Roadha Mihaaru
ގައުމީ ސަލާމަތަށް ނުރައްކާ މައުލޫމާތު ނުފަތުރަން އެދެފި

ގައުމީ ސަލާމަތަށް ނުރައްކާ ހުރި މައުލޫމާތު ނުފަތުރަން އިލްތިމާސްކޮށްފި

22 އެޕްރީލް 2019

ސްރީ ލަންކާގައި އިއްޔެ ބޮންތަކެއް ގޮއްވާލައި އެތައް ބަޔަކު މަރާލި ހަމަލަތަކާ ގުޅުވައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ އިލްތިމާސް ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސްރީ ލަންކާގައި އިއްޔެ ބޮންތަކެއް ގޮއްވާލައި އެތައް ބަޔަކު މަރާލި ހަމަލަތަކާ ގުޅުވައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ނުފެތުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ އިލްތިމާސް ކުރައްވައިފި އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި، ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގެންފައިވި ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ. އެދިވަޑައިގަތީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް މައުލޫމާތެއް ފެތުރުމުގައި އެއްވެސް ސިފައެއްގައި ރައްޔިތުން ބައިވެރި ނުވުމަށެވެ.

މިނިސްޓަރު އިމްރާންގެ ޓުވީޓު

ލަންކާގެ އެކި ތަންތަނުގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި 290 މީހުން މަރުވެ، 400 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. އެ ހަމަލާތަކާ ގުޅިގެން ރާއްޖޭގައި ވެސް ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.

ލަންކާގެ ހަމަލާތަކަށް ފަހު ރާއްޖޭގެ ސަލާމަތީ ބާރުތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ލަންކާގައި ދިން ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން ބައެއް ދިވެހިން ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ވާހަކަ ދައްކަމުންދާ ކަމަށް ބުނެފައިވެ އެވެ. އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ސަލާމަތީބާރުތަކުން ވަނީ ބުނެފަ އެވެ. ރާއްޖޭގެ، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިއަދު ބުނީ ލަންކާގައި ދިން ޓެރަރިސްޓު ހަމަލަތަކުގައި ދިވެއްސެއްގެ ބައިވެރިވުމެއް މިހާތަނަށް ނެތްކަން ބޭރުގެ ފަރާތްތަކުން ކަށަވަރު ކޮށްދޭ ކަމަށެވެ.

ލަންކާގެ ބައެއް ފައްޅިތަކާއި ޓޫރިސްޓް ހޮޓާތަކަށް، އަމިއްލަ އަށް މަރުވެގެން ދިން މި ހަމަލާތަކާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ 24 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.