Roadha Mihaaru
ދިވެހި ބައެއް އާއިލާތައް ލަންކާ އިން އެނބުރި އަންނަނީ

ލަންކާގައި އުޅޭ ދިވެހި ބައެއް އާއިލާތައް ރާއްޖެ އަންނަނީ

30 އެޕްރީލް 2019

ސްރީ ލަންކާގައި އެކި ތަންތަނުގައި ބޮން ގޮއްވައި ދިން ހަމަލާތަކާ ގުޅިގެން އެ ގައުމަށް ކުރިމަތިވެފައި އޮތް ބިރުވެރި ހާލަތާ ހެދި ދިވެހި ބައެއް އާއިލާތައް އެނބުރި ރާއްޖެ އަންނަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސްރީ ލަންކާގައި އެކި ތަންތަނުގައި ބޮން ގޮއްވައި ދިން ހަމަލާތަކާ ގުޅިގެން އެ ގައުމަށް ކުރިމަތިވެފައި އޮތް ބިރުވެރި ހާލަތާ ހެދި ދިވެހި ބައެއް އާއިލާތައް އެނބުރި ރާއްޖެ އަންނަން ފަށައިފި އެވެ.

އަމިއްލަ އަށް މަރުވެގެން ލަންކާގެ ފައްޅިތަކާއި ހޮޓާތަކަށް މިދިޔަ އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި ވަނީ 253 މީހުން މަރުވެފަ އެވެ. އެ ހަމަލާއާ ގުޅިގެން 150 މީހުން ހައްޔަރުކޮށްފައިވާ އިރު، އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުން އަދިވެސް އަންނަނީ ހޯދަމުންނެވެ.

އެފަދަ ހަމަލާއަކުން ރައްކާތެރިވުމަށް ސަލާމަތީ ގޮތުން ފިޔަވަޅުތައް އަޅަމުން އަންނަ އިރު، ބައެއް ކަންކަމަކީ ސީދާ މުސްލިމުންނަށް އަމާޒުކޮށްފައިވާ ކަންކަމެވެ. އޭގެތެރޭގައި، ލަންކާގައި މޫނު ބުރުގާ އެޅުން މަނާކުރުމާއި ކަންފަތް ނުފެންނަ ގޮތަށް ބުރުގާ ނޭޅުން ފަދަ ކަންކަން ހިމެނެ އެވެ.

ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން "މިހާރު" އަށް ކިޔައިދިން ގޮތުގައި، ބޮމުގެ ހަމަލާތަަކަށް ފަހު ލަންކާގައި އޮތީ އަދިވެސް ބިރުވެރި ކަމެވެ. ބުރުގާ އަޅައިގެން ބޭރަށް ނުކުތުމުން ބައެއް މީހުން ބަލަނީ ޝައްކުގެ ނަޒަރަކުން ކަމަށް އެކަކު ބުންޏެވެ.

"މުސްލިމުން އުޅޭ ގެއެއް ފެނިއްޖިއްޔާ، ޕޮލިހަށް ރިޕޯޓްކޮށްގެން ފާސް ވެސް ކުރުވާ،" އޭނާ ބުންޏެވެ.

ލަންކާގެ ސަލާމަތީ ބާރުތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ވަނީ ދިވެހިންނަށް އަމާޒުކޮށްގެންނެއް ނޫނެވެ. އެ ގައުމުގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރާއިރު، ދިވެހިން ވެސް ދިރިއުޅޭ ގެތައް ހިމެނެ އެވެ. އެގޮތަށް ފާސްކުރުމުގެ ތެރޭގައި، އައިއެސްއާ ގުޅޭ ފޮތެއް ފެނިގެން ދެ ދިވެއްސަކު ވަނީ ހައްޔަރުކޮށް، އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

އެ ހާލަތާ ގުޅިގެން ބައެއް އާއިލާތަކުން މިހާރު ވަނީ ވަގުތީ ގޮތުން ރާއްޖެ އައިސްފަ އެވެ.

"ބައެއް މީހުން އެނބުރި ނުދާ ގޮތަށް ވެސް [ރާއްޖެ] ހިނގައްޖެ. ހާލަތު ރަނގަޅު ވީމަ އެނބުރި އަންނަން ދާ މީހުން ވެސް އެބަތިބި،" ލަންކާ އިން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގެ ސްކޫލްތަކާއި ޔުނިވަސިޓީތައް ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފަ އެވެ.

ކިޔެވުމާއި ސިއްހީ ފަރުވާ ފަދަ ބޭނުންތަކުގައި ލަންކާގައި ވަޒަންވެރިވެގެން އުޅޭ ދިވެހިންގެ އަދަދު 13،000 އަށް އަރަ އެވެ. އެ މީހުންނަށް، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އަންނަނީ އެކި ކަންކަމުގައި އެހީތެރިވަމުންނެވެ. އަދި ލަންކާގެ ސަލާމަތީ ބާރުތަކަށް އެއްބާރުލުން ދީ، މި ދުވަސްވަރު އަމަލުތައް ބަހައްޓަންވީ ގޮތުގެ އިރުޝާދު ވެސް އެމްބަސީން ދިވެހިންނަށް ފޯރުކޮށްދެ އެވެ.