Roadha Mihaaru
ޑީބަލާގެ ހާލަތު ކިޔައިދީފި، ނޭވާލަން ވެސް އުނދަގޫވި

ޑީބަލާގެ ހާލަތު ކިޔައިދީފި، ނޭވާލަން ވެސް އުނދަގޫވި

28 މާޗް 2020

ޓިއުރިން (މާޗް 28) - ކޮވިޑް-19 ރޯގާ ޖެހި ވަރަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ބައެއް ފަހަރު ނޭވާލާން ވެސް ވަރަށް ބޮޑަށް އުނދަގޫވި ކަމަށް ޔުވެންޓަސްގެ އާޖެންޓީނާ ވިންގާ ޕައޮލޯ ޑީބަލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (މާޗް 28) - ކޮވިޑް-19 ރޯގާ ޖެހި ވަރަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ބައެއް ފަހަރު ނޭވާލާން ވެސް ވަރަށް ބޮޑަށް އުނދަގޫވި ކަމަށް ޔުވެންޓަސްގެ އާޖެންޓީނާ ވިންގާ ޕައޮލޯ ޑީބަލާ ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ޑީބަލާ އާއި އޭނާގެ ލޯބިވެރިޔާ އޮރިއާނާ ސަބަޓީނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރީ މީގެ ހަ ދުވަސްކުރިންނެވެ. ޑީބަލާ އަކީ މި ވައިރަސް ޖެހުނު ޔުވެންޓަސްގެ ތިން ވަނަ ކުޅުންތެރިޔާ އެވެ. އޭނާގެ ކުރިން އެ ކްލަބްގެ އިޓަލީ ޑިފެންޑަރު ޑެނިއަލީ ރުގާނީ އާއި ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ޑީބަލާ ވަނީ ވައިރަސް ޖެހުނު ފަހުން އޭނާ އަށް ދިމާވެފައިވާ ކަންތައްތައް ދާދި ފަހުން ޖޭޓީވީ ޗެނަލަށް ހިއްސާކޮށްފަ އެވެ. ޑީބަލާ ބުނީ މިއީ އާދައިގެ ވައިރަހެއްގެ ގޮތުގައި ނެގުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ބުނެފަ އެވެ.

"ވަރަށް ވަރުގަދަ އަލާމަތްތަކެއް ފެނުމަށް ފަހު އަހަރެން މިހާރު ރަނގަޅު. މީގެ ދުވަސްކޮޅެއް ކުރިން އަހަރެންގެ ހާލު ރަނގަޅެއް ނޫން. ނޭވާލާން ވެސް ވަރަށް ބޮޑަށް އުނދަގޫވި. އެހެން ދިމާވާތީވެ މިދިޔަ ދުވަސްތައް ދިޔައީ ވަރަށް އުނދަގޫކޮށް. އުނދަގޫވާ ފަހަރެއްގައި ވަރަށް ބޮޑަށް ހަށިގަނޑު ވަރުބަލިވޭ. މިއީ ކުޑަ ކަމެއް ނޫން. އެކަމަކު މިހާރު މަޑުމަޑުން އަންނަނީ ރަނގަޅުވަމުން،" ޑީބަލާ ބުންޏެވެ.

އޭނާ ބުނީ އޮރިއާނާގެ ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމަށާއި މިއީ ކިތަންމެ ފިޓްކޮށް ހުރި މީހަކަށް ވިޔަސް އުނދަގޫވާ ފަހަރެއްގައި ކެތްކޮށްލަން އުނދަގޫ ރޯގާއެއް ކަމަށެވެ.

އޭސީ މިލާނުގެ ޓެކްނިކަލް ޑިރެކްޓަރު އަދި ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު، މިލާނުގެ ފޯވާޑް ޑެނިއަލް މަލްޑިނީއާ ވެސް ވަނީ މި ރޯގާ ޖެހިފަ އެވެ. ދާދި ފަހުން މަލްޑިނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހަފްތާއެއްގެ ތެރޭގައި މި ވައިރަހުން ރަނގަޅުވުމަށް އުއްމީދުކުރާ ކަމަށެވެ.

އިޓަލީ އަކީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އެއް ގައުމެވެ.