Roadha Mihaaru
ހާޓްއެޓޭކެއް ޖެހި ކަސިޔަސް ހޮސްޕިޓަލުގައި

ޕްރެކްޓިހުގެ ތެރެއިން ހާޓްއެޓޭކެއް ޖެހި ކަސިޔަސް ހޮސްޕިޓަލުގައި

01 މެއި 2019

ލިޒްބަން، ޕޯޓޯ (މެއި 1) - ޕޯޓޯގެ ޕްރެކްޓިހުގެ ތެރެއިން އެ ޓީމަށް ކުޅެމުން އަންނަ ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިޔަސް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ޕޯޓޯ އިން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިޒްބަން، ޕޯޓޯ (މެއި 1) - ޕޯޓޯގެ ޕްރެކްޓިހުގެ ތެރެއިން އެ ޓީމަށް ކުޅެމުން އަންނަ ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިޔަސް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ޕޯޓޯ އިން ބުނެފި އެވެ.

އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ޕޯޓޯއާ ހަވާލާދީ ޕޯޗުގަލްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޕޯޓޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަސިޔަސް އަށް ދިމާވި ހާދިސާ އަށް ފަހު ޕޯޓޯގެ ފަރިތަކުރުންތައް މިއަދު މެދުކަނޑާލި ކަމަށާއި ވަގުތުން އޭނާ އަށް ދޭން ޖެހޭ ފަރުވާތަށް އަވަސްކުރި ކަމަށެވެ. އަދި ހާލު ރަނގަޅުވިޔަސް މެޑިކަލީ ހުރިހާ ކަމެއް ބެލުމަށް ފަހު ނޫނީ އަލުން ކަސިޔަސް ޓީމުގެ ފަރިތަކުރުންތަކާ ނުގުޅޭނެ ކަމަށެވެ. އަދި މި ސީޒަނުގައި ދެން ކަސިޔަސް ކުޅުމުގެ ފުރުސަތު ކުޑަކަމަށް ވެސް ޕޯޓޯގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ.

ކަސިޔަސް 1999 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ރެއާލް މެޑްރިޑަށް ކުޅެ، އެ ޓީމުގެ ކެޕްޓަންކަން ކުރުމަށް ފަހު ޕޯޗުގަލްގެ ޕޯޓޯ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ފާއިތުވި ދެ ސީޒަނުގައި ކަސިޔަސް ވަނީ ޕޯޓޯ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ކަސިޔަސްގެ ކުރީގެ ޓީމު ރެއާލުން ވެސް ވަނީ އޭނާ އަށް ދިމާވި ހާދިސާއާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ. ރެއާލުން ބުނީ އެ ކްލަބްގެ ލެޖެންޑް އަދި ކުރީގެ ކެޕްޓަނަށް އަވަސް ޝިފާ އަކަށް އެދޭ ކަމަށާއި ވީ އެންމެ ބޮޑަށް އެ ކަމުގައި އެ ކްލަބަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.

ކަސިޔަސް އަކީ 2010 ވަނަ އަހަރު ސްޕެއިނުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލިއިރު ޓީމުގެ ކެޕްޓަނެވެ. ސްޕެއިން ގައުމީ ޓީމަށް 167 މެޗު ކުޅެދިން ކަސިޔަސް ވަނީ ރެއާލަށް 500 އަށް ވުރެން ގިނަ މެޗު ކުޅެފަ އެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ޕްރެކްޓިހުގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން ޗައިނާގެ ދެ ވަަނަ ޑިވިޝަނުގެ ބެއިޖިން އެންޓަޕްރައިސް އަށް ކުޅެމުން އައި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޗެއިކް އިސްމާއިލް ޓިއޯޓޭ ވަނީ މަރުވެފަ އެވެ. ކުރިން ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ޓިއޯޓޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.