ދުނިޔޭގެ މަޝްހޫރު ޔުނިވަސިޓީ، އޮކްސްފޯޑުން ގާނޫނީ ރޮނގުން ކިޔެވުމުގެ ފުރުސަތު ދިވެހި ދެވަނަ ދަރިވަރަކަށް ލިބިއްޖެ އެވެ.
30 އެޕްރީލް 2019
ދުނިޔޭގެ މަޝްހޫރު ޔުނިވަސިޓީ، އޮކްސްފޯޑުން ގާނޫނީ ރޮނގުން ކިޔެވުމުގެ ފުރުސަތު ދިވެހި ދެވަނަ ދަރިވަރަކަށް ލިބިއްޖެ އެވެ.
ވަރަށް މަތީ ނަތީޖާ ހޯދައިގެން ނޫނީ ޖާގަ ނުލިބޭ އޮކްސްފޯޑް ޔުނިވަސިޓީން ގާނޫނީ ރޮނގުން ކިޔެވުމުގެ ފުރުސަތު މި ފަހަރު ލިބުނީ އަހުމަދު ޝައްފާން މުހައްމަދު، 23، އަށެވެ. އޭނާ ވާނީ ގާނޫނީ ދާއިރާއިން އޮކްސްފޯޑުގައި މާސްޓާސް ހަދާ ފުރަތަމަ ދިވެހި ދަރިވަރަށެވެ.
އޮކްސްފޯޑުން ގާނޫނީ ރޮނގުން ކިޔަވަން ފެށި ފުރަތަމަ ދަރިވަރަކީ މަޝްހޫރު ވަކީލު، ހުސްނުއްސުއޫދުގެ އަންހެން ދަރިފުޅު އީމާން ހުސްނުއްސުއޫދު، 22، އެވެ. ތިން އަހަރުގެ ކިޔެވުމަށް ފަހު އަންނަ ޖުލައި މަހު އީމާން ގްރެޖުއޭޓް ވާނެ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ފަށާ، ސިވިލް ލޯގެ މާސްޓާސް ޑިގްރީގެ ކޯހުން ޝައްފާން ޖާގަ ހޯދީ އެކަމަށް ކުރިމަތިލި 577 ދަރިވަރުންނާ ވާދަކޮށްގެންނެވެ. ކޯހުން ޖާގަ ލިބެނީ އޭގެ ތެރެއިން 90 ދަރިވަރަކަށެވެ.
"ކޯހަށް ކުރިމަތިލި ގިނަ ދަރިވަރުންނަކީ އެކަމުގެ އަސާސީ ޝަރުތު ހަމަވާ ކުދިން. އެހެންވެ، މިފަދަ ފުރުސަތެއް އަޅުގަނޑަށް ލިބުމުން ﷲއަށް ހަމްދު ކުރަން،" ލަންޑަންގެ ކިންގްސް ކޮލެޖުގައި ލޯގެ ފުރަތަމަ ޑިގްރީ ފުރިހަމަކުރި ޝައްފާން ބުންޏެވެ.
ޝައްފާން: އޮކްސްފޯޑް ޔުނިވަސިޓީގައި ހަދާނީ މާސްޓާޒް ޑިގްރީ
ޝައްފާނަށް ވަނީ އޮކްސްފޯޑް ޔުނިވަސިޓީގައި ކިޔަވަން 20،000 ޕައުންޑްގެ އެހީ ފޯރުކޮށްދޭ ސްކޮލަޝިޕެއް ވެސް ލިބިފަ އެވެ. އެ ސްކޮލަޝިޕް ލިބެނީ ކޯހަށް ހޮވާ އަށް ދަރިވަރަކަށެވެ. އިންޓަލެކްޗުއަލް ޕްރޮޕަޓީ ލޯ ނުވަތަ ފިކުރީ މުދަލާ ބެހޭ ގާނޫނުން ހާއްސަވުމަށް އޮކްސްފޯޑުގެ އިތުރުން މަޝްހޫރު ކެމްބްރިޖް ޔުނިވަސިޓީން ވެސް ޝައްފާނަށް ފުރުސަތު ލިބުނެވެ. އެކަމަކު އޭނާ ހިޔާރު ކުރީ އޮކްސްފޯޑެވެ.
މީގެ ހަތަރު އަހަރު ކުރިން ޝައްފާން ލަންޑަނަށް ދިޔައީ 2014ގެ އޭލެވެލް އިމްތިހާނުން އެއް ވަނަ ހޯދައިގެން ލިބުނު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގެ ދަށުންނެވެ. އޭނާ ވަނީ އެ ފަހަރު ދުނިޔޭގެ ފެންވަރުގެ ވަނަތައް ވެސް ހޯދައިފަ އެވެ. ކިންގްސް ކޮލެޖް ލަންޑަނުގައި ވެސް ޝައްފާނު ފާހަގަކުރެވުނީ މޮޅު ދަރިވަރެއްގެ ގޮތުގަ އެވެ.
ނަތީޖާއަށް ބަލައި އެ ޔުނިވަސިޓީން ދޭ "ޑިކްސަން ޕޫން ސްކޮލަޝިޕް އެވޯޑް"، ޝައްފާން ކިޔެވި ތިން އަހަރު ވެސް ހޯދި އެވެ. އޭގެ އިތުރުން އޭނާގެ ކޯހުގެ އެކި ބައިތަކާއި މޮޑިއުލްތަކުން އެއް ވަނަ ހޯދާފައިވާއިރު ކޯސް ނިންމާލީ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ.
ޝައްފާން ދެކޭ ގޮތުގައި އޭނާގެ އެންމެ ބޮޑު ކާމިޔާބީ އަކީ ޕްރޮފެސަރު ޓާންޔާ އެޕްލިންގެ އިރުޝާދުގެ ދަށުން އޭނާ މިދިޔަ އަހަރު ލިޔުނު ދިރާސީ މަޒުމޫނު، އޮކްސްފޯޑުގެ ޔުނިވަސިޓީ ޕްރެސްގެ ޖާނަލް އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ ލޯ އެންޑް ޕްރެކްޓިސްގައި މި އަހަރު ޝާއިއުކުރުމެވެ. އެއީ ޝައްފާން އަމިއްލައަށް ފުރިހަމަކުރި ދިރާސާ ހޯދުންތައް ބޭނުންކޮށްގެން، ޕްރޮފެސަރާ އެކު ލިޔުނު މަޒްމޫނެކެވެ.
ޝައްފާން: ތައުލީމީ ހުރިހާ މަރުހަލާއެއްގައި ވެސް އޭނާއަކީ އާދަޔާހިލާފު މޮޅު ދަރިވަރެއް
"ލަންޑަނުގައި ފުރަތަމަ ހޭދަކުރި ތިން އަހަރު ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު. ލަންޑަނުގެ މާ ގިނަ ތަންތަނެއް ވެސް ނުފެނޭ. ކްލާސްތަކަށް ތައްޔާރުވުމަށް ލިޔުންތައް ކިޔައި، ލިޔުމަށް ފަހު އަދި ދީނީ ވާޖިބުތައް އަދާކުރުމަށް ފަހު އިތުރު ވަގުތެއް ނުލިބޭ،" އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގުގެ ދަރިފުޅު ބުންޏެވެ.
ކިޔަވާ ނިންމުމަށް ފަހު ހިދުމަތް ކުރަން އެންމެ ބޮޑަށް އޭނާ ބޭނުންވަނީ ރާއްޖޭގަ އެވެ.
ޝައްފާން ބުނިގޮތުގައި ރާއްޖޭގެ ގާނޫނީ ނިޒާމުގައި އިސްލާހުކުރަން ޖެހޭ ކަންކަމާއި ކޮންމެހެން ބޭނުންވާ އެކަމަކު ނުހެދި ހުރި ގާނޫނުތައް ގިނަ އެވެ. އަދި ރާއްޖޭގެ ކޮލެޖް/ޔުނިވަސިޓީތަކުގައި ގާނޫނު ކިޔަވައިދޭ ގޮތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގިނަ ކަން ވެސް އޭނާ ފާހަގަކުރި އެވެ.
"ގާނޫނީ ދިރާސާ ކުރާ މިންވަރު އިތުރު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ވެސް ގިނަ. މި ކަންކަން ކުރުމުގައި ބައިވެރިނުވާ ނަމަ ދުނިޔޭގެ މަޝްހޫރު ޔުނިވަސިޓީތަކުން ގާނޫނު ކިޔެވުމުގެ ބޭނުމަކީ ކޮބައިތޯ؟" ޝައްފާން ބުންޏެވެ.
"މި ކަންކަމުގައި އަޅުގަނޑު ބައިވެރިވާނަން. މައިގަނޑު ގޮތެއްގައި ހިދުމަތް ކުރާނީ ރާއްޖެއަށް. އެއީ އަޅުގަނޑުގެ ޒިންމާއެއް."
އޮކްސްފޯޑުން ހިންގާ އެކި ކޯސްތަކަށް މީގެ ކުރިން ދިވެހި 10 ދަރިވަރަކު ޝަރުތު ހަމަވި އެވެ. އެކަމަކު އޭގެ ތެރެއިން ކޯސް ފުރިހަމަކުރީ ކިތައް ދަރިވަރުން ކަމެއް ސާފެއް ނުވި އެވެ.
އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރި ދިވެއްސަކަށް ޝައްފާން
"އިންސާފު ގާއިމްކުރުމުގައި ވަކީލުންގެ ޒިންމާ ބޮޑު"
ކަންބޮޑުވުންތަކާ އެކު ވަކީލުން ޖޭއެސްސީ އަށް
ބިލް ފާސްނުކުރަން ގޮވާލައި، 62 ވަކީލުންގެ ޕެޓިޝަނެއް
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވާ ކަމުގެ އިޝާރާތެއް
ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމް ކުރަނީ
ޖޭއެސްސީގެ މެމްބަރުކަމުން މާނިއު އިސްތިއުފާ ދެއްވައިފި
ޖުޑީޝަރީގެ ދެ ބިލެއް އަނެއްކާވެސް އަނބުރާ ކޮމެޓީއަށް
ބޮޑު ދެ ގާނޫނާ ގުޅިގެން ވަކީލުންނަށް ހާއްސަ ފޯރަމެއް
ބާ އިމްތިހާނުން 73 މީހަކަށް ވަކީލުކަމުގެ ހުއްދަ