Roadha Mihaaru
ގައުމުތަކުގައި ޑިމޮކްރަސީގެ އުސޫލް އަށަގަންނަވަން ޖެހޭ

އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ގައުމުތަކުން ޑިމޮކްރަސީއަށް ތަބާވާންޖެހޭ: މައުމޫން

03 ސެޕްޓެމްބަރ 2016

އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ގައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، ޑިމޮކްރެޓިކް އުސޫލްތައް މުޖުތަމައުތަކުގައި އަށަގެންނެވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ސިންގަޕޫރުގައި ގޮވާލައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ގައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، ޑިމޮކްރެޓިކް އުސޫލްތައް މުޖުތަމައުތަކުގައި އަށަގެންނެވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ސިންގަޕޫރުގައި ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިގޮތަށް ގޮވައިލެއްވީ އިންޑިއާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޑިއާ ފައުންޑޭޝަނާއި ސިންގަޕޫރުގެ އެސް. ރާޖަރަތުނަމް ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީޒްއާ ގުޅިގެން ބާއްވަމުން އަންނަ އިންޑިއަން އޯޝަން ކޮންފަރެންސްގަ އެވެ. މި ކޮންފަރެންސްގައި 21 ގައުމަކުން ބައިވެރިވި ވެ އެވެ.

ރާއްޖެ ތަމްސީލްކުރައްވައި ވާހަކަފުޅު ދައްކަވަމުން، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް ކަން ވެސް ކުރައްވާ މައުމޫން ވިދާޅުވީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ގައުމުތަކުގެ ދާހިލީ ހަމަޖެހުން ވަރުގަދަކުރަން ޖެހޭ ކަމަށެވެ. މި ސަރަހައްދަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދަން ގައުމުތަކުގެ މެދުގައި ވާހަކަ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.

ސިންގަޕޫރުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތް ގައުމެއްގެ އިސް ބޭފުޅަކާ މައުމޫން ވާހަކަ ދައްކަވަނީ. --ފޮޓޯ: މައުމޫންގެ އޮފީސް

ސިންގަޕޫރުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތް ގައުމެއްގެ އިސް ބޭފުޅަކާ މައުމޫން ވާހަކަ ދައްކަވަނީ. --ފޮޓޯ: މައުމޫންގެ އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިއުމަން ޓްރެފިކިން އާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ހައްދުފަހަނައަޅައި ދިއުމުގެ ހަރަކާތްތަކާއި ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ތަމްރީން ދިނުމާއި އެތަންތަނަށް މީހުން ފޮނުވުމަކީ މި ސަރަހައްދަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކެވެ.

މި މައްސަލަތައް ހައްލުކޮށް އިންޑިއާ ކަނޑުގެ ސަރަހައްދަކީ އަމާން އަދި ސުލްހަވެރި، ގައުމުތައް ގުޅިގެން ކުރިއެރުމާއި ތަރައްގީ އަށް މަސައްކަތް ކުރާ ސަރަހައްދަކަށް ހެދުމަކީ މި ސަރަހައްދުގެ މުސްތަގުބަލަށް މުހިއްމު ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫންގެ ވާހަކަފުޅަށް ފަހު އެމަނިކުފާނާ ކުރިމަތިކުރުވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން، ރާއްޖޭގައި އައިއެސްގެ ނުފޫޒު ފޯރާފައިވާ މިންވަރާއި އެ ޖަމާއަތާ ގުޅިގެން ރާއްޖޭގެ ޒުވާނުން ހަނގުރާމަ އަށް ދިއުމުގެ ވާހަކަ ބޭރުގެ ނޫސްތަކުގައި ދައްކަނީ ހިނގާވަރަށް ވުރެ ބޮޑުކޮށްލައިގެން ކަމަށް މައުމޫން ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ. އެއީ ރާއްޖެ ނޫން އެހެން ތަންތަނުގައި ވެސް ހިނގާ ހަރަކާތެއް ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ އެކަން ކޮންޓްރޯލްކުރަން ރާއްޖޭގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.