Roadha Mihaaru
އިޓަލީގެ ކެއުން ކައްކަން ވާނީ އިޓަލީ ޝެފުން: އަލްޑޯ

އިޓަލީގެ ކެއުން ކައްކަން ވާނީ އިޓަލީ ޝެފުން: އަލްޑޯ ޒިލީ

18 އެޕްރީލް 2019

އިޓަލީގެ ކެއުންތައް ކައްކަން ވާނީ ސީދާ އިޓަލީގެ ޝެފުން ކަމަށް، ސޭން ކާލޯގެ ގްރޫޕްގެ ދަށުން އެތައް ރެސްޓޯރަންޓެއް ހިންގަމުން އަންނަ އިޓަލީގެ މަޝްހޫރު ސެލެބްރިޓީ ޝެފް އަލްޑޯ ޒިލީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިޓަލީގެ ކެއުންތައް ކައްކަން ވާނީ ސީދާ އިޓަލީގެ ޝެފުން ކަމަށް، ސޭން ކާލޯގެ ގްރޫޕްގެ ދަށުން އެތައް ރެސްޓޯރަންޓެއް ހިންގަމުން އަންނަ އިޓަލީގެ މަޝްހޫރު ސެލެބްރިޓީ ޝެފް އަލްޑޯ ޒިލީ ބުނެފި އެވެ.

އައިޓީވީގެ "ގުޑް މޯނިން ބްރިޓަން" ޝޯގައި އޭނާ ބުނީ ދުވަހަކު ވެސް އޭނާގެ ރެސްޓޯރަންޓެއްގައި އިޓަލީގެ ކެއުންތައް ތައްޔާރުކުރަން އިޓަލީ ނޫން މީހަކު ބޭނުން ނުކުރާ ކަމަށެވެ. އެހެންވެ އިޓަލީގެ ކެއުންތަކަށް ހާއްސަ ރެސްޓޯރަންޓްތަކުގައި "އެކްސްކްލޫސިވްކޮށް" ކައްކަން ތިބެން ވާނީ ސީދާ އިޓަލީ ޝެފުން ކަމަށް ބުންޏެވެ.

"އެހެން ނޫން ކަމަށް ވަންޏާ އިޓަލީގެ އަަސްލު ރަހަތަކެއް އެއަކަށް ނާންނާނެ،" އަލްޑޯ ބުންޏެވެ. "އިޓަލީ އަށް އުފަން، އެ ތަނުގައި އުޅެ ބޮޑުވި މީހަކަށް ނޫނީ އިޓަލީގެ ހަގީގީ ރަހައެއް ނޭނގޭނެ."

އިނގިރޭސިވިލާތް ފަދަ ބައެއް ގައުމުތަކުގައި އިޓަލީގެ ރެސްޓޯރަންޓްތަކުގެ ނަމުގައި ހިންގާ ތަންތަނުގައި އިޓަލީން އުފަން ނުވާ ކެއުންތައް ތައްޔާރުުކޮށް ސާވް ކުރާ ކަމަށް ބުނެ އެކަމަށް ވެސް އޭނާ ވަނީ ފާޑު ކިޔައިފަ އެވެ.

"އިނގިރޭސިވިލާތުގައި ހިންގާ ރެސްޓޯރަންޓްތަކުން އެބަ ސާވްކުރޭ އިޓަލީގެ ނަމުގައި ސްޕެގެޓީ ބޮލެނޭޒް. އެކަމަކު އެއީ އަހަރެމެން ދަންނަ ކެއުމެއް ނޫން،" އަލްޑޯ ބުންޏެވެ. "އަދި އެއީ އިޓަލީގެ ރަސްމީ ކެއުމެއް ވެސް ނޫން."

އަލްޑޯ މިފަދަ ވާހަކައެއް ދައްކާފައި މި ވަނީ މަޝްހޫރު އިނގިރޭސި ޝެފް ގޯޑަން ރަމްސޭ ޖޫން މަހު ލަންޑަނުގެ މޭފެއާގައި "ލަކީ ކެޓް" ގެ ނަމުގައި އޭޝިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރަންޓެއް ހުޅުވަން އިއުލާންކޮށްފައި ވަނިކޮށެވެ.

އެތަން އޭނާ "އޯތެންޓިކް އޭޝިއަން އީޓިން ހައުސް" ގެ ނަމުގައި ސިފަކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އަދި އެއީ ސަގާފީ ގޮތުން އޭޝިއާގެ ކެއުންތަކަށް ކުރާ މަލާމާތެއް ކަމަށާއި އެއީ ނަސްލީ ގޮތުން ތަފާތުކުރުން ކަމަށް ވެސް ވަރަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ގޯޑަން ރަމްސޭ ވަނީ އޭނާގެ ވާހަކަ ދިފާއުކޮށް އިންސްޓަގްރާމްގައި ބޮޑު ބަޔާނެއް ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށް ވެސް އޮތް ހައްގެއް ކަމަށާއި އެކަމަކު އެކަން ކުރަން ވާނީ ހަގީގަތުގެ މައްޗަށް ބިނާކޮށް ކަމަށް ބުންޏެވެ.