Roadha Mihaaru
މޭގަން މާކްލްގެ ޚަބަރެއް ނެތް

މޭގަން މާކްލްގެ ޚަބަރެއް ނެތް

01 މެއި 2019

އިނގިރޭސި ޝާހީ އާއިލާގެ ކޮންމެ ކަމަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓެ އެވެ. މިހާރު އެންމެ ބޮޑު ކަމަކަށް އޮތީ އާލާސްވެ އިންނެވި، ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކްލް އަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ޝާހީ އާއިލާގެ ކޮންމެ ކަމަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓެ އެވެ. މިހާރު އެންމެ ބޮޑު ކަމަކަށް އޮތީ އާލާސްވެ އިންނެވި، ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކްލް އަށެވެ.

ޝާހީ އާއިލާ އަށް އާ މެންބަރަކު އިތުރުވާނެ އިރެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބި އިރު މޭގަންގެ އެންމެ ފަހުގެ ހާލަތާ ބެހޭ އެއްވެސް ވާހަކައެއް ޝާހީ އާއިލާ އިން ހިއްސާއެއް ނުކުރެ އެވެ. ޕްރިންސް ހެރީ އާއި މޭގަންގެ އިންސްޓަގްރާމް ސަސެކްރޯޔަލްގައި ވެސް އެކަމާ ބެހޭ އެއްވެސް ވާހަކައެއް ނެތެވެ. އަނެއްކޮޅުން ޝާހީ އާއިލާގެ ވާހަކަތައް ހިއްސާކުރާ ކެންސިންޓަން ޕެލެސްގެ ޓްވިޓާގައި ވެސް މީގެ ވާހަކައެއް ނެތެވެ.

މިހެން ތިއްބައި ހޯމަ ދުވަހު ވިހޭ ކުއްޖެއްގެ ފޮޓޯ "ދަ ރޯޔަލްފެމިލީ" އިންސްޓަގްރާމްގައި ހިއްސާ ކުރުމުން ގިނަ ބަޔަކު ހީކުރީ މޭގަން ވިހެއީ ކަމަށެވެ. އެކަމަކު ފޮޓޯތައް ރަނގަޅަށް ބެލިއިރު، މިއީ ކަމާ ނުވެސް ގުޅޭ ފޮޓޯތަކެކެވެ.

އެކަމާ ހިތްހަމަނުޖެހިގެން ބައެއް މީހުން ސޯޝަލް މީޑިއާގައި ޝާހީ އާއިލާ އަށް އެއްޗެހި ވެސް ގޮވާފައިވެ އެވެ.

ހެރީ އާއި މޭގަންގެ އަލަތު ދަރިފުޅުގެ އިންތިޒާރުގައި އެތައް މިލިއަން ބަޔަކު އެބަ ތިއްބެވެ. ޝާހީ އާއިލާގެ ޚަބަރުތައް ދިރާސާކުރާ ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މޭގަން ވިހެއަސް އެކަމާ ބެހޭ މާ ބޮޑު ތަފުސީލެއް ޝާހީ އާއިލާ އިން ހިއްސާއެއް ނުކުރާނެ އެވެ.

އެހެންވެ ދަރިފުޅުގެ ފޮޓޯއެއް ނަމަވެސް ދެކިލާ ހިތުން ތިބި މީހުން ކުރަންޖެހޭ އިންތިޒާރު ދިގުވެދާނެ އެވެ.

ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެ ދެބޭޅުންނަށް ދަރިއަކު ލިބިވަޑައިގަންނަވާކަން ޝާހީ އާއިލާ އިން އިއުލާން ކުރެއްވީ އޮކްޓޯބަރު، 15، 2018 ގަ އެވެ.