Roadha Mihaaru
ލަންކާގައި އުޅޭއިރު ޕާސްޕޯޓް ހިފައިގެން އުޅެން އެދެފި

ލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުންނަ އިރު ޕާސްޕޯޓު ގެންގުޅެން އެދެފި

25 އެޕްރީލް 2019

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުންނަ އިރު ޕާސްޕޯޓް ގެންގުޅެން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ރޭ އިލްތިމާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުންނަ އިރު ޕާސްޕޯޓް ގެންގުޅެން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ރޭ އިލްތިމާސްކޮށްފި އެވެ.

ލަންކާގައި ހުންނަ އެމްބަސީން ކުރި ޓުވީޓެއްގައި ބުނީ ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ބޮންގޮއްވައި ދިން ހަމަލާތަކާ ގުޅޭ ތަހުގީގު ކުރިއަށްދާތީ ކަމާބެހޭ ފަރާތްތަކުން އަދިވެސް އަންނަނީ ގެތަކާއި އެ ނޫން ވެސް ތަންތަން ބަލައި ފާސްކުރަމުން ކަމަށެވެ. އެ އޮޕަރޭޝަނުގައި، ޗެކްޕޮއިންޓްތަކުން ޕާސްޕޯޓުތައް ވެސް ޗެކްކުރަމުން އަންނަ ކަމަށް އެމްބަސީން ބުންޏެވެ.

އެހެންވެ، ދިވެހިން ބޭރަށް ނުކުންނަ އިރު ޕާސްޕޯޓް ގެންގުޅެން ހާއްސަ ސަމާލުކަމެއް ދޭން އެމްބަސީން ވަނީ އެދެ އެވެ. އަދި ލަންކާގެ ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތަށް ޕާސްޕޯޓުގައި ވިސާގެ ކަންކަން ފުރިހަމަވެފައިވޭތޯ ބެލުމަށް ވެސް އެމްބަސީން އިލްތިމާސްކުރެ އެވެ.

ލަންކާގެ އެކި ތަންތަނުގައި އަމިއްލަ އަށް މަރުވެގެން އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި 359 މީހުން މަރުވެފައިވާ އިރު އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ 80 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމުގައި ތުހުމަތު ކުރެވޭ އެހެން މީހުން ހޯދަން ބަލަމުން އަންނަ ގެތަކުގެ ތެރޭގައި ދިވެހިން ދިރިއުޅެމުން އަންނަ ގެތައް ވެސް ހިމެނެ އެވެ.

ލަންކާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވެނީ ލަންކާގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތުންނެވެ. އެ ޖަމާއަތުގެ ބަޔކު މަލާދޭން ބައިއަތު ހިފާ ވީޑިއޯއެއް ވެސް ވަނީ އާއްމުކޮށްފަ އެވެ.