Roadha Mihaaru

ސޫދާންގެ ވެރިކަމުން ދުރުކުރި ރައީސް ޖަލަށް ބަދަލުކޮށްފި

ޚަރްތޫމް (އެޕްރީލް 18) - ސޫދާނަށް ގެނައި ބަޣާވާތެއްގައި ވެރިކަމުން ދުރުކުރި ރައީސް އުމަރު ބަޝީރު އެ ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ޖަލަކަށް ބަދަލުކޮށްފި އެވެ.

ސޫދާންގެ ވެރިކަމުން ދުރުކުރި ރައީސް ޖަލަށް ބަދަލުކޮށްފި
ހަސަން އާމިރު
ހަސަން އާމިރު

18 އެޕްރީލް 2019

ޚަރްތޫމް (އެޕްރީލް 18) - ސޫދާނަށް ގެނައި ބަޣާވާތެއްގައި ވެރިކަމުން ދުރުކުރި ރައީސް އުމަރު ބަޝީރު އެ ގައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ޖަލަކަށް ބަދަލުކޮށްފި އެވެ.

ބަޣާވާތަށް ފަހު މިހާތަނަށް އުމަރު ބަޝީރު ހުންނެވީ ސިފައިންގެ ބެލުމުގެ ދަށުގައި ރިޔާސީ ގަނޑުވަރުގަ އެވެ.

ޔޫގެންޑާގެ ޚާރިޖީ ވަޒީރު އޮންރީ އޮރިޔެމް އޮކެއްލާ ވިދާޅުވީ އުމަރު ބަޝީރު ހުށަހަޅުއްވައިފި ނަމަ އެ ގައުމުން އޭނާ ސިޔާސީ ހިމާޔަތް ދޭނެ ކަމަށެވެ. އެކަމަކު އުމަރު ބަޝީރު ހައްޔަރު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ވަނީ އަމުރެއް ނެރެފަ އެވެ. ޔުގެންޑާ އަކީ އައިސީސީގެ މެންބަރަކަށްވާ އިރު އެ ގައުމަށް އުމަރު ބަޝީރު ވަޑައިގެންފި ނަމަ އައިސީސީއާ ހަވާލު ކުރަން ޖެހޭނެ އެވެ.

ސޫދާނަށް ބަޣާވާތް ގެނައުމަށް ފަހު ބަޣާވާތުގެ ލީޑަރު އަވާދު އިބްން އައޫފް ވަނީ ރައްކާތެރި ތަނެއްގައި އުމަރު ބަޝީރު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއް ދުވަސް ފަހުން އައޫފް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ސޫދާންގައި ގާތްގަނޑަކަށް 30 އަހަރު ވެރިކަން ކުރެއްވި އުމަރު ބަޝީރަކީ ދެކުނު ސޫދާނުގެ ދާފޫރުގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން އައިސީސީން ހޯދަން ބޭނުންވެފައިވާ މީހެކެވެ.

ބަޣާވާތަކުން ވެރިކަން ވައްޓާލުމާ ގުޅިގެން ސޫދާނުގެ ގިނަ ބަޔަކު ވަނީ މުޒާހަރާ އަށް މަގުތަކަށް ނުކުމެފަ އެވެ.