Roadha Mihaaru
ފީފާ އިން ލުޔެއް ނުދިނުމުން ޗެލްސީ ހިތްހަމަނުޖެހިއްޖެ

ފީފާ އިން ލުޔެއް ނުދިނުމުން ޗެލްސީ ހިތްހަމަނުޖެހިއްޖެ

09 މާޗް 2019

ލަންޑަން (މާޗް 8) - އަށާރަ އަހަރުން ދަށުގެ ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ގަވާއިދާ ހިލާފުވެފައިވާތީ ޗެލްސީ އަށް 2020 ގެ ކުރިން ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ނިންމި ނިންމުން އިސްތިއުނާފަށް ލާފައިވާތީ މި ވަގުތު އެ އަދަބު ތަންފީޒު ނުކުރަން ފީފާގައި އެދުމުން އެ އިދާރާއިން އެކަމަށް ދެކޮޅު ހެދުމުން ޗެލްސީން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 8) - އަށާރަ އަހަރުން ދަށުގެ ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ގަވާއިދާ ހިލާފުވެފައިވާތީ ޗެލްސީ އަށް 2020 ގެ ކުރިން ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ނިންމި ނިންމުން އިސްތިއުނާފަށް ލާފައިވާތީ މި ވަގުތު އެ އަދަބު ތަންފީޒު ނުކުރަން ފީފާގައި އެދުމުން އެ އިދާރާއިން އެކަމަށް ދެކޮޅު ހެދުމުން ޗެލްސީން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ފީފާ އިން ޗެލްސީގެ 92 މައްސަލަ ބެލިއިރު އޭގެ ތެރެއިން 29 މައްސަލައިގައި އޮތީ ގޯސް ހަދައިފަ އެވެ. ޗެލްސީން ބުނީ 92 ކުޅުންތެރިންގެ ތެރެއިން 63 ކުޅުންތެރިއެއްގެ މައްސަލައިގައި ގޯހެއް ނެތް ކަމަށް ފީފާ އިން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި އެކަމަކު ބާކީ 29 ކުޅުންތެރިންގެ މައްސަލައިގައި ހުށަހެޅި ލިޔެކިޔުންތައް ފީފާ އިން ބަލައިނުގަތުމުން އެކަމާ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.

ހަ ލައްކަ ޑޮލަރުގެ ޖޫރިމަނާއަކާ އެކު މިދިޔަ މަހު 22 ވަނަ ދުވަހު ފީފާ އިން ޗެލްސީ އަށް އަދަބު ދިނީ ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ނުގެނެވޭ ގޮތަށެވެ. ޗެލްސީން މައްސަލަ އިސްތިއުނާފު ކުރުމަށް ފަހު ހުށަހެޅީ މައްސަލަ އެއްކޮށް ބަލައި ނިމެން ދެން ވަގުތީ ގޮތުން އެ އަމުރު ސަސްޕެންޑް ކުރުމަށެވެ. އެހެން ނަަމަވެސް މައްސަލައިގެ ބާވަތުން ފީފާ އިން ނިންމީ އެ ގޮތަށް ކުރިއަށް ނުދެވޭނެ ކަމަށެވެ.

މީގެ ކުރިން ސްޕެއިނުގެ ބައެއް ކްލަބްތަކަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ދިން އަދަބުގެ އިސްތިއުނާފް މަރުހަލާގައި ކުޅުންތެރިން ގެނެވޭ ގޮތަށް ހުއްދަ ދިނެވެ. އެކަމާ ހިތްހަމަނުޖެހިގެން ޗެލްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކްލަބަށް އޭގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށެވެ.

"ޔޫރަޕްގެ އެހެން ކްލަބްތަކަށް ފީފާ އިން ވަނީ މި ފަދަ ކަންތައްތަކުގައި ލުއި ދީފައި. އެކަމަކު ޗެލްސީ އަށް އެ ފުރުސަތެއް ނުލިބުނު. މިއީ ތަފާތު ކުރުންތަކެއް. މީގެ ސަބަބުން ކްލަބަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ،" ޗެލްސީން ނެރުނު ބަޔާނުގައިވެ އެވެ.

ފީފާ އިން ވަނީ މިފަދަ މައްސަލަތެއްގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑަށް މީގެ ކުރިން ދީފަ އެވެ. އެކަމަކު އޭގެ ތެރެއިން ބާސެލޯނާ އިން އިސްތިއުނާފްކުރުމުން އެ އަދަބަށް އަމަލުކުރުމުން އެއް އަހަރު ފަސްކުރީ އެވެ. އެހިސާބުން ބާސެލޯނާ އިން ލުއިސް ސުއަރޭޒާއި އިވާން ރަކިޓިޗާއި ޖެރެމީ މެތިއު އާއި ކްލައުޑިއޯ ބްރާވޯ އަދި މާކް-އަންދްރޭ ޓާ ސްޓެގެން ގެނެސް ޓީމު ވަރުގަދަކުރީ އެވެ.

އަދަބާ ގުޅިގެން ޗެލްސީ އަށް ދެން އެންމެ އަވަހަށް ވެސް ކުޅުންތެރިޔަކު ގެނެވޭނީ 2020 ވަނަ އަހަރުގެ ޖޫން މަހު އެވެ. މިއީ ފޯމު ގެއްލި، އާ ކުޅުންތެރިން ހޯދަން ޗެލްސީ އަށް ޖެހިފައިވަނިކޮށް ކުރިމަތިވި ވަރަށް ބޮޑު މައްސަލައެކެވެ. އަދި އެ ޓީމުން ލޯން އުސޫލުން ގެނެސްފައިވާ ޔުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގުއައިންގެ ކޮންޓްރެކްޓް ދެން ދާއިމީ ކުރެވިދާނެ ކަމާ މެދު ވެސް ސުވާލު އުފެދެ އެވެ. އެކަަމަކު ކުޅުންތެރިން ނުގަނެވޭނަމަ ޗެލްސީ އަށް އޮތް ގޮތަކީ އެ ކްލަބުން ލޯނަށް ދޫކޮށްފައި ތިބި ކުޅުންތެރިން އަނބުރާ ގެނައުމެވެ.