Roadha Mihaaru
ރާއްޖޭގެ ކުޅިވަރުގެ ހާލަތު އޮތީ ފުން އަނދަވަޅެއްގައި

ރާއްޖޭގެ ކުޅިވަރުގެ ހާލަތު އޮތީ ފުން އަނދަވަޅެއްގައި: އަލީ ވަހީދު

26 މާޗް 2019

ރާއްޖޭގެ ކުޅިވަރުގެ ހާލަތު އޮތީ ފުން އަނދަވަޅެއްގައި ކަމަށް އެކްޓިން ޔޫތު މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ކުޅިވަރުގެ ހާލަތު އޮތީ ފުން އަނދަވަޅެއްގައި ކަމަށް އެކްޓިން ޔޫތު މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރަށްރަށަށް ހަމަޖެއްސި ސްޕޯޓްސް ކައުންސެލަރުންނަށް ސެޓްފިކެޓް ދިނުމާއި ސްޕޯޓްސް އޮޑިޓް ނިމުން ފާހަގަކުރަން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ވަންނާނެ ތަނެއް ނެތި ކުޅިވަރުގެ ބައެއް އެސޯސިއޭޝަންތަކުން އަދިވެސް އުޅޭ ކަމަށެވެ. އޭގެ ތެރެއިން ބައެއް އެސޯސިއޭޝަންތައް ހިންގަނީ ސައިކަލު މަޑިދަށުގައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކި ކުޅިވަރެއް އިސްތިސްނާ ނުކޮށް، ރާއްޖޭގެ ހުރިހާ ކުޅިވަރެއް ވެސް އޮތީ ފުން އަނދަވަޅެއްގައި ކަމަށެވެ. ނަމަވެސް ކުޅިވަރު ކުރިއަރުވަން، އެ މަސައްކަތް ކުރާ މީހުން އެގޮތަށް އުޅޭތީ އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރަށަކަށް ހަމަޖެއްސި ސްޕޯޓްސް ކައުންސެލަރަކަށް، އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަށަކަށް ހަމަޖެއްސި ސްޕޯޓްސް ކައުންސެލަރަކަށް، އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ރާއްޖޭގައި އެބަތިބި ކުޅިވަރު އެސޯސިއޭޝަން އަދިވެސް ވަންނާނެ ތަނެއް ނެތި. ސައިކަލު މަޑިދަށުގައި އޮފީސް ހުރީ. އަޅުގަނޑުމެން ބޭނުންވަނީ އެކަންތައް ފިލުވަން. މި ސަރުކާރުގެ ތެރޭގައި ހުރިހާ ކުޅިވަރެއް އައުން. އިރާދަކުރެއްވިއްޔާ އަމަލީގޮތުން އެކަން ވާނެ ކަމުގެ މަލަމަތި އެ އެސޯސިއޭޝަންތަކަށް މި ފެންނަމުން ދަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން އެޅި ކުޅިވަރުގެ ގިނަ ދަނޑުތައް މަރާމާތުކުރަން ޖެހޭ ކަމަށާއި އެކަމަށް އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރާ ހަވާލުވިއިރު ފުޓްސަލް ދަނޑުތައް ވީ ތިން ދިމާލެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީީ އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި އެމްއާރުޑީސީ އެވެ. އެ ދަނޑުތައް ގެންދަންވީ ގޮތް މި ހަފުތާގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.

ބޮޑު ހަރަދުތަކެއް ކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެޅި ފުޓްސަލާއި ވޮލީ ބޯޅައިގެ 100 އަށްވުރެ ގިނަ ދަނޑު ވަނީ މަރާމާތުކުރަން ޖެހިފަ އެވެ. އޭގެ ތެރެއިން ބައެއް ތަންތަން ހުރީ ބޭނުންނުކުރެވޭ ހާލަތްތަކުގަ އެވެ.

ރަށްރަށަށް ހަމަޖެއްސި ސްޕޯޓްސް ކައުންސެލަރުންނަށް ސެޓްފިކެޓް ދިނުމާއި ސްޕޯޓްސް އޮޑިޓް ނިމުން ފާހަގަކުރަން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި، ބައެއް ސްޕޯޓްސް ކައުންސެލަރުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރަށްރަށަށް ހަމަޖެއްސި ސްޕޯޓްސް ކައުންސެލަރުންނަށް ސެޓްފިކެޓް ދިނުމާއި ސްޕޯޓްސް އޮޑިޓް ނިމުން ފާހަގަކުރަން ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި، ބައެއް ސްޕޯޓްސް ކައުންސެލަރުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވަނީ ސްޕޯޓްސް ކައުންސެލަރުންނަށް އައްޔަންކުރެއްވި މީހުން ސިޔާސީ ކަންތައްތަކުގައި މަސްއޫލުވެ ނޫޅުއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އިހުޒަމާނުގައި އޮތް އެކުވެރިކަމާއި ކުޅިވަރަށް އޮތް ފޯރި އަލުން އަނބުރާ ގެނެސްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ސިވިލް ސާވިސްގެ މަގާމެއްގެ ގޮތުގައި އިއުލާނުކުރި ސްޕޯޓްސް ކައުންސެލަރުންނަށް ވުމަށް އިއުލާނުކުރިއިރު މުޅި ރާއްޖެއިން 103 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން 88 މީހުން ހޮވުމަށްފަހު ދެ ބެޗަކަށް ބަހާލައިގެން ވަނީ ތިން ހަފުތާގެ ޓްރެއިނިން ދީފަ އެވެ.

ރަށްރަށުގައި ކުރިއަށްގެންދާ ކުޅިވަރުގެ ހަރަކާތްތައް ރާވައި ހިންގުމުގައި އިސްކޮށް ދެން ހަރަކާތްތެރިވާނީ އެ ކައުންސެލަރުންނެވެ. މިއީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވައުދުވި ކަމެކެވެ.