Roadha Mihaaru
ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް ހިއްސާކުރަން ފަށައިފި

ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރަން ފަށައިފި

17 އޯގަސްޓް 2021

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިޒަމާ ބެހޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ އޮނިގަނޑު އެކުލަވާލައި، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިޒަމާ ބެހޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ އޮނިގަނޑު އެކުލަވާލައި، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ކަމާބެހޭ އިދާރާތަކުގެ ހިއްސާކުރުމާ ބެހޭ އޮނިގަނޑެއް ހޯމް މިނިސްޓަރު އެކުލަވާލަން ޖެހޭނެ އެވެ. ނަމަވެސް އެ އޮނިގަނޑު މިހާތަނަށް އޮތީ އެކުލަވާނުލަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ނެރުނު އިންކުއަރީ ރިޕޯޓުގައި ވެސް އެ މައްސަލަ ފާހަގަ ކޮށްފައިވެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި، އެފަދަ މައުލޫމާތުތައް ހިއްސާ ކުރުމުގެ މަސައްކަތް މިއަދު އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ފެށުނީ ޓެރަރިޒަމާ ގުޅޭ ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާ އެކު ކަމަށާއި އަދި އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށް އޮޮތް ތަނުގައި ކުރަމުންދާނެ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.

ޓެރަރިޒަމްގެ ގާނޫނު ބުނާގޮތުން ޓެރަރިޒަމާ ގުޅުންހުުރި އިންޓެލިޖެންސް މައުލޫމާތުތައް ކަމާބެހޭ އިދާރާތަކާ ހިއްސާ ނުކުރުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް ހިނގައިފި ނަމަ، އެ މައުލޫމާތު ހިއްސާ ނުކުރި ފަރާތެއް ކުށްވެރިވާނެ އެވެ.

ޓެރަރިޒަމްގެ ގާނޫނުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުގެ ގޮތުގައި ބަލަނީ އެމްއެންޑީއެފް އާއި ފުލުހުންނާއި ކަސްޓަމްސާއި އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އެވެ.