Roadha Mihaaru

އަލުން ގުނުމުން އާދަމް ޝަރީފަށް ވޯޓު އިތުރުވެއްޖެ

ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި މަޑުއްވަރީ ދާއިރާގެ ބާތިލް ވޯޓުތައް އަލުން ގުނިއިރު، އެ ދާއިރާގެ މެމްބަރު ކަމަށް ހޮވިވަޑައިގެންފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ވޯޓް އިތުރުވެއްޖެ އެވެ.

އަލުން ގުނުމުން އާދަމް ޝަރީފަށް ވޯޓު އިތުރުވެއްޖެ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

10 އެޕްރީލް 2019

ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި މަޑުއްވަރީ ދާއިރާގެ ބާތިލް ވޯޓުތައް އަލުން ގުނިއިރު، އެ ދާއިރާގެ މެމްބަރު ކަމަށް ހޮވިވަޑައިގެންފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ވޯޓް އިތުރުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި އާދަމް ޝަރީފް މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ 868 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 851 ވޯޓެވެ. އެހެންވެ އެ ދެ ބޭފުޅުންގެ ދެމެދުގައި އޭރު އޮތް ވޯޓުގެ ފަރަގަކީ 17 އެވެ.

އާދަމް ޝަރީފަށް ވޯޓު އިތުރުވީ އެ ދާއިރާގެ ތިން ފޮއްޓެއްގެ ވޯޓު މިއަދު ހަވީރު އިލެކްޝަންސް ކޮމިޝަނުން އަލުން ގުނުމުންނެވެ. ބާތިލް ވޯޓު ކަމަށް ކުރިން ކަނޑައަޅާފައި އޮތް ވޯޓުތަކުގެ ތެރެއިން ނުވަ ވޯޓެއް ސައްހަ ކަމަށް ނިންމުމާ އެކު އާދަމް ޝަރީފަށް ވޯޓު އިތުރުވެ، ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގު މިހާރު ވަނީ 26 އަށް ބޮޑުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަނީ ޝަކުވާތަކާ ގުޅިގެން ބައެއް ފޮށިތަކުގެ ވޯޓު އަލުން ގުނަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކާމިޔާބު ކުރެއްވި މާމިގިލީ ދާއިރާގެ ބައެއް ފޮށިތަކާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކާމިޔާބު ކުރެއްވި މާވަށު ދާއިރާގެ ބައެއް ފޮށިތައް ވެސް ދެ ވަނަ ފަހަރަށް ވަނީ ނިންމައިފަ އެވެ.