Roadha Mihaaru

ކޮރަޕްޝަން އިންޑެކްސް ގައި ރާއްޖެ އަނެއްކާ ވެސް ފަހަތަށް

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ވެސް ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ އަނެއްކާ ވެސް ފަހަތަށް ހިނގައްޖެ އެވެ.

ކޮރަޕްޝަން އިންޑެކްސް ގައި ރާއްޖެ ފަހަތަށް
ހަސަން މުހައްމަދު
ހަސަން މުހައްމަދު

29 ޖެނުއަރީ 2019

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ވެސް ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ އަނެއްކާ ވެސް ފަހަތަށް ހިނގައްޖެ އެވެ.

ގައުމުތަކުގައި ކޮރަޕްޝަން ހުރި މިންވަރު ދެނެގަނެ އެކުލަވައިލާ އެ ރިޕޯޓުގައި މިދިޔަ އަހަރު ރާއްޖެ ފަހަތަށް ދިއުމަކީ "ޑިމޮކްރެޓިކް މުއައްސަސާތައް ރޫޅިފައިވާ" ކަމުގެ ނިޝާނެއް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުންޏެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް ނެރެނީ އެކި ދާއިރާތަކުގެ ރިޕޯޓްތަކާއި ދިރާސާތައް ބޭނުންކޮށްގެނެވެ. ކޮރަޕްޝަން އިންޑެކްސްގައި ދަށުން މާކްސް ލިބެނީ ކޮރަޕްޝަން އެންމެ ގިނަ ގައުމުތަކަށެވެ. މަތިން މާކްސް ލިބެނީ ކޮރަޕްޝަން މަދު ގައުމުތަކަށެވެ.

ރާއްޖެއާ ގުޅޭ ގޮތުން މިދިޔަ އަހަރު ކޮށްފައިވާ ދިރާސާތަކަށް ބަލައި ޓްރާންސްޕޭރަންސީން ދީފައި ވަނީ 31 ޕޮއިންޓުގެ ސްކޯ އެކެވެ.

މީގެ ދެ އަހަރު ކުރިން 2016 ގައި ރާއްޖެ އަށް ލިބިފައި ވަނީ 36 ޕޮއިންޓެވެ. އޭގެ ފަހުން 2017 ގައި ރާއްޖެ އަށް ދިނީ 33 ޕޮއިންޓުގެ ސްކޯ އެކެވެ. އެހެންވެ، 2018 ގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އަށް 31 ޕޮއިންޓުގެ ސްކޯއެއް ލިބުމުން އެއީ ފަސް ދަރަޖައިގެ ވެއްޓުމެކެވެ.

"[މިއީ] މިދިޔަ އަހަރުގެ ސީޕީއައިގެ ނަތީޖާ އަކީ ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް ރޫޅިފައިވާ ކަމާއި އަތްނުފޯރާ ވަރަށް ކޮރަޕްޝަންގެ ވަބާ އަށަގެންފައިވާ ކަމުގެ ބިރުވެރި ނިޝާންތަކެއް،" ރިޕޯޓާ އެކު ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ފަސް އަހަރުގައި އަސާސީ ހައްގުތައް ނިގުޅައިގަނެ، ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކޮރަޕްޝަން އިންތިހާ ދަރަޖަ އަށް މައްޗަށް ގޮސްފައިވާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުންޏެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިޔާގެ މިނިވަންކަން ނިގުޅައިގަނެ، މަޖިލީހާއި ޖުޑީޝަރީ ހިމެނޭ ގޮތަށް ދައުލަތުގެ މުހިންމު މިނިވަން މުއައްސަސާތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ނަތީޖާ އަކީ އެއްވެސް ހުރަހަކާ ނުލައި ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔުން،" ޓްރާންޕޭރަންސީން ބުންޏެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖެ އިން ހަތަރު ކަމެއް ކުރުމަށް ޓްރާންސްޕޭރަންސީން ވަނީ ގޮވާލައިފަ އެވެ. އެއީ:

- މިނިވަން މުއައްސަސާތައް ހަރުދަނާކޮށް ބާރުވެރިކުރުވުން.

- ކޮރަޕްޝަން ހުއްޓުވުމަށް ހަދާފައިވާ ގާނޫނުތައް އަމަލީ ގޮތުން ތަންފީޒު ކުރުމަށް ހުރި ހުރަސްތައް ނައްތާލުން.

- މަދަނީ ޖަމިއްޔާތަކަށް އެއްބާރުލުންދީ އެ ފަރާތްތައް ބާރުވެރިކުރުވުން.

- މީޑިޔާތަކަށް ބިރުދެއްކުމާއި ނުފޫޒު ފޯރުވުމުގެ ސަގާފަތް ނައްތާލައި އަމާން މާހައުލެއް ގާއިމްކޮށްދިނުން.