Roadha Mihaaru
"ކްރިޕްޓޯ ކަރަންސީން ޓެރަރިޒަމަށް ފަންޑުކުރޭ"

ކްރިޕްޓޯ ކަރަންސީ ބޭނުންކޮށްގެން ޓެރަރިޒަމަށް ފަންޑުކުރޭ: އިމްރާން

14 އޮކްޓޯބަރ 2021

ޓެރަރިސްޓު ނެޓްވޯކުތަކުން އެ މީހުންގެ ހަރަކާތްތަތަކަށް ފަންޑުކުރުމަށް އޮންލައިން ކްރިޕްޓޯ ކަރަންސީ ބޭނުންކުރަމުންދާ ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ޓެރަރިސްޓު ނެޓްވޯކުތަކުން އެ މީހުންގެ ހަރަކާތްތަތަކަށް ފަންޑުކުރުމަށް އޮންލައިން ކްރިޕްޓޯ ކަރަންސީ ބޭނުންކުރަމުންދާ ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ގަތަރުގެ ދޯހާގައި މި މަހުގެ 12 އިން 14 އަށް ކުރިއަށްދާ "ގްލޯބަލް ސެކިއުރިޓީ ފޯރަމް" ގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މޫސުމީ ކާރިސާތަކުގެ އިތުރުން ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ޓެރަރިޒަމްގެ ބިރު ރާއްޖެއަށް ބޮޑުވަމުންދާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެފަދަ ކަންކަން ރާއްޖެއަށް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެއްވި އެވެ.

ޓެރަރިޒަމާއި އެނޫންވެސް ޓްރާންސްނޭޝަނަލް ކުށްތަކުން ރައްކާތެރިވެ ތިބުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑު ޕެންޑަމިކާ އެކު ޓެރަރިސްޓް ނެޓްވޯކުތައް ވެސް ޓެކްނޮލޮޖީއަށް އަހުލުވެރިވެ، އޭގެ ބޭނުން ހިފަމުންދާ ކަމަށެވެ.

ގަތަރުގެ ދޯހާގައި ކުރިއަށްދާ ބައިނަލްއަގުވާމީ ސަލާމަތާ ގުޅޭ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ހޯމް މިނިސްޓްރީ

ގަތަރުގެ ދޯހާގައި ކުރިއަށްދާ ބައިނަލްއަގުވާމީ ސަލާމަތާ ގުޅޭ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ހޯމް މިނިސްޓްރީ

"ބަލިމަޑުކަމާ އެކު ދުނިޔޭގެ އެކި ހިސާބުތައް ހުއްޓިފައި އޮތް އިރު، ޓެރަރިސްޓުން ވެސް އެމީހުންގެ ހަރަކާތްތައް އޮޕަރޭޓްކުރާ ގޮތްތައް ބަދަލުކޮށް މިވަނީ ޑިޖިޓަލައިޒް ކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ. "އެފަދަ ނެޓްވޯކުތަކަށް މީހުން ރެކްރޫޓް ކުރުމަށް އޮންލައިން ޕްރޮޕަގަންޑާތައް ހިންގާކަމުންދޭ. އަދި މީހުން ރެކްރޫޓް ކުރުމުގައި ހާއްސަކޮށް ކުޑަަކުދިންނަށް ފޯކަސް ކުރޭ. އޭގެ އިތުރުން ޓެރަރިސްޓުންގެ އޮންލައިން ޕްރޮޕަގެންޑާތަކަށް ފަންޑުކުރަނީ އޮންލައިން ކްރިޕްޓޯ ކަރަންސީ ބޭނުންކޮށްގެން."

އެސް ހޮޓެލްސް އިން ކްރޮސްރޯޑްސްގައި ހިންގާ ދެ ރިސޯޓް ކަމަށްވާ ހާޑްރޮކް މޯލްޑިވްސް އާއި ސާއި ލެގޫން އިން މިފަހުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްރިޕްޓޯ ކަރަންސީ ބަލައިގަންނަން ފަށާފައިވާކަން އިއުލާނުކޮށްފަ އެވެ.

އެކަމަކު ރާއްޖޭގައި ކްރިޕްޓޯ ކަރަންސީ ގަނެ ވިއްކުމާއި އެއިން މުއާމަލާތުކުރުމަކީ މަނާ ކަމެއްކަން އޮކްޓޫބަރު، 2018 ގައި އެމްއެމްއޭ އިން އިއުލާނުކޮށްފައިވެ އެވެ. އަދި ރާއްޖޭގައި ހިންގާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއްގައި ކްރިޕްޓޯ ކަރަންސީ ބޭނުން ކުރުމަކީ ގާނޫނީ ގޮތުން ތަންދޭ ކަމެއް ނޫން ކަމަށް އެމްއެމްއޭ އިން މިދިޔަ ހަފްތާގައި ވެސް ބުންޏެވެ.