Roadha Mihaaru
ހަގީގަތް އޮޅުވާލީ މީޑިއާ އިން: ޑިބާލާ

ހަގީގަތް އޮޅުވާލީ މީޑިއާ އިން: ޑިބާލާ

08 އޮކްޓޯބަރ 2019

ޓިއުރިން (އޮކްޓޫބަރު 8) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުވެންޓަސް ދޫކޮށްލަން އޭނާ ބޭނުންވާކަމަށް ބުނެ ހަގީގަތް އޮޅުވާލީ މީޑިއާތަކުން ކަމަށް އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބަލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (އޮކްޓޫބަރު 8) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުވެންޓަސް ދޫކޮށްލަން އޭނާ ބޭނުންވާކަމަށް ބުނެ ހަގީގަތް އޮޅުވާލީ މީޑިއާތަކުން ކަމަށް އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބަލާ ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ޑިބަލާ މި ސީޒަން ފެށުމުގެ ކުރިން ޔުވެންޓަސް ދޫކޮށްލާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. އަދި އިނގިރޭސި ދެ ކްލަބް ކަމަށްވާ ޓޮޓެންހަމް ހޮޓްސްޕާސް އާއި މެންޗެސްޓާ ޔުނައިޓެޑުން ވަނީ ޑިބާލާއާ އެކު ގިނަ މަޝްވަރާތަކެއް ބާއްވައިފަ އެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޓޮޓެންހަމާއި ޔުނައިޓެޑުން ޑިބާލާ ގަތުމުގެ ވިސްނުން ދޫކޮށްލީ އޭނާ ކިޔާ މުސާރަ ބޮޑުވުމުންނެވެ.

ޑިބަލާ ބުނީ އެއްވެސް އިރެއްގައި ޔުވެންޓަސް ދޫކޮށްލަން އޭނާ ނުވިސްނާ ކަމަށެވެ.

"އަހަރެން ދަންނަ އެންމެނަށް ވެސް އެނގޭ ޓްރާންސްފާ މާކެޓްގައި ވެސް އަހަރެން ބޭނުންވީ މި ޓީމުގައި މަޑުކުރަންކަން. ހަގީގަތް އޮޅުވާލީ މީޑިއާ އިން. އަހަންނާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވުނު. އެކަމަކު އަހަރެން މި ހުރީ ބޭނުންވި ގޮތަށް މި ކްލަބްގައި،" ޑިބާލާ ބުންޏެވެ.

އިޓާލިއަން ލީގުގައި އާދިއްތަ ދުވަހުގެރޭ އިންޓަ މިލާން އަތުން 2-1 އިން ޔުވެންޓަސް މޮޅުވި މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ ޑިބާލާ އެވެ. ޔުވެންޓަސްގެ ކޯޗުކަމާ މައުރީޒިއޯ ސާރީ ހަވާލުވި ފަހުން ޑިބަލާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުން އުނދަގޫވި ނަމަވެސް ޕްރެކްޓިހުގައި ޑިބަލާ ދައްކާ ކުޅުމުގެ ސަބަބުން އޭނާ ޓީމަށް ނަގަންޖެހޭ ކަމަށް ފަހުން ސާރީ ވަނީ ބުނެފަ އެވެ.

ޑިބާލާ ބުނީ އިންޓައާ ދެކޮޅަށް ކުޅުނު މެޗަކީ ފަހަކަށް އައިސް ޔުވެންޓަސް ޖޯޒީގައި އޭނާ އަށް އެންމެ މޮޅަށް ކުޅެވުނު އެއް މެޗު ކަމަށާއި ބޭނުންވަނީ އެ ފޯމުގައި ކުރިއަށްދާން ކަމަށެވެ.

"މި ފޯމުގައި ހުރެފިނަމަ ގިނަ މެޗުތަކެއްގައި ކުޅެން އަހަންނަށް ލިބޭނެ. ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނަން،" ޑިބަލާ ބުންޏެވެ.

އާޖެންޓީނާގެ އިންސްޓިޓިއުޓޯ އެތުލެޓިކޯ ޔޫތު ޓީމުން ކުޅެން ފަށައި އެ ކްލަބްގެ ސީނިއާ ޓީމަށް ވެސް ކުޅުނު ޑިބާލާ އެންމެ ފުރަތަމަ ޔޫރަޕްގައި ކުޅުނީ އިޓަލީގެ ޕަލާމޯ އަށެވެ. ޕަލާމޯ އަށް 2012 ވަނަ އަހަރު ބަދަލުވުމަށް ފަހު އެ ޓީމުގައި ޑިބާލާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޔުވެންޓަސް އިން 2015 ވަނަ އަހަރު އޭނާގެ ސޮއިހޯދީ 40 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ.