ޕީޕީއެމް އާއި ޕީއެންސީގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް ނެތް ކަމަށާއި އެ ދެ ޕާޓީ އަދިވެސް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކަމަށް އެ ދެ ޕާޓީން މިއަދު ބުނެފި އެވެ.
23 އެޕްރީލް 2019
ޕީޕީއެމް އާއި ޕީއެންސީގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް ނެތް ކަމަށާއި އެ ދެ ޕާޓީ އަދިވެސް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކަމަށް އެ ދެ ޕާޓީން މިއަދު ބުނެފި އެވެ.
ޕީޕީއެމާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދެ ޕާޓީއެއްގެ ނުވަތަ ދެ ބައެއްގެ ދެމެދުގައި ވިސްނުމުގެ ތަފާތުތަކެއް ހުރެދާނެ ކަމަށާއި އެކަމަކު އެ ދެ ޕާޓީގެ ފިކުރަކީ އަބަދުވެސް އެއް ފިކުރެއް ކަމަށާއި އޮތީ އެއް އަމާޒެއް ކަމަށެވެ. އެ ދެ ޕާޓީގެ ލީޑާޝިޕް މިހާރު ވެސް އޮތީ ޔާމީނާ އެކު ކަމަށާއި އެމަނިކުފާނުގެ މަޝްވަރާތައް އެ ދެ ޕާޓީން މިހާރު ވެސް ހޯއްދަވަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިއްޔެ ވެސް ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރު ދެ ޕާޓީގެ އިސްވެރިންނާ އެކީގައި ރައީސް ޔާމީން ބައްދަލު ކުރައްވައި، ދެ ޕާޓީ ވެސް ހިންގެވުމުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ލަފަ އާއި އިރުޝާދު އަޅުގަނޑުމެންނަށް ދެއްވި. އެހެންވީމަ އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް އަޅުގަނޑުމެންގެ ތެރެއަކު ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީއެންސީ އުފެދުނީ ވެސް އަދި އެ ޕާޓީ މިއަދާ ހަމައަށް ދެމި އޮންނަނީ ވެސް ޔާމީން އެގޮތަށް ބޭނުންފުޅުވާތީ ކަމަށާއި އެ ދެ ޕާޓީން ވެސް ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ފަރާތްތަކެއްގެ ގޮތުގައި ތިބެން ކަމަށެވެ. ދެ ޕާޓީއެއް އުފެއްދީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކޯލިޝަނެއްގެ ގޮތުގައި ދެ ޕާޓީއެއް އޮތުން މުހިންމު ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެން ޕީއެންސީން ޕީއެންސީ ވަރުގަދަ ކުރަން މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން. ޕީޕީއެމުން ޕީޕީއެމް ވަރުގަދަ ކުރަން މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން. އެކީގައޭ މިދަންނަވަނީ އެއް ފިކުރެއްގައި ވީމަ އެއް ބަޔަކު އަނެއް ބަޔަކަށް ތަޖްރިބާ ހިއްސާ ކުރަމުން މަޝްވަރާ ކުރަމުން އަޅުގަނޑުމެން ކުރިއަށް ގެންދާނީ. އަޅުގަނޑުމެން ދެ ޕާޓީ ޖައްސަން ބަޔަކު މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އެ ޕާޓީގެ ލީޑާޝިޕްގެ އިސްތިއުފާ ގޮވާލައްވައި، ޕީއެންސީއާ ގުޅިވަޑައިގަތް ގަތުމާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ނިހާނާއި ޕީޕީއެމްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނިހާން ބޭނުންފުޅުވީ ހަމައެކަނި އާ ލީޑާޝިޕަކަށް ޖާގަ ދިނުމަށް ކަމަށެވެ. ނިހާން ޕީއެންސީއާ ގުޅިވަޑައިގަތީ ނިހާނަށް އެ ޕާޓީން ދައުވަތު ދެއްވުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވީ ނިހާން ކަހަލަ ވަރުގަދަ ބޭފުޅަކު އަޅުގަނޑުމެންގެ ޕާޓީގައި އިސް ސަފުން ވެސް ފެންނަން. އެހެންވީމަ އަޅުގަނޑުމެން ނިހާނަށް ދައުވަތު ދިނީ އަޅުގަނޑުމެންނާ އެކު ކުރިއަށް ވަޑައިގަންނަވާށޭ މިއީ ހަމަ އެއް ފިކުރެއް ނޫން ހެއްޔޭ. އެހެންވީމަ އަޅުގަނޑުމެންގެ ދައުވަތު ގަބޫލު ކުރައްވައި، ނިހާން ޕީއެންސީއާ ގުޅިވަޑައިގަތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ދާދިފަހުން އައްޔަން ކުރެއްވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕަށް ނިހާން ފާޑު ވިދާޅުވެފައި ވަނިކޮށް އެ ޕާޓީގެ އިސް މަގާމުތަކަކަށް ބޭފުޅުން އައްޔަންވުމަކީ އިއްތިފާގެއް ކަމަށެވެ. ނިހާން ސޯޝަލް މީޑިއާގައި ފާޅު ކުރެއްވީ އޭނާގެ އަމިއްލަ ޚިޔާލެއް ކަމަށާއި އޭނާގެ ޚިދުމަތް މިހާރު ވެސް ޕާޓީއަށް ލިބެމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މިހާރު ވެސް، ޕީޕީއެމަށް އަޅުގަނޑު މިދަންނަވަނީ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ނިހާންއަކީ" ޝިޔާމް ވިދާޅުވި އެވެ.
ޕީއެންސީއަކީ ވެސް ޔާމީންގެ ލަފައާ އެކު އުފެއްދި ޕާޓީއެއް ކަން ފާހަގަ ކުރައްވައި، ޝިޔާމް ވިދާޅުވީ ދެ ޕާޓީގެ ވެސް އޮތީ އެއް އަމާޒެއް ކަމަށާއި އެ ދެ ޕާޓީ ވެސް އޮތީ ޔާމީންގެ ފިކުރާ އެއްގޮތަށް މަސައްކަތް ކުރަން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ނިމިދިޔަ މަޖިލިސްގެ އިންތިޚާބުން ޕީޕީއެމް އާއި ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަކީ ލީޑާޝިޕް ފެއިލްވުން ކަމަށް ބުނެވޭނެ ސަބަބެއް ނޫން ކަމަށާއި އިންތިޚާބުތަކުން ބަލިވުމަކީ ރާއްޖޭގައި އާ ކަމެއް ނޫން ކަމަށެވެ. މީގެކުރިން އެމްޑީޕީގެ ވެރިކަމުގައި ވެސް ދެ އިންތިޚާބަކުން އެމްޑީޕީން ބަލިވި ކަމަށާއި އޭރު ވެސް އޮތީ އެއް ލީޑާޝިޕެއް ކަން އޭނާ ފާހަގަ ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ އާ ހިތްވަރާ އެކު ނިކުމެވޭނެ ފެންވަރު އެ ދެ ޕާޓީގެ ކިބައިގައި އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެންނަކީ ސިޔާސީ މީހުން. ސިޔާސީ މީހުން ކޮންމެ ކަމަކަށް ނުކުންނައިރު ވެސް އެ މީހުންނަށް އެނގެންވާނެ އޮންނާނީ ދެ ގޮތެއް ކަން. އިންތިޚާބެއްގައި ވާދަ ކުރާއިރު އޮންނާނީ ބަލިވުމާއި މޮޅުވުމާ. ބަލިވާ ކޮންމެ ފަހަރަކު ގެއަށް ވަދެ ރަޖާލާން ޖެހޭ ކަަމަށް ވަންޏާ ނުކުންނާނެ ކަމެއް ނެތް އިންތިޚާބަކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކަށް މަޖިލިސް އިންތިޚާބު ކާމިޔާބު ނުކުރެވުނީ ސަރުކާރުން ފޯރުވި ނުފޫޒުތަކާއި އިންތިޚާބުގައި އިންސާފުވެރިކަން ނެތުމުންނެވެ. އެގޮތުން ދައުލަތުގެ މުދާ ކެމްޕެއިންގެ ތެރޭގައި ބޭނުން ކުރުމާއި މުވައްޒަފުން ވަޒީފާ ބަދަލު ކުރުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސަކަށް، ޕީއެންސީން ތާއީދުކުރަނީ އަފީފަށް
ވަކިން ކޮމިޓީއެއް ނުހެދޭނެ، ފިޔަވަޅު އަޅާނަން: ޝިޔާމް
ކޮންޓްރޯލް ނަގަން ޔާމީން އެ އުޅުއްވަނީ ގަދަބާރުން!
ސަރުކާރުގެ އަނިޔާވެރިކަން ނޫން އެއްޗެއް ނުފެނޭ: ޝިޔާމް
މުއިއްޒަށް ކާމިޔާބުވާން އެންމެ ބޭނުންވަނީ ޔާމީން:ޝިޔާމް
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
އިދިކޮޅުގެ ޖަވާބު ބަދަލު ނުވާނެ "ކެންޑިޑޭޓަކީ ޔާމީން"
ޕީޕީއެމުން ކޯލިޝަނަށް ތައްޔާރު، އެކަމަކު ޝަރުތުތަކެއް
ޔާމީންގެ ޝަރީއަތް 2 ގަޑިއިރު ލަސްވެއްޖެ!
އިންޑިއާގެ އެއްބަސްވުންތައް ހާމަކޮށް، އުވާލާނެ: ޝިޔާމް