Roadha Mihaaru

އިންސާފުވެރި އިންތިޚާބެއް ބާއްވައިފި ނަމަ ބައްޔެއް ނުވާނެ: އާދަމް ޝަރީފް

އިންސާފުވެރި، ދެ ފުށް ފެންނަ އިންތިޚާބެއް ބާއްވައިފި ނަމަ ޕީޕީއެމް ބައްޔެއް ނުވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިޚާބު އިންސާފުވެރި ނަމަ ބައްޔެއް ނުވާނެ: އިދިކޮޅު
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

31 ޖެނުއަރީ 2021

އިންސާފުވެރި، ދެ ފުށް ފެންނަ އިންތިޚާބެއް ބާއްވައިފި ނަމަ ޕީޕީއެމް ބައްޔެއް ނުވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އެޕްރީލް 10 ގައި އޮންނަ ލޯކަލް ކައުންސިލްގެ އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން ފަށަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލް އިންތިޚާބަށް ނުކުންނަނީ އިދިކޮޅު ތިން ބަލި ކުރަން ކަމަށެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބެކޭ އެއްގޮތަށް ކައުންސިލް އިންތިޚާބު ވެސް ކާމިޔާބު ކުރާނީ އެމްޑީޕީން ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ވާހަކަފުޅަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ އޮޅުވާނުލައިފި ނަމަ އިންތިޚާބުގައި ފެންނާނީ ނަޝީދު ވިދާޅުވި ނަތީޖާއެއް ނޫން ކަމަށެވެ. ސަބަބަކީ މި ވެރިކަމާ މެދު ރައްޔިތުން މާޔޫސްވެފައި ތިބުން ކަމަށް ވިދާޅުވި އެވެ.

"ޒުވާނުން ތިބީ އުއްމީދު ގެއްލިފައި. ސަރުކާރަށް އިތުބާރެއް ނުކުރޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެންނަން އޮތީ އިންޑިއާ އިން ކޮށްދޭ ކަމެކެވެ. މިހެން ވިދާޅުވީ ކައުންސިލް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުވާނީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަކަށް ބާރު ދިނުމާއި ދެ އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާތީ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅަށް ފާޑުވިދާޅުވަމުންނެވެ.

ސަރުކާރުން އެކި ޕްރޮޖެކްޓްތަކުގެ ނަމުގައި ރަށްރަށަށް ގޮސް ކެމްޕޭން ކުރަމުންދާ ކަމަށާއި އިދިކޮޅަށް ކެމްޕޭންގެ ހަމަހަމަ ފުރުސަތެއް ނުލިބޭ ކަމަށް ބުނެ ދަނީ ޝަކުވާ ކުރަމުންނެވެ. އިންތިޚާބަށް އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިން އޮތީ ޖަލްސާތަކާއި އެއްވުންތައް އަދި ދޮރުންދޮރަށް ހިނގައި ކެމްޕޭން ނުކުރެވޭ ގޮތަށެވެ.

ނަޝީދު މިއަދު ވިދާޅުވީ ކެމްޕޭންގައި ޕީޕީއެމަށް ނުލިބޭ ފުރުސަތެއް އެމްޑީޕީން ބޭނުން ނުކުރާނެ ކަމަށެވެ. އެ ޕާޓީން ކެމްޕޭން ކުރާނީ ރަށްރަށަށް ގޮސް 10 ދުވަހުގެ ކަރަންޓީން އުސޫލަށް ތަބާވެ، ގައިދުރުކޮށް ރައްކާތެރިކަމާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.