Roadha Mihaaru
ހައްލެއް ނެތް، ޑޮލަރުގެ ކަޅު ބާޒާރު ކުރިއަށް!

ހައްލެއް ނެތް، ޑޮލަރުގެ ކަޅު ބާޒާރު ކުރިއަށް!

29 އޯގަސްޓް 2016

ދިވެހިންގެ އާންމު ބޭނުންތަކަށް އެތެރެކުރަން ޖެހޭ އެއްޗިއްސަށް މަހަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ބޭނުންވެ އެވެ. އެކަމަކު ވިޔަފާރިވެރިން ބޭނުންވާ މިންވަރާ ގާތަކަށް ވެސް ބޭންކުތަކުން ޑޮލަރެއް ނުލިބެ އެވެ. ބޭންކްތަކުން ޑޮލަރު މާރުކުރުމުގެ ބަދަލުގައި ޑޮލަރު ހުރި މީހުން އެ އެއްޗެހި އަޅާލަނީ ކަޅު ބާޒާރަށެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދިވެހިންގެ އާންމު ބޭނުންތަކަށް އެތެރެކުރަން ޖެހޭ އެއްޗިއްސަށް މަހަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ބޭނުންވެ އެވެ. އެކަމަކު ވިޔަފާރިވެރިން ބޭނުންވާ މިންވަރާ ގާތަކަށް ވެސް ބޭންކުތަކުން ޑޮލަރެއް ނުލިބެ އެވެ. ބޭންކްތަކުން ޑޮލަރު މާރުކުރުމުގެ ބަދަލުގައި ޑޮލަރު ހުރި މީހުން އެ އެއްޗެހި އަޅާލަނީ ކަޅު ބާޒާރަށެވެ.

ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ޑޮލަރު ހޯދަން މިހާރު ކުރިމަތިވެފައި ވަނީ މި ފަހުން ދިމާވެފައިނުވާ ވަރުގެ ދަތިތަކެކެވެ. އޭގެ ސަބަބަކީ ރާއްޖެ އަންނަ ޓޫރިސްޓުން މަދުވުމާއި މަސް އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީގެ މިންވަރު ވެސް ވަރަށް ބޮޑަށް ދަށަށް ދިއުމެވެ.

ހަމައެކަނި މުދާ އެތެރެކުރަން ބޭނުންވާ ޑޮލަރެއް ނޫނެވެ. ދިވެހިންނަކީ އެހެން ގޮތްގޮތުން ވެސް އެތައް މިލިއަން ޑޮލަރެއް ބޭރު ގައުމުތަކަށް ހޭދަކުރާ ބައެކެވެ. އޭގެ ތެރޭގައި ބޭސްފަރުވާއަށާއި ތައުލީމުގެ އިތުރުން، ބޭރުގައި ދިރިއުޅޭ މީހުންނަށް ފޮނުވަން ޖެހޭ ޑޮލަރު ވެސް ހިމެނެ އެވެ.

ކޮންމެ އަހަރެއްގެ ހައްޖު މޫސުމަކީ ވެސް އާންމު މިންވަރަށް ވުރެ ގިނައިން ޑޮލަރަށް ޖެހޭ ދުވަސްވަރެކެވެ. އެގޮތުން މި އަހަރުގެ ހައްޖަށް ރާއްޖެ އިން 2000 މީހުން ފުރިއިރު އެ އެންމެންނަށް އެތައް މިލިއަން ޑޮލަރެއް ބޭނުންވެ އެވެ.

ހައްޖަށް ދާ މީހުން ގިނަވީމާ "ހައްޖު ޖަމާއަތްތަކުން ކުރަން ޖެހުނު ހަރަދު ވެސް ބޮޑުވެގެން ދިޔަ. ޑޮލަރު ލިބުން ދަތިވުމުގައި މިފަދަ އެތައް ސަބަބުތަކެއް އެބަހުރި،" ރާއްޖެއަށް ގިނަ އަދަދަކަށް މުދާ އެތެރެކުރާ ލިލީ އިންޓަނޭޝަނަލް މެނޭޖިން ޑިރެކްޓަރު މައްލާ އަހުމަދު ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ކުޑަ އީދާއި ޖުލައި 26ގެ ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އިން ބޭރަށް ދިއުމުން ވެސް ޑޮލަރު މާކެޓަށް ބާރު ބޮޑުވެގެން ދިޔަ ކަމަށެވެ.

"މިއީ ޓޫރިޒަމްގެ އޮފް ސީޒަން ވީމަ ބޭންކުތަކަށް ވެސް ޑޮލަރު ވިއްކާ މިންވަރު މަދުވާނެ. މިނޫން ވެސް ބައިވަރު ސަބަބުތައް އެބަހުރި،" މައްލާ ނާސިރު ވިދާޅުވި އެވެ.

"މިހާރު މިދާ ގޮތުން ޑޮލަރުގެ ތާށިކަން ފިލައިގެނެއް ނުދާނެ ރިސޯޓްތަކުގެ އޮކިއުޕަންސީ ރަނގަޅުވެގެން ނޫނީ: މައްލާ ނާސިރު

އޭނާ ވިދާޅުވީ އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ވިއްކި ނަމަވެސް އެކަށީގެންވާ އަދަދަކަށް ބައެއް ބޭންކުތަކުން ޑޮލަރު ނުވިއްކާ ކަމަށެވެ.

ޑޮލަރު ގަންނަން ބީއެމްއެލް ބާޒާރު ބްރާންޗްގެ ބޭރުގައި މިދިޔަ ހަފުތާގައި ކިޔޫ ހަދައިގެން  ފޮޓޯ:ހުސެއިން ޝަޔާހު /މިހާރު

ޑޮލަރު ގަންނަން ބީއެމްއެލް ބާޒާރު ބްރާންޗްގެ ބޭރުގައި މިދިޔަ ހަފުތާގައި ކިޔޫ ހަދައިގެން ފޮޓޯ:ހުސެއިން ޝަޔާހު /މިހާރު

"ބީއެމްއެލް އިން ވިއްކާ މިންވަރަށް އެހެން ބޭންކުތަކުން ޑޮލަރު ނުވިއްކާ. އޭގެ ސަބަބުން ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމުގައި ދަތިތަކެއް އެބަ ދިމާވޭ،" އޭނާ ވިދާޅުވި އެވެ.

ނާސިރު ވިދާޅުވި ގޮތުގައި ހައްޖާއި އީދު ބަންދަށް ބޭރަށް ދާ މީހުންގެ ދަތުރުތަކާ ދިމާވުމުން ޑޮލަރު ލިބުން މި ދުވަސްވަރު އިންތިހާއަށް ދައްޗެވެ.

"އަޅުގަނޑުމެން ޑޮލަރު ގަންނަން ބޭނުންވާ މިންވަރަށް ނުލިބޭ ބޭންކުތަކުން. އަޅުގަނޑުމެންނަށް ހަފުތާއަކު މަދުވެގެން ހަ ލައްކައެއްހާ ޑޮލަރު އެބަ ބޭނުންވޭ،" ނާސިރު ވިދާޅުވި އެވެ.

"މިހާރު މިދާ ގޮތުން ޑޮލަރުގެ ތާށިކަން ފިލައިގެނެއް ނުދާނެ ރިސޯޓްތަކުގެ އޮކިއުޕަންސީ ރަނގަޅުވެގެން ނޫނީ،" މައްލާ ނާސިރު ވިދާޅުވި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ދާދި ފަހުން ވިދާޅުވީ ހައްޖުވެރިން ފުރާ ދުވަސްވަރާ ދިމާކޮށް ޑޮލަރުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ކަނޑައަޅާފައިވާ އުސޫލްތަކާ އެެއްގޮތަށް އިސްލާމިކް ބޭންކާއި ބީއެމްއެލް އިން ޑޮލަރު ވިއްކަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިހާ ޑިމާންޑް ބޮޑު ދުވަސްވަރެއްގައި ހައްޖު ގްރޫޕްތަކުން ސައުދީ އަށް ދައްކަން ޖެހޭ ޕޭމަންޓްތައް އަޅުގަނޑުމެން ހަމަޖައްސައިދީފައިވާނެ. އެކަމަކު އަޅުގަނޑުމެންނަށް އެ ބޭފުޅުން އެދޭ މިންވަރަކަށް ކޭޝް އިން ނުވިއްކަން. ނަމަވެސް ހައްޖު ގްރޫޕްތަކުން ސައުދީގައި ކުރަން ޖެހޭ ކުދިކުދި ހަރަދުތައް ހަމަޖައްސަން ކޮންމެ ގްރޫޕަކަށް 10،000 ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ވިއްކާ ގޮތަށް ހަމަޖައްސާފައިވޭ،" ގަވަރުނަރު ވިދާޅުވި އެވެ.

ބައެއް ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި ދާދި ފަހުން ޑިއުޓީ ދެއްކުމުގެ އުސޫލަށް ގެނައި ބަދަލާއި މާލޭގައި ޖެހިޖެހިގެން ދެ ނައިޓް މާކެޓް ބޭއްވުމުން ވެސް ޑޮލަރުގެ ޑިމާންޑް އިތުރުވި އެވެ.

"ނައިޓް މާކެޓަށް ގިނައިން މި ގެންނަނީ ތާކުންތާކު ނުޖެހޭ ކުނިބުނި ޒާތުގެ މުދާ. ގިނަ ފަހަރަށް އެ ގެންނަ އެތިކޮޅު ހުހެއް ވެސް ނުވޭ. މި ކަހަލަ ބޭކާރު ވިޔަފާރިތަކާ ހެދި ވެސް ޑޮލަރުގެ ޑިމާންޑް އެބަ ބޮޑުވޭ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.

ހީކުރި ވަރަށް ވުރެ ޓޫރިޒަމް ދަށްވުމަކީ ޑޮލަރުގެ ތާށިކަމަށް އައި ނުރައްކަލެކެވެ. އަދި ސަރުކާރުގެ ބައެއް ސިޔާސަތުތައް ވެސް ދޯހަޅި އެވެ. މި އަހަރު އިތުރު އާމްދަނީ ހޯދަން ބަޖެޓްގައި ހިމެނި ބޮޑެތި ކަންތައްތަކަށް އަމަލީ ސިފައެއް ނާދެ އެވެ. އޭގެ ބަދަލުގައި ސަރުކާރުން ވަނީ ޑޮލަރުން އެޑްވާންސް ޕޭމަންޓް ދައްކަން ޖެހޭ ގޮތަށް ބޮޑު ދެ މަޝްރޫއެއް ދާދި ފަހުން ވެސް ފަށައިފަ އެވެ. އެގޮތުން އައިޖީއެމްއެޗްގައި 25 ބުރީގެ އިމާރާތާއި ފިނޭންސް މިނިސްޓްރީ ހުންނަ ތަނުގައި ހަދާ 25 ބުރީގެ އާ އިމާރާތް އަޅަން ސަަރުކާރުން ވަނީ ބޮޑު އެޑްވާންސެއް ދައްކައިފަ އެވެ.

ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ: ކަޅު ބާޒާރުގައި ޑޮލަރަށް ޑިމާންޑް ބޮޑު

ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ: ކަޅު ބާޒާރުގައި ޑޮލަރަށް ޑިމާންޑް ބޮޑު

އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ޑޮލަރަށް ޑިމާންޑް ބޮޑުވެފައި ވަނީ ހަމައެކަނި ޓޫރިޒަމް ދަށްވުމާއި މުދާ އެތެރެކުރާ މިންވަރު އެތެރެވުމުގެ ސަބަބުން ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭ ގިނަ މަޝްރޫއުތަކެއް ކުދިކުދި އާބާދީ ހިމެނޭ ރަށްރަށުގައި ކުރާ ތަން. އޭގެ ސަބަބުން ޑޮލަރު އިންތިހާއަށް އެބަ ބޭނުންވޭ އެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ގެންނަން. މިފަދަ މަޝްރޫއުތައް ހިންގަން ވާނީ ދައުލަތަށް ލިބޭ މިންވަރަކުން. އަދި އެއިން ދައުލަތަށް ވެސް އާމްދަނީއެއް ލިބޭ ގޮތަށް،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ޑޮލަރުގެ ޑިމާންޑް ކުޑަކުރަން އެކަށީގެންވާ ހައްލެއް އަދިވެސް ނުލިބެ އެވެ. އެއްކޮޅުން ވިޔަފާރިވެރިންނާއި އާންމުން ޑޮލަރު ފަހަތުން ދުވަނީ އެވެ. އަނެއްކޮޅުން މިލިއަނުން މިލިއަަނުން ޑޮލަރު ބޭނުންވާ ކަހަލަ މަޝްރޫރުތައް ސަރުކާރުން ކުއްލިކުއްލި އަަށް ފަށަނީ އެވެ. ޑޮލަރު ހުރި ވިޔަފާރިވެރިން ކަޅު ބާޒާރުން ފައިދާ ނަގަނީ އެވެ.