Roadha Mihaaru
މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ ކެންސަލް!

11 ޖެހިއިރު ވެސް މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަށް ނުގެންދެވުނު!

08 މެއި 2024

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ މެންބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން ތަކުރާރުކޮށް ފުރުސަތު ދިނުމަށް ފަހު ޖަލްސާ ކެންސަލްކޮށްލައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ މެންބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން ތަކުރާރުކޮށް ފުރުސަތު ދިނުމަށް ފަހު ޖަލްސާ ކެންސަލްކޮށްލައިފި އެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ގައި މަޖިލީހުގެ ޖަލްސާތައް ފަށަން ތާވަލް ކޮށްފައި އޮތް ނަމަވެސް މިއަދުގެ ޖަލްސާގެ ލައިވް ފަށައިފައި ވަނީ ގިނަ އިރުތަކެއް ފަހުންނެވެ. ލައިވް ފެށުމާ އެކު، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ބައެއް މެންބަރުން ތަޅުމުގެ ބޭރުގައި މަޑުކޮށްގެން ތިބި ކަމަށެވެ.

އެހެން ކަމުން، އަސްލަމް ވަނީ ޖަލްސާ ފަށާނީ ހެނދުނު 10:00 ގައި ކަމަށް ވިދާޅުވެ މެދުކަނޑާލައިފަ އެވެ. ލައިވް އަލުން ފެށުމަށް އަސްލަމް ވިދާޅުވީ، ކޯރަމް ހަމަވާ ވަރަށް މެންބަރުން ނެތުމުން ޖަލްސާ ނިންމާލާނީ އިތުރު އެއް ގަޑިއިރަށް ބެލުމަށް ފަހު ކަމަށެވެ.

ނަމަވެސް، 11:00 ޖަހައި ދިޔަ ފަހުން ވެސް މަޖިލީހުގެ ކޯރަމް ހަމަވެފައި ނުވެ އެވެ. އަސްލަމް ވިދާޅުވީ، އެ ވަގުތު މަޖިލީހަށް ހާޒިރުވެ ތިބީ އެންމެ 10 މެންބަރުން ކަމަށެވެ.

"އަޅުގަނޑަށް ތަކުރާރުކޮށް ބަލާލެވިއްޖެ. ކޯރަމް ބެލް 11 ގެ ފަހުން ޖަހައި މިހާރު ފަސް މިނެޓު ވެސް ހަމަވީ. އެހެންވީމާ އަޅުގަނޑު ގަސްދުކުރަނީ މި ޖަލްސާ ނިންމާލަން،" އަސްލަމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ ކެންސަލް ކޮށްފައިވާއިރު، އަންނަ ހޯމަ ދުވަހު ދެން އޮންނާނީ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ އެވެ.

މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގެ މި ދައުރު ނިމެނީ އަންނަ މަހު 15 ގަ އެވެ. ނަމަވެސް ޖަލްސާތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 13 ވަނަ ދުވަހާ ހަމައަށެވެ.

އާ މަޖިލިހަށް 19 ވަނަ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ކުރިމަތިލެއްވި ނަމަވެސް 20 ވަނަ މަޖިލީހަށް އިންތިހާބުވެފައި ވަނީ މިހާރުގެ އެންމެ 11 މެމްބަރެކެވެ.

އާ މަޖިލީހަށް އިންތިހާބުވި ޖުމްލަ 93 މެންބަރުން ހުވާ ކުރުން ބާއްވާނީ އަންނަ މަހުގެ 28 ގަ އެވެ.