މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ޚިޔާނާތް އަލުން ތަހުގީގުކޮށް، އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލައިފި އެވެ.
29 ސެޕްޓެމްބަރ 2019
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ޚިޔާނާތް އަލުން ތަހުގީގުކޮށް، އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލައިފި އެވެ.
ޓޫރިޒަމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް ޖަމާކޮށް ހިންގި މި ޚިޔާނާތް 3 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މި އަދަދު އެނގުނީ، ކުރީގެ ސަރުކާރުގެ ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ތަހުގީގުންނެވެ. އޭގެ ކުރިން ފެންނަން އޮތް ގޮތުގައި، މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުން ދައުލަތަށް ގެއްލުންވީ 1.3 ބިލިއަން ރުފިޔާ އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލީ 2014 އަދި 2015 ގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރިޔާސީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގާ ގުޅިގެންނެވެ. މި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ހުށަހެޅީ މި މަހުގެ 21 ގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
- ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ
- މަނީ ލޯންޑަރިންގެ 2 ދައުވާ
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެއް
- މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއް
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެއް
ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ފިލި މައްސަލައިގައި ތިން މަހުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި އިއްވާފައި ވިޔަސް ގޭ ބަންދުގައި ހުންނެވި އަދީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ނުފޫޒުގަދަ ބޭފުޅާ އެވެ. އެމްއެމްޕީއާރުސީގެ ފައިސާ އިން ސިޔާސީ ބާރުވެރިކަން ހޯއްދަވައި، މުއައްސަސާތައް ކޮންޓްރޯލް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ އަދީބުގެ މައްޗަށް ކުރިން 33 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
ކޯޓުތަކުން އަދީބު މިނިވަންކުރީ، އެ ދައުވާތައް ގޯސްކޮށް އުފުލާފައިވާ ކަމަށް ބުނެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑު އެހުމެއްގައި އަދީބު ހެކިބަސް ދެއްވަނީ. --ފޮޓޯ/މިހާރު
ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާ އިން މަނީ ލޯންޑަރިން ހިންގާފައިވާ އިރު މިހާތަނަށް ދައުވާ އުފުލައި ޝަރީއަތް ކުރިއަށް ގެންދަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށެވެ. އެމަނިކުފާނަށް ދައުވާ އުފުލީ، އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި 1 މިލިއަން ޑޮލަރުން މަނީ ލޯންޑަރިން ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ.
އެސެޓްސް ރިކަވަރީ ކޮމިޝަނުން ވަނީ އެމްއެމްޕީއާރުސީގެ މުޅި ހިޔާނާތް ތަހުގީގުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޕޯޓެއް ފޮނުވައިފަ އެވެ.
އެ ރިޕޯޓުގައިވާ ބައެއް މައުލޫމާތު މީގެ ހަފުތާއެއްހާ ދުވަސް ކުރިން އާއްމު ކުރައްވަމުން ރައީސް ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށެވެ.
ނުއަގުގައި ރަށްތައް ލިބުނު ފަރާތްތަކުން ދައުލަތަށް ދެއްކި ކަަމަށް ފެންނަން އޮތް އަދަދަކީ، 91 މިލިއަން ޑޮލަރެވެ. އެ އަދަދު އުނިކުރުމުން އަދިވެސް ދައުލަތަށް 128 މިލިއަން ޑޮލަރު ލިބެން ޖެހޭ ކަމަށް ތަހުގީގު ރިޕޯޓާ ހަވާލާ ދެއްވައި ރައީސް ވަނީ ވިދާޅުވެފަ އެވެ.
އެ ރަށްތައް ލިބުނު ފަރާތްތަކުން ދެއްކި ކަމަށް ބުނާ 91 މިލިއަން ޑޮލަރު އުނިކުރުމުން ވެސް 128 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށް ތަހުގީގު ރިޕޯޓާ ހަވާލާދީ ރައީސް ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުން ނިންމާފައި ވަނީ އެ ރަށްތަކުގެ ހަމަ އަގު ހޯދުމަށެވެ. އެއްބަސްވުން ބާތިލްކުރަން ޖެހޭ ރަށެއް އޮތް ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މިއާއެކު، އެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު މީހުންނާ ދޭތެރޭގައި ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި
ހިޔާނާތް ބަލާ ކޮމިޝަން ޑިސެމްބަރުގައި ވެސް އުވައެއް ނުލެވުނު!
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
ހިޔާނާތުގެ ހެކި ހޯދަން ހިންގާ އޮޕަރޭޝަން އަދި ނުނިމޭ
155 މީހުން ވެސް ސާފު! ޚިޔާނާތްތެރިއަކު ނެތް؟
އެސްއޯއެފްއާ ހަމައިން ނުނިމޭ، ރިޕޯޓް ފުރިހަމައެއް ނޫން
ބޮޑު ހިޔާނާތާ ގުޅޭ ތަހުގީގުގެ މައުލޫމާތު ހިއްސާކޮށްފި
އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާއަށް ޚިޔާނާތްވި