Roadha Mihaaru
ގިނަ ކަންކަން ވަނީ ހާސިލްވެފައި: ކަސްޓަމްސް

ގިނަ ކަންކަން ވަނީ ހާސިލްވެފައި: ކަސްޓަމްސް

04 އެޕްރީލް 2019

ތިން މަސް ދުވަހުގެ ތެރޭ ހަ ދާއިރާއަކުން ހާސިލްކުރަން ކަނޑައަޅާފައިވާ 24 ކަންތަކުގެ ތެރެއިން 90 ޕަސެންޓް ހާސިލުވެފައިވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނޫމާން މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތިން މަސް ދުވަހުގެ ތެރޭ ހަ ދާއިރާއަކުން ހާސިލްކުރަން ކަނޑައަޅާފައިވާ 24 ކަންތަކުގެ ތެރެއިން 90 ޕަސެންޓް ހާސިލުވެފައިވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނޫމާން މިއަދު ވިދާޅުވެއްޖެ އެވެ.

ކަސްޓަމްސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫމާން ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ތިން މަހަށް ބަހާލައިގެން ހާސިލުކުރުމަށް ކަނޑައެޅި ކަންކަމުގެ ބޮޑު ބައި ނިމުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ނުމިމި ހުރީ އެހެން ބައެއް މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކަމަށެވެ.

އެކަންކަން ވެސް މި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކަސްޓަމްސް އިން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ނިންމަން ކަނޑައެޅި ކަންކަމަކީ ސަރުކާރުގެ ބަޖެޓަށް ބުރަ ނުވާނެ ގޮތަށް ބަލައިގެން ކަނޑައެޅި ކަންކަން ކަމަށް ނޫމާން ވިދާޅުވި އެވެ.

ކަސްޓަމްސް އިން ނަތީޖާ ނެރެން ބޭނުންވި ހަ ދާއިރާ އަކީ ކަސްޓަމްސްގެ އިމްޕޯޓް އެކްސްޕޯޓް ކްލިއަރެންސް މަރުހަލާ މިހާރަށް ވުރެ ލުއިފަސޭހަ ކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމާއި ބޯޑާ އެންސްފޯސްމެންޓުގެ ދާއިރާ އާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި ތިމާވެއްޓާ ރައްޓެހި މާހައުލެއް ގާއިމްކުރުގެ އިތުރުން ޕަބްލިކް ރިލޭޝަން ހަރުދަނާކުރުމެވެ. އެހެން ނަމަވެސް އެ ކަންކަމުން ހާސިލްވީ ކޮންކޮން ކަންތައްތަކެއް ކަން އޭނާ ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުމެން ކުރިއަށް ތަނުގައި ކަސްޓަމްސްގެ ހިދުމަތް އެގޮތުގައި ކުރިއަށްދާނެ. ހިދުމަތްތަކަށް އިތުރު ހަލުއި ކަމެއް ލިބިގެންދާނީ. ކުރެވުނު ދިރާސާއަކުން ވަނީ ކަސްޓަމްސްގެ މައްސަލަތައް ފާހަގަކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ނޫމާން ވިދާޅުވީ، މި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކާއި ބޭނުންވާ ސްޓްރެޖެޓިކް ޕްލޭން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ޖުލައި މަހުގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ކަސްޓަމްސް އަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމުގަ އާއި އާންމުންގެ އިތުބާރު އުފެއްދުމާއި މަސައްކަތްތައް ހަރުދަނާކޮށް ލުއި ފަސޭހަކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ބަލައިގަންނަން ސްޓޭންޑަޑްތަކަށް ހިދުމަތްތައް ފެއްތުން ފަދަ ކަންކަން ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަތަރު އަހަރަށް ކަނޑައަޅާ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މިކަން ހާސިލު ކުރުމަށްޓަކައި ހުރިހާ ޕޯޓް އޮޕަރޭޓަރުންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމަށްޓަކައި އެމްއޭސީއެލް އާއި އެމްޕީއެލުން ވެސް ބޮޑު އެހީތެރިކަމެއް މިހާރު ވެސް ލިބެމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ނޫމާން ވިދާޅުވީ، ރާއްޖޭގެ ބަދަލުވަމުން އަންނަ ވިޔަފާރިތަކާ ގުޅިގެން ކަސްޓަމްސްގެ ގަވައިދުތަކަށް އަބަދުވެސް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ކަސްޓަމްސްގެ ގަވައިދުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.