09 ޖެނުއަރީ 2022
އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަން މިދިޔަ ޑިސެމްބަރުގެ ނިޔަލަށް ވެސް އުވައެއް ނުލެވުނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަން މިދިޔަ ޑިސެމްބަރުގެ ނިޔަލަށް ވެސް އުވައެއް ނުލެވުނެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ނަތީޖާ ނުނެރެވި ފައިސާ އިސްރާފުވެ، ބޭކާރު މުއްދަތެއް ހިނގާ ކަމުގެ ފާޑުކިއުންތައް ބޮޑެވެ. ތިން އަހަރު ވި އިރު ކޮމިޝަނުން އިސްކަން ދިނީ އެމްއެމްޕީއާރުސީގެ ހިޔާނާތަށެވެ. އެކަމަކު އެ މައްސަލަތައް ވެސް ކޮޅެއްގައި ނުޖެހި ހުރި އިރު ބާކީ ގިނަ މައްސަލަތަކުގެ ތަހުގީގު ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުގެންދެވުނެވެ.
މި ކޮމިޝަނާ ގުޅޭ ގޮތުން "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ ޒިންމާ އަދާނުކުރެވި ލަސްވަމުންދާތީ ސަރުކާރުން ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކޮމިޝަނުގެ މަސައްކަތް ނިންމާލަން ކަމަށެވެ. އެކަމަކު ފަހުން ނިންމީ މިދިޔަ ޑިސެމްބަރު 15 ގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމައި ކޮމިޝަން އުވާލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަން އުވާލުމަށް ފަހު މަސައްކަތްތައް ހަވާލުކުރާ ގޮތަށް އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެވެ. މިދިޔަ މަހުގެ ތެރޭގައި ކޮމިޝަން އުވާނުލެވުނު އެއް ސަބަބަކީ އޭސީސީ މި ވަގުތު ގާނޫނީ ހުސްކަމެއްގައި އޮތުމެވެ.
އެ ކޮމިޝަނަށް މި ވެރިކަމުގައި އައްޔަންކުރި ފަސް މެމްބަރުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ މައްސަލަތައް ފުނި ޖެހިފައިވާ އިރު ވެސް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރެވުމެވެ. މި ތުހުމަތު ދޮގުކޮށް، ވަކިކުރަނީ ސިޔާސީ ނުފޫޒު ނުފޯރުވުން ކަމަށް ވިދާޅުވެ މެމްބަރުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަން އުވާލަން ނިންމާފައިވާ މައްސަލައިގައި އެ ކޮމިޝަނުން ވާހަކައެއް ނުދެއްކި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަަންގެ މެމްބަރުން މީޑިއާއަށް މައުލޫމާތު ދެއްވަނީ
ކޮމިޝަނުން މިހާތަނަށް ތަހުގީގު ނިންމައި ދައުވާކުރަން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި އޮތީ އެންމެ އަށް މައްސަލައެއްގަ އެވެ. އޭގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ނުއަގުގައި ދޫކުރި ރަށްތަކާ ގުޅޭ ގޮތުން ރިޕޯޓެއް ހަދައި ރައީސް އޮފީހަށް ފޮނުވާފައިވެ އެވެ. މީގެ އިތުރުން ބައެއް މީހުން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
ކޮމިޝަން އުފެއްދީ ހަމައެކަނި އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލާކަށް ނޫނެވެ. ކުރީގެ ސަރުކާރުގައި ކުންފުނިތައް މެދުވެރިކޮށް ހިންގި ހިޔާނާތް ބަލައި ގެއްލުނު ފައިސާ ހޯދުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެކަމަކު މިއިން އެއްވެސް މައްސައެއްގައި ކުރި މަސައްކަތެއް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
ޓޫރިޒަމަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ކޮމިޝަން އުފެއްދެވީ ނޮވެމްބަރު 2018، ގަ އެވެ.
އެ ކޮމިޝަނަށް ފަސް މެމްބަރުން އައްޔަންކުރައްވައި ރައީސް ހަވާލުކުރެއްވީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 ވަނަ ދުވަހާ [އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވުމާ] ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމެވެ. ތަހުގީގީ ބޮޑެތި ބާރުތަކާއި ދައުވާކުރުމުގެ ބާރު ގާނޫނަކުން އެ ކޮމިޝަނަށް ދިނެވެ.
އެކަމަކު ހިޔާނާތުން މަންފާވި 281 މީހުންގެ ލިސްޓެއް މަޖިލީހުން މިދިޔަ މެއި މަހު އާއްމުކުރިއިރު، އޭގައި 63 ޕަސެންޓް މީހުންގެ ތަހުގީގެއް ނުފަށަ އެވެ. ގިނަ މީހުންގެ މައުލޫމާތު ދިޔައީ އޭރު އެއްކުރަމުންނެވެ.
ހިޔާނާތް ބަލަން ހަވާލުކުރި ކޮމިޝަނަށް ނަތީޖާ ނުނެރެވޭ ކަމަށް ދޭތެރެއަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގެންދަވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ފާޑުވިދާޅުވަމުންނެވެ. ހިޔާނާތް ބެލުމުގައި ކޮމިޝަން ފެއިލްވެއްޖެ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވެފައިވެ އެވެ.
ހިޔާނާތުގެ މައްސަލަތައް ލަސްވާ އެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުުގެ ކޮމިޓީތަކުގައި އަމާޒުވި ސުވާލުތަކަށް ޖަވާބު ދެމުން ކޮމިޝަނުން ބުނެފައި ވަނީ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ހެކި ހޯދަން އުނދަގޫވުން ކަމަށެވެ.
ހިޔާނާތުގެ މައްސަލައަކީ ބޮޑު، ފުނަށް ފީނަން ޖެހޭ މައްސަލައެއްގެ ގޮތުގައި އޮތް އިރު ކޮމިޝަނަށް އިންވެސްޓިގޭޓަރުންގެ ދަތިކަން ވެސް ކުރިމަތިވި އެވެ. އޭސީސީގެ ހަތް އޮފިސަރުންނާއި ކޮމިޝަނުގެ ތިން އޮފިސަރުންނާ އެކު ތަހުގީގު ޓީމުގައި ހިމެނުނީ 10 ވަރަކަށް މީހުންނެވެ.
މި މައްސަލަތަކަށް ހައްލެއް ނުހޯދި މިހާރު އޮތީ ބޭކާރު ކޮމިޝަނެއްގެ ކަމުގެ ތުހުމަތު އެޅިފަ އެވެ.
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
ހިޔާނާތުގެ ހެކި ހޯދަން ހިންގާ އޮޕަރޭޝަން އަދި ނުނިމޭ
ޚިޔާނާތް އަލުން ތަހުގީގުކޮށް އަދީބަށް 7 ދައުވާއެއް
ބޮޑު ހިޔާނާތާ ގުޅޭ ތަހުގީގުގެ މައުލޫމާތު ހިއްސާކޮށްފި
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
ހިޔާނާތުގެ 5މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަނީ
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި
ހިޔާނާތުން ގެއްލުވާލާ ފައިސާ އާއި މުދާ ހޯދާނެ ނިޒާމެއް