Roadha Mihaaru
ޓްރަމްޕް ސަމިޓަށް ކިމް 60 ގަޑިއިރުގެ ރޭލު ދަތުރެއްގައި

ޓްރަމްޕްއާ ބައްދަލު ކުރަން ކިމް 60 ގަޑިއިރުގެ ރޭލު ދަތުރެއްގައި

24 ފެބުރުއަރީ 2019

ޕިއޮންޔަން (ފެބްރުއަަރީ 24) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވިއެޓްނާމުގައި ބާއްވާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އެ ގައުމަށް ކުރައްވާ 4،000 ކިލޯ މީޓަރުގެ ދިގު ރޭލް ދަތުރުގައި 60 ގަޑިއިރު ހޭދަކުރައްވާނެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕިއޮންޔަން (ފެބްރުއަަރީ 24) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވިއެޓްނާމުގައި ބާއްވާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އެ ގައުމަށް ކުރައްވާ 4،000 ކިލޯ މީޓަރުގެ ދިގު ރޭލް ދަތުރުގައި 60 ގަޑިއިރު ހޭދަކުރައްވާނެ އެވެ.

އަސްކަރީ ރޭލްގައި ކިމް އިއްޔެ ވަނީ ޗައިނާގެ ބައެއް ސިޓީތައް ހުރަސްކޮށްފައި ކަމަށް ޚަބަރުތައް ބުނެ އެވެ. ކިމްގެ ދަތުރުގެ ޕްލޭން ވަނީ ސިއްރުކޮށްފަ އެވެ. ކިމްގެ ރޭލް ދަތުރު ކުރައްވާ މަގުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި ރޭލްގެ ބިއްލޫރިތައް ވަނީ ކަޅުކޮށްފަ އެވެ. ރޭލުގައި ޗައިނާ އަށް ވަޑައިގެން އޭގެ ފަހުން މަތިންދާ ބޯޓުގައި ވެސް ވިއެޓްނާމަށް ވަޑައިގަތުން އެކަށީގެންވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ވިއެޓްނާމުގެ ފޮރިން މިނިސްޓްރީން ބުނީ ޓްރަމްޕްއާ އެކު ބާއްވާ ސަމިޓުގެ ކުރިން ކިމް އެ ގައުމަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ސަމިޓް ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.

ކިމް ޗައިނާ އަށް އެންމެ ފަހުން ޖެނުއަރީ މަހު ކުރެއްވި ދަތުރުގައި ވެސް ވަޑައިގެންނެވީ ރޭލުގަ އެވެ.

ކިމްގެ ބައްޕާފުޅު ކިމް ޖޮން އިލް އާއި ކާފާފުޅު ކިމް އިލް ސަން ވެސް ގައުމުގެ އެތެރޭގެ އަދި ބޭރު ގައުމުތަކަށް ދަތުރު ކުރެއްވީ ރޭލުގަ އެވެ.

ނޯތު ކޮރެއާ އިން ހެނޮއި އަަށް ކިމް އެއްގަމު މަގުން ވަޑައިގަންނަވާ ނަމަ އެ ދަތުރަށް 60 ގަޑިއިރު ހޭދަވާނެ އެވެ. އަދި އޭގެ މާނައަކީ ދަތުރުގައި 4،000 ކިލޯ މީޓަރަށް ދަތުރު ކުރައްވަން ޖެހޭނެ އެވެ.