Roadha Mihaaru
ނިއު ޕޯޓްގައި އެއްވެސް މަސްލަހަތެއް ނޯންނާނެ: އަސްލަމް

ނިއު ޕޯޓްގައި އަޅުގަނޑުގެ އެއްވެސް މަސްލަހަތެއް ނޯންނާނެ: އަސްލަމް

13 އެޕްރީލް 2019

ނިއު ޕޯޓް ވިއު ހުސްކުރަން އެންގި އެންގުމަށް އަމަލްނުކުރާތީ އޭގެ ފަހަތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހުންނެވި ކަމަށް ބައެއް މީހުން ކުރާ ތުހުމަތު އޭނާ އިއްޔެ ދޮގުކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނިއު ޕޯޓް ވިއު ހުސްކުރަން އެންގި އެންގުމަށް އަމަލްނުކުރާތީ އޭގެ ފަހަތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހުންނެވި ކަމަށް ބައެއް މީހުން ކުރާ ތުހުމަތު އޭނާ އިއްޔެ ދޮގުކުރައްވައިފި އެވެ.

ހަތަރު ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލިހަށް ހޮވިވަޑައިގެންފައިވާ އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިއު ޕޯޓްގެ ވިޔަފާރީގައި އޭނާގެ އެއްވެސް މަސްލަހަތެއް ނޯންނާނެ ކަމަށެވެ.

އަސްލަމްގެ ޓްވީޓް އައީ އަސްލަމްގެ އަތެއް އޮވެގެން، ނިއު ޕޯޓަށް އަލުން އެތަން ދޭން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި އަޑުތައް ފެތުރުމުންނެވެ.

އަސްލަމް ވިދާޅުވީ ގަވާއިދާ ޚިލާފަށް އެއްވެސް މީހަކަށް މަންފާއެއް ހޯދައިދެއްވަން އަދި އެއްވެސް މީހެއްގެ އަތުން ނުހައްގުން އެއްވެސް އެއްޗެއް ނިގުޅައިގަތުމަށް ވެސް އޭނާ ތާއީދުނުކުރައްވާނެ ކަމަށެވެ.

އަސްލަމްގެ ޓްވީޓް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިއު ޕޯޓް ވިއު ހަދަން ހެންވޭރު ޕާކުން ބައެއް ވަނީ ދިގު މުއްދަތަކަށް، މަހު ކުއްޔަށް ދީފަ އެވެ. އާ ސަރުކާރުން އެ އެއްބަސްވުން އުވާލައި، ތަން ހުސްކުރަން އެންގި އެވެ. އަދި ބަދަލު ދޭނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. ނަމަވެސް ނިއު ޕޯޓުން ބޭނުންވީ ބަދަލު ދިނުމުގެ ކަންކަން ކޯޓު މެދުވެރިކޮށް ނިންމުމަށް ކަމަށް އެނގިފައިވެ އެވެ.

އެ ބިން އެ ކުންފުންޏަށް ދިންއިރު، ނިއު ޕޯޓް ހިންގާ ކުންފުނި ސްޓްރާޑާގެ މެނޭޖިން ޑިރެކްޓަރަކީ އޭރު ވެރިކަން ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި ފަހުން ޕީއެންސީގެ ކައުންސިލްގައި ވެސް އުޅުއްވި ޒާހިދު ރަމީޒެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ޒާހިދު ވަނީ ފަހުން ދޫކޮށްލައިފަ އެވެ. ނަމަވެސް ކުންފުނި ހިންގަނީ އޭނާގެ އާއިލާއިންނެވެ.

މި މަހު އޮތް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ޒާހިދު ނުކުންނެވި އެވެ. އެކަމަކު ފަހުން އޭނާ އަނބުރާ ނަން ގެންދެވީ އެވެ.

މިދިއަ މާޗު މަހު ޒާހިދު ވަނީ ޕީއެންސީން ވެސް ވަކިވެވަޑައިގެންފަ އެވެ. އެގޮތަށް އޭނާ ކަންތައްކުރެއްވީ އެ ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފާޑުވިދާޅުވެފަ އެވެ.