Roadha Mihaaru
"އެންމެ ކުޑަ ފިރިހެން ކުއްޖާ" ސަލާމަތްކުރެވިއްޖެ

އުފަންވި އިރު "އެންމެ ކުޑަ ފިރިހެން ކުއްޖާ" ސަލާމަތްކުރެވިއްޖެ

28 ފެބުރުއަރީ 2019

ޖަޕާނުގައި، އުފަންވިއިރު ބަރުދަނުގައި އެންމެ 268 ގްރާމް ހުރި ފިރިހެން ކުއްޖަކަށް ކާމިޔާބުކަމާ އެކު ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ޖަޕާނުގައި، އުފަންވިއިރު ބަރުދަނުގައި އެންމެ 268 ގްރާމް ހުރި ފިރިހެން ކުއްޖަކަށް ކާމިޔާބުކަމާ އެކު ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު އިމަޖެންސީގައި ސިޒޭރިއަން ހަދައިގެން ނެގި މި ކުއްޖާ އަކީ މިހާތަނަށް އުފަންވި އެންމެ ކުޑަ ފިރިހެން ކުއްޖާ ކަމަށް ވަނީ ބެލެވިފަ އެވެ. ކުއްޖާ ކުޑަކަމުން، ދެ އަތްތިލަ ތެރޭ ރީތިކޮށް ފޮރުވާލެވެ އެވެ.

މި ކުއްޖާ އައިސީޔޫގައި ބާއްވައިގެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ މިދިޔަ ހަފުތާގަ އެވެ. އެއީ އެ ކުއްޖާ ދުވަސް ފުރި ދެ ހަފުތާ ފަހުންނެވެ. ގެޔަށް ދޫކޮށްލި އިރު ބަރުދަން ވަނީ 3.2 ކިލޯގްރާމަށް އިތުރުވެފަ އެވެ. އަދި އާދައިގެ ގޮތަށް މިހާރު ކާނާ ދެވެ އެވެ.

ބަނޑަށް 24 ހަފްތާގައި އުފަންވި ކުއްޖާ ގަދަވެ ހޮސްޕިޓަލުން ދޫކޮށްލީ ފަސް މަސް ވަންދެން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދިނުމަށް ފަހުގަ އެވެ.

"އަހަންނަށް ބުނެވޭނެހާ ވެސް އެއްޗަކީ ދަރިފުޅު މިހާ ބޮޑުވީތީ ވަރަށް އުފާވެޔޭ. ދަރިފުޅު ސަލާމަތްވާނެ ކަމުގެ އުންމީދެއް އޭރަކު ނެތް،" ކުއްޖާގެ މަންމައާ ހަވާލާދީ ޓޯކްޔޯގެ ކެއިއޯ ޔުނިވަސިޓީ ހޮސްޕިޓަލުން ބުންޏެވެ.

މިހާތަނަށް އުފަންވި އެންމެ ކުޑަ ފިރިހެން ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލި އިރު އޮތް ގޮތް

މިހާތަނަށް އުފަންވި އެންމެ ކުޑަ ފިރިހެން ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލި އިރު އޮތް ގޮތް

މި އާދަޔާ ހިލާފް ކުއްޖާ އަށް ފަރުވާކުރި ޑޮކްޓަރު ޓަކޭޝީ އަރިމިޓްސޫ ބީބީސީ އަށް ވިދާޅުވީ މިއީ ދުވަސް ނުފުރާ އުފަންވި ފިރިހެން ކުދިންގެ ތެރެއިން ސަލާމަތްކުރެވުނު އެންމެ ކުޑަ ކުއްޖާ ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭނާ ވިދާޅުވީ ކުއްޖާ އުފަންވާއިރު ކިތަންމެ ކުޑަ ނަމަވެސް ސަަލާމަތްކުރެވިދާނެކަން މިފަހަރު ފެނިއްޖެ ކަމަށެވެ.

މީގެ ކުރިން ސަލާމަތްކުރެވުނު އެންމެ ކުޑަ ފިރިހެން ކުއްޖާ އުފަންވީ ޖަރުމަނުގަ އެވެ. އެ ކުއްޖާ އުފަންވިއިރު ބަރުދަނަކީ 274 ގްރާމެވެ. މިހާތަނަށް ސަލާމަތްކުރެވުނު އެންމެ ކުޑަ އަންހެން ކުއްޖާ އުފަންވީ 2015 ވަނަ އަހަރު އެވެ. ބަރުދަނުގައި ހުރީ 252 ގްރާމެވެ. މިއީ ވެސް ޖަރުމަނު ކުއްޖެކެވެ.