Roadha Mihaaru
ސިއްހީ ދާއިރާ ހަރުދަނާކުރަން ސައުދީއާއެކު ސޮއިކޮށްފި

ސިއްހީ ދާއިރާ ހަރުދަނާ ކުރުމުގެ އެއްބަސްވުމެއްގައި ސައުދީއާ އެކު ސޮއިކޮށްފި

03 މާޗް 2019

ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާއާ އެކު ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާއާ އެކު ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ރަސްމިއްޔާތުގައި ސިއްހީ ދާއިރާއާ ގުޅޭ މުހިއްމު އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ ގައުމުގެ ހެލްތު މިނިސްޓަރު ޑރ. ތައުފީގު އަލް ރާބިއާ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ އަށް މީހުން ބިނާކުރުމުގައި ސައުދީގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ސިއްހީ މަރުކަޒުތައް އިތުރަށް ތަރައްގީކުރުމަށާއި ދާއިރާ އަށް ބޭނުންވާ އާލާތްތައް ހޯދުމުގައި އެހީތެރިކަން ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ސިއްހީ ދާއިރާ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓަރު އަމީން (ވ) އަދި ސައުދީގެ ހެލްތު މިނިސްޓަރު ޑރ. ތަައުފީގު ސޮއިކުރައްވަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ

ސިއްހީ ދާއިރާ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓަރު އަމީން (ވ) އަދި ސައުދީގެ ހެލްތު މިނިސްޓަރު ޑރ. ތަައުފީގު ސޮއިކުރައްވަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމު ދެމެދު އޮތް ގާތް ގުޅުމަށް އަލި އަޅުއްވާލައްވައިފަ އެވެ. އެގޮތުން ރާއްޖެ އަށް ދެމުން އަންނަ އެހީތެރިކަމަށް އަމީން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދްނަމަންއާ ވެސް މިނިސްޓަރު ވަނީ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. ޖަޒީރާ ގައުމުތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި އަމަލު ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުުޅުން މަޝްވަރާ ކުރެއްވި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު އަމީން ސައުދީ އަށް ވަޑައިގަތީ ބަލި މީހުން ރައްކާތެރިކަމާ ގުޅޭ ގޮތުން އެ ގައުމުގައި ކުރިއަށް ގެންދާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެއީ، ބަލި މީހުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކަށް ގައުމުތައް އަހުލުވެރި ކުރުވައި، އެކަމާ ގުޅިގެން ގައުމުތަކުން ކުރާ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށާއި އެހީ ބޭނުންވާ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.