Roadha Mihaaru
ކުޑަކުދިންނަށް ހާއްސަ ފުލުހުން އުފައްދަން ބިލެއް

ކުޑަކުދިންނަށް ހާއްސަ ފުލުހުންނާއި ޕްރޮސެކިއުޓަރުން އުފައްދަން މަޖިލިހަށް ބިލެއް ހުށަހަޅައިފި

05 މާޗް 2019

ކުޑަކުދިންނަށް ހާއްސަ ފުލުހުންނާއި ޕްރޮސެކިއުޓަރުން އުފެއްދުމަށް ކުޑަކުދިންގެ އަދުލުގެ ނަމުގައި އެ ކުދިން ރައްކާތެރިކަން ލިބޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުޑަކުދިންނަށް ހާއްސަ ފުލުހުންނާއި ޕްރޮސެކިއުޓަރުން އުފެއްދުމަށް ކުޑަކުދިންގެ އަދުލުގެ ނަމުގައި އެ ކުދިން ރައްކާތެރިކަން ލިބޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މޫސާ ނިޒާރު ހުށަހެޅުއްވި ބިލްގައި ވަނީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ތަހުގީގު ކުރާނީ ފުލުހުންގެ މުއައްސަސާގައި ގާއިމުކުރާ ޑިޕާޓްމަންޓަކުން ކަމަށެވެ. ޑިޕާޓްމަންޓުގައި މަސައްކަތް ކުރަން ވާނީ ކުޑަކުދިންގެ މައްސަލަތައް ތަހްގީގު ކުރުމަށް ހާއްސަކޮށްފައިވާ އަދި އެކަމަށް ހާއްސަ ތަމްރީން ލިބިފައިވާ ފުލުހުން ކަމަށް ވެސް ބިލްގައިވެ އެވެ.

ކުޑަކުދިންގެ މައްސަލަތައް ބެލުމަށް މިހާރު އޮންނަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓެކެވެ. އެއީ ފުލުހުންގެ ތެރޭގައި ވަކިން އުފައްދާފައި އޮންނަ ޑިޕާޓްމަންޓެކެވެ.

ބިލްގައި ބުނީ ޑިޕާޓްމަންޓެއް ގާއިމު ކުރެވިފައި ނެތް ރަށެއް ނަމަ، އެ ރަށުގައި ހުންނަ ފުލުހުންގެ މަރުކަޒުގައި ކުޑަކުދިންނާ މުއާމަލާތް ކުރުމަށް އެކަށީގެންވާ ތަމްރީނާއި ހުނަރާއި އިރުޝާދު ލިބިފައިވާ ފުލުހުންގެ ތެރެއިން ކަނޑައެޅޭ ޖުވެނައިލް ޖަސްޓިސް އޮފިސަރަކު ހުންނަން ވާނެ ކަމަށެވެ.

ބިލަށް އަމަލު ކުރަން ފެށުމާއެކު، ކުޑަކުދިން ކުރާ ގާނޫނާ ހިލާފު އަމަލުތަކާ ގުޅިގެން މައްސަލަތައް ބެލުމުގައި ކުޑަކުދިންގެ މަންފާއަށްޓަކައި މަސައްކަތްކޮށްދީ އެ ކުދިން ހެޔޮ ގޮތުގައި ރުޖޫއަ ކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ. އަދި މިހާރު އޮންނަ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ހުރިހާ ކަމެއް އެ އިދާރާގެ ދަށަށް ބަދަލުވާނެ އެވެ.

ޖުވެނައިލް ޖަސްޓިސް އިދާރާގެ ބައެއް މަސްއޫލިއްޔަތުތައް:

- ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންނާއެކު މަސައްކަތް ކުރުން.

- ކުޑަކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށް ދިނުމަށް މަސައްކަތް ކުރުން.

- ކުޑަކުދިން ކުށް ކުރާ ސަބަބުތައް ދެނެގަތުމަށް ދިރާސާތައް ހެދުން.

- ކުޑަކުދިން ކުށް ކުރުން ހުއްޓުވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.

- ކުޑަކުދިންގެ މަރުކަޒުތަކުގައި ތިބޭ ކުދިންގެ ހާލަތު މޮނިޓަ ކުރުން

މީގެއިތުރުން ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތަކުގައި ދައުވާ ކުރުމާ ގުޅޭ އެންމެހައި ކަމެއް ކުރާނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގައި ގާއިމުކުރާ ހާއްސަ ޔުނިޓަކުން ކަމަށް ބިލްގައިވެ އެވެ. އަދި އެ މައްސަލަތައް ބަލަން ވާނީ ހާއްސަ ތަމްރީން ލިބިފައިވާ ޕްރޮސެކިއުޓަރުންނަށް ކަމަށް ބިލްގައިވެ އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ކުޑަކުދިންނަކީ ގާނޫނުއަސާސީގެ ދަށުން އާއިލާ އާއި މުޖުތަމައު އާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިއްބައިދީ ކުޑަކުދިންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒު ކުރުމުގައި ގެންގުޅެން ޖެހޭ ހާއްސަ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތަކާއި ފިޔަވަޅުތައް ކަނޑައަޅައި ބަޔާން ކުރުން ކަމަށް ވެސް ބިލްގައިވެ އެވެ.

ކުޑަކުދިންތަކެއް ސްކޫލެއްގައި ކިޔަވަނީ. --- ފޮޓޯ: މިހާރު

ކުޑަކުދިންތަކެއް ސްކޫލެއްގައި ކިޔަވަނީ. --- ފޮޓޯ: މިހާރު

ބިލްގެ މަގްސަދުގެ ތެރޭގައި ކުށުގެ ރިކޯޑު އޮވެއްޖެނަމަ، ކުއްޖާ އަށް ކުރާނެ ނޭދެވޭ އަސަރުތަކުންނާއި ކުއްޖާ ކުށް ކުރުމުން ދުރުހެލި ކުރުވުމާއި ކޮންމެ ކުއްޖަކީ ހާއްސަ ބޭނުންތަކެއް ހުންނާނެ ކުއްޖަކަށް ވާތީ ކުއްޖެއްގެ ހާލަތަށް ރިއާޔަތްކޮށް ހައްލު ހޯދައިދެވޭނެ ގޮތްތަކެއް ހޯދައި ދިނުމާއި ކުއްޖާ ކުރާ ގާނޫނާ ހިލާފު އަމަލުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެ ކުއްޖާ ޖަވާބުދާރީވާން ބާރު އެޅުން ހިމެނެ އެވެ.

މީގެއިތުރުން ކުއްޖާ ހެޔޮ ގޮތުގައި މުޖުތަމައު އަށް އަނބުރާ އައިސް، މުޖުތަމައުގައި ބިނާ ކުރުވަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށް ދިނުމަކީ ވެސް ބިލްގެ މައިގަނޑު މަގްސަދެކެވެ.

ބިލްގައި ހިމެނޭ މުހިންމު ބައެއް ބައިތައް:

- ކުޑަކުދިން ކުރާ ޖިނާއީ ކުށްތައް ފުރިހަމަ މަރުހަލާގައި ބެލޭނީ ޖުވެނައިލް ކޯޓަށް.

- ބިލުގައި ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޝަންތަކެއް ގާއިމު ކުރަން ޖެހޭ.

- ކޯޓުތަކުގައި މައްސަލަ ބަލަން ވާނީ ތަމްރީން ލިބިފައިވާ ފަނޑިޔާރުން.

- ޑިވިޝަންތައް 18 މަސް ދުވަހުގެ ތެރޭގައި ގާއިމުކުރަން ޖެހޭ.

ބިލްގައި ވަނީ ގާނޫނު ހިލާފުވާ ކުޑަ ކުއްޖެއްގެ މައްޗަށް ބިލް ތަންފީޒު ކުރުމުގައި އެއްވެސް ތަފާތު ކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކާއި ޝަރުއީ ކޯޓުތަކާއި ދައުލަތުގެ އިދާރާތައް ހިމެނޭ ގޮތުން އެއްވެސް ފަރާތަކުން ގާނޫނުގެ ދަށުން ކުޑަ ކުއްޖަކާ ގުޅޭ ކަމެއް ނިންމުމުގައި އިސްކަން ދޭން ވާނީ އެ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަށް އެކަމެއް ނިންމުމަށް ކަމަށް ބިލްގައިވެ އެވެ.

ގާނޫނާ ހިލާފުވާ ކޮންމެ ކުއްޖެއްގެ މައްޗަށް ބިލްގެ ދަށުން ފިޔަވަޅު އެޅުމުގައި ވީވަރަކުން ބަލަން ވާނީ އެ ކުއްޖާގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ބަދަލުގައި ޑައިވަޝަންގެ ފިޔަވަޅު އެޅުމަށް ކަމަށް ބިލްގައިވެ އެވެ. އަދި ޑައިވަޝަންގެ ކޮންމެ ފިޔަވަޅެއް ވެސް ވާން ވާނީ އެ ކުއްޖާގެ އިންސާނީ ހައްގުތަކަށް އުނިކަމެއް ނާންނަ ގޮތެއްގެ މަތިން އެ ކުއްޖާ އަށް ލިބިދޭން ޖެހޭ އެންމެހައި ރައްކާތެރިކަމެއް ލިބޭ ގޮތަށް އެޅޭ ފިޔަވަޅުތަކެއްގެ ގޮތުގައި ކަމަށް ވެސް ނިޒާރުގެ ބިލްގައިވެ އެވެ.

ބިލްގައި ބުނީ ގާނޫނާ ހިލާފުވާ ކުޑަ ކުއްޖަކާ މެދު ބިލުގެ ދަށުން އެޅޭ ފިޔަވަޅެއްގެ ގޮތުން އެ ކުއްޖާ ހައްޔަރު ކުރަން ވާނީ ނުވަތަ ބަންދު ކުރަން ވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ކަމަށާއި އެ ކުއްޖަކު ހައްޔަރު ނުވަތަ ބަންދު ކުރަން ވާނީ އެ ހާލަތެއް ލާޒިމް ކުރާ އެންމެ ކުރު މުއްދަތެވެ. އަދި ކުޑަކުއްޖަކު ބަންދު ކުރުމަށް ނިންމާ ހާލަތުގައި އެ ނިންމުމަކީ ގަވައިދުން މުރާޖައާ ކުރެވޭ ނިންމުމަކަށް ވާން ވާނެ އެވެ.