Roadha Mihaaru
ކޮވިޑް-19: އެންމެ ފަހުން ޑީބަލާ ރަނގަޅުވެއްޖެ

ކޮވިޑް-19: އެންމެ ފަހުން ޑީބަލާ ރަނގަޅުވެއްޖެ

07 މެއި 2020

ޓިއުރިން (މެއި 7) - ގިނަ ދުވަސްތަކެއް ވަންދެން ކޮވިޑް-19ގެ ބަލީގައި އުޅެން ޖެހުނު ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑިބާލާ އެންމެ ފަހުން ބަލިން ފަސޭހަވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (މެއި 7) - ގިނަ ދުވަސްތަކެއް ވަންދެން ކޮވިޑް-19ގެ ބަލީގައި އުޅެން ޖެހުނު ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑިބާލާ އެންމެ ފަހުން ބަލިން ފަސޭހަވެއްޖެ އެވެ.

އުމުރުން 26 އަހަރުގެ ޑީބަލާ އާއި އޭނާގެ ލޯބިވެރިޔާ އޮރިއާނާ ސަބަޓީނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. ގާތްގަނޑަކަށް ހަ ހަފްތާގެ ތެރޭގައި ޑީބަލާ ހަތަރު ފަހަރު ވައިރަހަށް ޓެސްޓްކުރިއިރު ހުރިހާ ފަހަރަކު ވެސް އޭނަ ކޮވިޑް-19 އަށް ޕޮޒިޓިވް އެވެ. އެކަމަކު އެންމެ ފަހުން ކުރި ޓެސްޓުން ވަނީ ނެގެޓިވްވެފަ އެވެ.

"ވަރަށް ގިނަ މީހުން ފާއިތުވި ހަފްތާތަކުގައި ވާހަކަތަކެއް ދެއްކި. އެންމެ ފަހުން ޔަގީންކަމާ އެކު މިހާރު އަހަންނަށް ބުނެވޭނެ އަހަރެން މި ބަލިން ރަނގަޅުވެއްޖެ. އަހަންނަށް ސަޕޯޓް ދިން އެންމެނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. އަަހަރެން އެދެނީ މި ބަލީގައި މިހާރު އުޅޭ ހުރިހާ މީހެއް އަވަހަށް ރަނގަޅުވުން،" ޑީބަލާ ކުރި ޓްވީޓުގައިވެ އެވެ.

އިޓަލީގެ ފުޓްބޯޅަ ސީޒަން އަލުން ފަށަން ކުރާ މަސައްކަތުގައި މިހާރު އަންނަނީ ޓީމުތަކުން ކުޅުންތެރިން މި ބައްޔަށް ޓެސްޓް ކުރަމުންނެވެ. އަދި ޓެސްޓް ނެގެޓިވް ކަމަށް ދައްކާ ކުޅުންތެރިން އިންޑިވިޖުއަލް ޓްރެއިނިންގައި ބައިވެރިވުމުގެ ފުރުސަތު ދެ އެވެ. ޔުވެންޓަސްގެ ބައެއް ކުޅުންތެރިން ދާދި ފަހުން ވަނީ އިންޑިވިޖުއަލް ޓްރެއިނިންތައް ފަށައިފަ އެވެ.

ކޮވިޑް-19 އަށް ޔުވެންޓަސް އިން އެންމެ ފުރަތަމަ ޕޮޒިޓިވްވެ، މިހާރު ރަނގަޅުވެފައިވާ ޑިފެންޑަރު ޑެނިއަލް ރުގާނީ ވެސް ވަނީ އިންޑިވިޖުއަލް ޓްރެއިނިން އަށް ނުކުމެފަ އެވެ. ދެން އެ ޓްރެއިނިން ފެށި ކުޅުންތެރިންގެ ތެރޭގައި ޑިފެންޑަރު ޖިއޮޖިއޯ ކިއެލީނީ އާއި ލިއޮނާޑޯ ބޮނޫޗީ އަދި އާރޮން ރަމްސޭ ހިމެނެ އެވެ. ޑީބަލާ އަދި ޓްރެއިނިން އަށް ނުކުންނާނެ ތާރީހެއް އިއުލާނު ނުކުރެ އެވެ.

އިޓަލީ ސަރުކާރުގެ އެންގުމާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ގައުމުން ބޭރުން އަންނަ ކުޅުންތެރިން އަންނަނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަމުންނެވެ. އެ ގޮތުން ދާދި ފަހުން ޕޯޗުގަލުން އެނބުރި އިޓަލީ އަަށް އައި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މި ވަގުތު ހުރީ ކަރަންޓީނުގަ އެވެ.

މި ވަގުތު އިންޑިވިޖުއަލް ޓްރެއިނިން ކުރިއަށްގެންދަން ފުރުސަތު ދީފައިވާއިރު، ޓީމު ޓްރެއިނިންތައް ފެށޭނީ މި މަހު 18 ގަ އެވެ. އަދި ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް ކަންތައްތައްދާނަމަ ލަސްވެގެން އަންނަ މަހު މެދުތެރޭގައި އިޓަލީގެ ފުޓްބޯޅަ ސީޒަން ފެށޭނެ ކަމަށް ބެލެވެ އެވެ.