Roadha Mihaaru
ޕެންޑާ ކެފޭގައި ތިބީ ކުލަ ޖެއްސި ކުއްތާ

ޕެންޑާ ކެފޭގައި ތިބީ ކުލަ ޖެއްސި ކުއްތާ

25 އޮކްޓޯބަރ 2019

ޒިބްރާތަކެއް ކަމަށް ދައްކަން ހިމާރުތަކެއްގައި ކުލަ ޖެއްސި މައްސަލަތަކެއް މީގެ ކުރިން ވެސް ބައެއް ގައުމުތަކުން ފެންމަތިވެ، ޖަނަވާރުންގެ ހިމާޔަތަށް މަސައްކަތްކުރާ މީހުން އެކަމާ ދެކޮޅަށް އަޑު އުފުލާފައިވެ އެވެ. ޗައިނާގައި ވެސް މިހާރު މިކަހަލަ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޒިބްރާތަކެއް ކަމަށް ދައްކަން ހިމާރުތަކެއްގައި ކުލަ ޖެއްސި މައްސަލަތަކެއް މީގެ ކުރިން ވެސް ބައެއް ގައުމުތަކުން ފެންމަތިވެ، ޖަނަވާރުންގެ ހިމާޔަތަށް މަސައްކަތްކުރާ މީހުން އެކަމާ ދެކޮޅަށް އަޑު އުފުލާފައިވެ އެވެ. ޗައިނާގައި ވެސް މިހާރު މިކަހަލަ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

ޗައިނާގެ ޗެންގްޑޫގައި ހުޅުވި ޕެންޑާ ކެފޭއެއްގައި ގެންގުޅެނީ ޕެންޑާތަކެއްގެ ބަދަލުގައި ކުއްތާތަކެއްކަން ފަޅާއަރައި، އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވީ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކިއުޓް ޕެޓް ގޭމްސްގެ ނަމުގައި ހުޅުވި ޕެންޑާ ކެފޭގައި ގެންގުޅެނީ ޕެންޑާތަކުގެ ސިފަ އަށް ކުލަ ޖައްސާފައި ތިބި ޗޯ ޗޯ ހަ ކުއްތާ އެވެ.

މި އެއްޗެހީގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެ، ޕެންޑާ ކެފޭ ހިންގާ މީހުންނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި އެކަން ކުރި މީހުންނަށް ފިޔަވަޅު އަޅަން ވެސް ވަނީ ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.

މިކަމާ ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނިގޮތުގައި ކުއްތާތަކުގެ ކެހެރި ޑައިކުރުމަކީ އެ އެއްޗިއްސަށް ސިއްހީ ގޮތުން ވެސް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ.

ކިއުޓް ޕެޓް ގޭމްސް ހިންގާ ހުއާންގް ބުނީ ކުއްތާތަކުގެ ގައިގައި ކުލަ ޖެއްސި ނަމަވެސް އެ އެއްޗިއްސަށް ސިއްހީ ގޮތުން އެއްވެސް މައްސަލައެއް މިހާތަނަށް ކުރިމަތިވެފައި ނުވާ ކަމަށެވެ.

"މިއީ ޖަޕާނުން ގެނެސްގެން ބޭނުން ކުރާ ވަރަށް ފެންވަރު ރަނގަޅު އަގުބޮޑު ކުލައެއް. މިއިން އެއްވެސް ގެއްލުމެއް ނުވާކަން ސަތޭކަ ޕަސަންޓް ގެރެންޓީ،" ހުއާންގް ޑެއިލީ މެއިލަށް ބުންޏެވެ. "މީގެ ކުލަ ފުޅިއެއް އަހަރެމެން ގަންނަނީ 800 ޔުއާން، 113 ޑޮލަރަށް."

ޕެންޑާތަކެއްގެ ސިފަ އަށް ކުއްތާތަކެއްގައި ކުލަ ޖައްސައިގެން އެކަމުން މާލީ މަންފާ ވެސް ހޯދަމުންދާ އިރު، ހުއާންގް ބުނިގޮތުގައި މީހުން އެ އެއްޗިއްސާ އެކު ވަގުތު ހޭދަކޮށްލަން އާދެ އެވެ. އަދި މިއީ ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް ބުންޏެވެ.

ގިނަ ބަޔަކު މިކަމާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ނަމަވެސް ކަމާބެހޭ ރަސްމީ ފަރާތްތަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.