްގެ ނަކަލް ތައްޔާރު ކުރަން ބޭނުން ކުރާނެ އެވެ.

ގިނަ ބައެއްގެ ސަމާލުކަން މިހާރު ވެސް ހުއްޓިފައިވާ މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އަދި މިކަމަށް ހައެއްކަ މަސް ނަގާނެ އެވެ.

ކަންދެލްވާލް ބުނި ގޮތުގައި ތާޖް މަހަލްގެ ނަކަލު، ޕްލާސްޓިކް ބޭނުންކޮށްގެން ހަދާއިރު، މަސައްކަތުގެ ފުރަތަމަ ބަޔަކަށް ވާނީ ފުޅި ބޭނުންކޮށްގެން އިކޯ-ބްރިކްސް ތައްޔާރުކޮށް، ތާޖް މަހަލްގެ ބައިތައް ތައްޔާރު ކުރުމެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ އަންފޯންޑް ފައުންޑޭޝަނުންނެވެ. މި މަސައްކަތަށް ބޭނުންވާ އެކި ޒާތުގެ ޕްލާސްޓިކް ކުނިބުނި އާގްރާގެ އެކި ސަރަހައްދުތަކުން އެއްކުރާނެ އެވެ.

ދެވަނަ ބައިގެ މަސައްކަތް ކު ސީދާ ކަނެކްޓް ރިވާ ކެމްޕޭނުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ރާވާފައިވާ އިރު، އޭގައި އޮންނާނީ ތާޖް މަހަލްގެ ބައިތައްތައް އެސެމްބަލް ކުރުމެވެ. ތާޖް މަހަލްގެ ނަކަލް ބަހައްޓާނީ އާގްރާގެ އެތުމައްދައުލާ ވިއުޕޮއިންޓް ޕާކްގަ އެވެ.

"މި ޕްރޮޖެކްޓާ އެކުއެކީގައި އަހަރެމެން ކުރިއަށް ގެންދާނަން މުޅި އާގްރާގައި ޕްލާސްޓިކަށް ހޭލުންތެރިކަން އުފެއްދުުގެ ޕްރޮގްރާމްތަކެއް ވެސް،" ކަންދެލްވާލް ބުންޏެވެ.

އަންފޯލްޑް ފައުންޑޭޝަނުގެ ކޯޑިނޭޓަރު ޑރ. މީތާ ކުލްޝްރެސްތާ ވިދާޅުވި ގޮތުގައި ޕްލާސްޓިކުން އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ބިނާ ކަމަށްވާ ތާޖް މަހަލްގެ ނަކަލެއް ހަދަން ނިންމި މައިގަނޑު ސަބަބަކީ ޕްލާސްޓިކަކީ ފަނާވާން ގިނަ އަހަރުތަކެއް ނަގާ އެއްޗަކަށްވާތީ އެވެ.

ކަންދެލްވާލް ޕްލާސްޓިކް ފުޅިތަކަކާ އެކު.

ކަންދެލްވާލް ޕްލާސްޓިކް ފުޅިތަކަކާ އެކު.

"މީގެ އެންމެ މުހިއްމު ކަމަކީ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ކުރުން. އާންމު ރައްޔިތުންނަށް އަހަރެމެން ކިޔައި ދޭން ބޭނުން ވަނީ ޕްލާސްޓިކަކީ ބޭނުން ކުރަން ހެޔޮވާވަރުގެ އެއްޗެއް ނޫންކަން،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ 7 އަޖައިބުގެ ތެރޭގައި ވެސް ހިމެނޭ ތާޖް މަހަލްއަކީ ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު އެ ބިނާ ބަލައިލަން ޒިޔާރަތް ކުރާ ތަނެކެވެ. ސަންގުމަރުމަރު ހިލައިން މިސްކިތެއް ސިފަވާ ކަހަލަ ބައްޓަމަކަށް ބިނާކޮށްފައިވާ ތާޖް މަހަލްއަކީ ޝާހް ޖަހާން ލޯބިވާ އަނބިކަނބަލުން މުމްތާޒް ޖަހާންގެ ހަނދާނުގައި ބިނާ ކުރި ތަނެކެވެ. އެތަނަކީ އިސްލާމީ ފަންނުވެރިކަން ވެސް ވަރަށް ބޮޑަށް ދައްކުވައި ދޭ ތަނެކެވެ.

ތާޖް މަހަލް ބިނާކުރުމުގެ މަސައްކަތް 1632 ގައި ފަށައި އެތަން ނިންމައި ހުޅުވީ 1648 ގަ އެވެ.