Roadha Mihaaru
އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް ރައީސްގެ ތާއީދެއް ނެތް

އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް ރައީސް ތާއީދެއް ނުކުރައްވާނެ: ނަޝީދު

28 މާޗް 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުންނަކީ ހަމައެކަނި އެމްޑީޕީގެ މެމްބަރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުންނަކީ ހަމައެކަނި އެމްޑީޕީގެ މެމްބަރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ބައެއް ބޭފުޅުން ސަރުކާރުގެ ކެންޑިޑޭޓްގެ ނަމުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާތީ ނަޝީދު ވަނީ ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި އެ ކަމަށް ރައްދު ދެއްވައިފަ އެވެ.

ފުވައްމުލަކު ސިޓީ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުންނާ އެކު ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ކުރީގައި އެމަނިކުފާނާއި ރީނދޫ ކުލަ ފެނުމުން "ހެޔަށް ގޮތްވެ، ވެއްޓޭ މީހުން،" މި އިންތިޚާބާ ދިމާކޮށް ރީނދޫ ކުލަ އާއި އެމްޑީޕީން ބޭނުން ކުރާ ފޮންޓްތަކުން ލިޔެ، އެ މީހަކީ ސަރުކާރުގެ ކެންޑިޑޭޓް ކަމަށް ބުނަމުންދާ ކަމަށެވެ.

އެކަމާ އެމްޑީޕީގެ ބައެއް މެމްބަރުން ކަންބޮޑުވާތީ ހިތާމަ ކުރައްވާކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރުންނާއި ރަދުންގެ މެމްބަރުން މިހާރު ނުތިއްބަވާނެ ކަމަށެވެ.

"[އެމްޑީޕީގެ ކެންޑިޑޭޓުން] ނޫން ބަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެއް ވެސް ތާއީދެއް ނުކުރައްވާނެ. އަޅުގަނޑެއް ވެސް ތާއީދެއް ނުކުރާނެ. ތީގެން އެއްވެސް ބޭފުޅަކު ތާއީދެއް ނުކުރާނެ. ހަގީގަތުގައި ރާއްޖޭގެ ރައްޔިތުން ވެސް ތާއީދެއް ނުކުރާނެ،" ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

"ސަރުކާރުގެ ކެންޑިޑޭޓުންނެއް ނެތް. ތިބީ ސަރުކާރު ދަމަހައްޓައި ސަރުކާރު ނަގަހައްޓައި ސަރުކާރު ހިފަހައްޓައި ސަރުކާރުގެ ވައުދުތައް ފުއްދަން އެހީތެރިވެދޭނެ ކެންޑިޑޭޓުން. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓުން."

އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމުކަން ހާމަ ކުރައްވަމުން ނަޝީދު ވިދާޅުވީ އެހެން ނޫންނަމަ ސަރުކާރަށް މިނިވަން މުއައްސަސާތަކުގެ އިތުބާރު ކުޑަވުމާއި ޝަރީއަތްތައް ސިޔާސީވުމުގެ މައްސަލަ ކުރިމަތިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރިޝްވަތުގެ ފައިސާ ބޭނުންކޮށްގެން ބަޣާވާތް ކުރުމުގެ ފުރުސަތު ބޮޑުވާކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރެޑްލީފް" ގަލަމެއްގެ ދޯރިއާ އެކު މަޖިލީހަށް ވަންނަ މެމްބަރުގެ ދައުރު ނިމޭއިރު އެތައް މުއްސަނދިކަމެއް ހޯދުމަކީ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށާއި ރައްޔިތުން އެދޭ ނަޒާހަތްތެރި މެމްބަރުންނަށް ވާނީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ޕާޓީގެ މެމްބަރުން ވަކާލާތު ކުރާނީ ހަމައެކަނި ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް އަކުރުން އަކުރަށް. ރަނުން ރަނަށް ފުއްދާނެ. އެޖެންޑާ 19 އިން އެކަން ކޮށްދޭނެ. އަޅުގަނޑުމެން މި ހުށަހަޅަނީ ފަސް އަހަރުގެ އެޖެންޑާއެއް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން މަޖިލީހަށް ވާދަ ކުރަނީ އެއްވެސް މަގުސަދެއް، މެނިފެސްޓޯއެއް ނެތި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީގެ މަޖިލީހުގެ ސިޔާސަތު އެޖެންޑާ 19 އަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ޖުމުލަ ހައްލު ކަމަށް ވެސް ވިދާޅުވި އެވެ.