Roadha Mihaaru
ކަސިޔަސް އަށް ޕޯޓޯގެ ހާއްސަ ދައުވަތެއް

ކަސިޔަސް އަށް ޕޯޓޯގެ ހާއްސަ ދައުވަތެއް

17 މެއި 2019

ލިޒްބަން، ޕޯޗުގަލް (މެއި 17) - ޕްރެކްޓިހުގައި ހުއްޓާ ހާޓް އެޓޭކެއް ޖެހުނު ޕޯޓޯގެ ސްޕެއިން ގޯލްކީޕަރު އިކާ ކަސިޔަސް އަށް އެ ޓީމުން ހާއްސަ ދައުވަތެއް ދޭން ނިންމާފައިވާ ކަމަށް އެ ކްލަބްގެ ރައީސް ޕިންޓޯ ޑަ ކޯސްޓާ ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިޒްބަން، ޕޯޗުގަލް (މެއި 17) - ޕްރެކްޓިހުގައި ހުއްޓާ ހާޓް އެޓޭކެއް ޖެހުނު ޕޯޓޯގެ ސްޕެއިން ގޯލްކީޕަރު އިކާ ކަސިޔަސް އަށް އެ ޓީމުން ހާއްސަ ދައުވަތެއް ދޭން ނިންމާފައިވާ ކަމަށް އެ ކްލަބްގެ ރައީސް ޕިންޓޯ ޑަ ކޯސްޓާ ވިދާޅުވެއްޖެ އެވެ.

މި މަހު އެއް ވަނަ ދުވަހު ޕޯޓޯގެ ފަރިތަކުރުންތަކުގެ ތެރެއިން ކަސިޔަސް އަށް ހާޓްއެޓޭކެއް ޖެހިގެން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި އެވެ. ފަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ބާއްވައި ފަރުވާދިނުމަށް ފަހު އޭނާ ދޫކޮށްލި ނަމަވެސް ކުރިއަށް އޮތް ތިން މަސް ދުވަހު އޭނާގެ ހާލަތު ވަރަށް ގާތުން މޮނިޓާކުރާނެ އެވެ.

ކުޅުން ހުއްޓާލުމާމެދު ސީދާ ގޮތެއް ނިންމާފައިނުވާއިރު، ކަސިޔަސް ޕޯޓޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. ކޯސްޓާ ވިދާޅުވީ ކަސިޔަސްއާ މެދު އެ ކްލަބުން ދެކެނީ ހަަމައެކަނި އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ނޫން ކަމަށާއި ފުޓްބޯޅައިގެ ހިދުމަތްތެރިއެއްގެ ގޮތުގައި ކަމަށެވެ.

"އަހަރެމެން ބޭނުމީ ކަސިޔަސް ކުޅުންތެރިއެއްގެ ގޮތުގައި އިތުރު އެއް އަހަރު ދުވަހު ހުންނާކަށެއް ނޫން. އޭނާ އަކީ ލެޖެންޑެއް. ފުޓްބޯޅައިގައި ޕޯޓޯއިން ކުރިއަށްދާން ކުރާ މަސައްކަތުގައި ކަސިޔަސް އަށް އެކި ގޮތްގޮތުން އެހީތެރިވެވޭނެ. އަހަރެމެން އޭނާ އަށް އެ ދައުވަތު ދޭން ބޭނުން،" ކޯސްޓާ ވިދާޅުވި އެވެ.

ކަސިޔަސް ވަނީ ޕޯޓޯގެ މެޑިކަލް ޓީމަށް ޝުކުރުއަދާކޮށްފަ އެވެ. ޕްރެކްޓިހުގައި ހުއްޓާ ހާޓް އެޓޭކް ޖެހުމުން، މެޑިކަލް ޓީމުން ދިން އަވަސް ފަރުވާގެ ސަބަބުން، އޭނާ އަށް ލިބުނު ގެއްލުން ކުޑަވި އެވެ.

އޭރު ކަސިޔަސް ބުނީ ޕޯޓޯ އިން އޭނާގެ އުމުރުން 40 އަހަރު ވަންދެން ކުޅުވަން ބޭނުންވާ ކަމަށާއި އެކަމަކު އޭގެ ކުރިން ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. އަދި ރިޓަޔާކުރުމަށް ފަހު ވެސް ޕޯޓޯއަށް ހިދުމަތްކޮށްދޭން ބޭނުންވާ ކަމަށް ކަސިއަސް ބުންޏެވެ.

ކަސިޔަސް 1999 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ރެއާލް މެޑްރިޑަށް ކުޅެ، އެ ޓީމުގެ ކެޕްޓަންކަން ކުރުމަށް ފަހު ޕޯޗުގަލްގެ ޕޯޓޯ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ފާއިތުވި ދެ ސީޒަނުގައި ކަސިޔަސް ވަނީ ޕޯޓޯ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެ ޓީމު ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ވެސް ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.